ވިޔަފާރި

އެމްޓީޑީސީއިން ކުއްޔަށް ދިން ރަށްތަކުން ލިބުނީ 13 މިލިއަން ޑޮލަރު!

  • އެމްޓީޑީސީން ހަތަރު ރަށެއް ސަބްލީސް ކޮށްފައިވޭ
  • ބައެއް ރަށްތައް އަދި ނުހުޅުވޭ
  • އެމްޓީޑީސީގައި ނުވަ ރަށް އެބަ އޮތް

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ސަބްލީސް ކުރި ރަށްތަކުން މިދިޔަ އަހަރު ކުލީގެ ގޮތުގައި ލިބުނީ 13 މިލިއަން ޑޮލަރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ ޓޫރިޒަމް ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ސަބްލީސްކުރި ރަށްތަކުން މިދިޔަ އަހަރު 13 މިލިއަން ޑޮލަރު ލިބުނުއިރު، އޭގެ ކުރީ އަހަރު ލިބިފައިވަނީ 14 މިލިއަން ޑޮލަރެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީޑީސީއަށް ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ނުވަ ރަށެއް ކުއްޔަށް ދީފައިވެ އެވެ. މިގޮތުން އެ ކުންފުންޏަށް 2007 ވަނަ އަހަރު ކުއްޔަށް ދީފައިވާ ކިހަވަށްހުރަވަޅި މިހާރުގެ ގޮތުން ނަމަ އަންނަންތާ ކިހަވަށް ވަނީ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ "މައިނާ" ގްރޫޕަށް ސަބްލީޒް ކޮށްފަ އެވެ.

މި ރަށުގައި މިހާރު ފަސް ތަރީގެ ރިސޯޓެއް ހިންގަމުންދެ އެވެ. މީގެ އިތުރުން އެ ކުންފުންޏަށް ކުއްޔަށް ދީފައިވާ ގއ. މަގުދުއާ ވެސް ވަނީ ސަބްލީސް ކޮށްފަ އެވެ. މި ރަށް ސަބްލީސްކޮށްފައިވަނީ "އަހްމަޑް އައިޑެނީޒް އިންސާޓް" ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. މި ރަށުގައި މިހާރު ދަނީ "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި ފަސް ތަރީގެ ރިސޯޓެއް ހިންގަން ފަށާފަ އެވެ. އަދި ތްރީކޭ އަށް ސަބްލީސް ކޮށްފައިވާ ނާގޯށި ދަނީ އަންނަ އަހަރު ހުޅުވަން މަސައްކަތް ކުރަމުންނެވެ. އަދި "އެނބޫދޫފުށި އަދި އޮޅުވެލި" ވެސް އެމްޓީޑީސީން ވަނީ ސަބްލީސް ކޮށްފަ އެވެ. މި ރަށް ސަބްލީޒް އުސޫލުން ކުއްޔަށް ދޫކޮށް 220 އެނދުގެ ފަސް ތަރީގެ ރިސޯޓެއް ނިޔާމަ މޯލްޑިވްސްގެ ނަމުގައި ވަނީ ހުޅުވާފަ އެވެ.