ރިޕޯޓް

ރަންނަމާރި އަކީ ކާކު؟

Feb 8, 2015
6

ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބަކަށް ވާނީ މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތު ލިބިފައިވުން ކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ. ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގެ އަޞްލަކީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަ ކަމެވެ. މި އެއްބައިވަންތަ ކަމުގެ މައިގަނޑު ސަބަބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުޞޫލު ތަކާއެވެ. ކަންމިހެން ހުރުމުން ދިވެހިންނަށް ދެ ދުނިޔޭގެ ހެވާއި ނަޞީބު ލިބުމުގެ މެދުވެރިޔަކަށްވެ، ވަޑައިގަތް ރަދުން އައްސުލްޠާނު މުޙައްމަދު ބިން ޢަބްދުﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނަކީ ދިވެހި ރަސްރަސްކަލުންގެ ތެރެއިން ދިވެހި ހިތްތަކުގައި އެންމެ ބޮޑު ޤަދަރެއް ދެވިފައިވާ އެއްފަރާތެވެ.

ދިވެހިރާއްޖެ އަށް ބިދޭސީ ޓީޗަރުން ތަޢާރަފްވެގެން ދިއަ ދިއުމުގައި ދިވެހި ތާރީޚް ކިޔަވައި ދެއްވުމުގައި އެބޭފުޅުން ޙަރަކާތް ތެރިވެ ވަޑައިގަތުމާއި، ދިވެހިންނަށް ކަންކަމުގެ ތެރެއަށް ލޯހުޅުވި އެކި ގޮތްގޮތަށް ވިސްނަންފެށި ހިސާބުން ދަރުމަވަންތަ ރަސްގެފާނާއި މެދު ދިވެހި ހިތް ތަކުގައި އުފެދެމުން ދިޔަ ލޯތްބަށް ކޮންމެވެސް ވަރެއްގެ ހިޔަންޏެއް އެޅި، އެރަދުންނަށް ދިވެހި ހިތްތަކުގައި ދެވިފައިވާ ޤަދަރު ކުޑަވާން ފަށައިފިއެވެ. އެއާއެކު ރާއްޖެ އިސްލާމްވި ދުވަސްވަރު ރާއްޖެއަށް އުނދަގޫ ކުރަމުންދިޔަ ރަންނަމާރި އާއި މެދު އެތަކެއް ސުވާލުތަކެއް ދިވެހިންގެ ހިތްތަކުގައި މިއަދު ވަނީ އުފެދިފައެވެ.

ދިވެހި ތާރީޚް ދިރާސާ ކުރެއްވި މަޝްހޫރު އެޗް. ސީ. ޕީ ބެލް އޭނާގެ މޮނަގްރާފް ގައި މީލާދީން 500 ގެ އަހަރު ތަކުގައި ސިލޯނުގެ ޢިއްޒަތްތެރި އެއް ކަމުގައިވާ ކޮއިމަލާ އާއި އެމަނިކުފާނުގެ އަނބިކަނަބަލުން، އޭރުގެ ސިލޯނު ރަސްގެފާނުގެ ދަރިކަނބަލުން ރާއްޖެއަށް ވަޑައިގެން ރ. އަތޮޅު ރަސްގެތީމު ގައި ދުވަސްކޮޅަކު ތިއްބެވުމަށްފަހު މާލެއަށް ދިރިއުޅުން ބަދަލު ކުރެއްވިކަމަށް ލިއުއްވާފައި ވެއެވެ. އަދި އެދެމަފިރި ކަނބަލުންނަށް ލިބިވަޑައިގަތް ދަރިކަލުން ކަލަމިންޖާ ބުދު ދީނުގައި 12 އަހަރު، އިސްލާމް ދިނުގައި 13 އަހަރު ރަސްކަން ކުރެއްވިކަމަށް ބަޔާން ކުރައްވައެވެ. އަދި އެންމެ ފަހުން އެރަދުން މައްކާ އަށް ވަޑައިގަތް ކަމުގައި ލިޔުއްވާފައި ވެއެވެ. ދިވެހި ތާރީޚް ލިއުއްވުން ތެރިޔާ އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާމް ވުމަށް މިންވަރު ކުރެއްވި ހިނދު މަޢުރިބް ކަރައިގެ ބޭކަލެއް ކަމުގައިވާ ޔޫސުފު ޝަމްސުއްދީން ތަބްރޭޒީ ރާއްޖެ ވަޑައިގެން ދީނަށް ގޮވައިލެއްވި އެވެ. ބުދު ދީނަށް އަޅުކަން ކުރަމުންދިޔަ ދިވެހިންގެ ތެރެއިން އެކަކުވެސް އެކަލޭގެ ފާނުގެ ބަސް ޤަބޫލުކޮށް އިސްލާމް ނުވުމުން އެކަލޭގެފާނު އެމީހުނަށް އުޑުގެ ވިލާތަކުގައި ބޯޖެހެން ކައިރިވެފައިވާ ވަރުގެ ބިރުވެރި ފުރޭތައެއް ދެއްކެވިއެވެ. އެހިސާބުން އެމީހުން ބިރުގަނެ، ރަސްގެފާނާއި ރަސްގެފާނުގެ އަރިއަހުގައި ވާހައި ބަޔަކު އިސްލާމް ދީން ޤަބޫލު ކުރިކަމުގައި ތާޖުއްދީން ލިޔުއްވައެވެ. ތާޖުއްދީން ލިޔުއްވާ ފައިވާ ގޮތުން ހިޖުރައިން 548 ވަނަ އަހަރުގެ ރަބިއަލްއާޚިރާ މަހުގެ ތެރޭގައި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ނަންފުޅެއް ކަމުގައި ހަމަޖެއްސެވީ އައްސުލްޠާން މުޙައްމަދެވެ. ކޮލީ ނަންފުޅަކީ ސިރީ ބަވަނާއްދީއްތަ އެވެ.

ހިޖުރައިން 548 ވަނަ އަހަރު ރާއްޖެ އިސްލާމް ވުމަށްފަހު، އޭގެ ގާތްގަނޑަކަށް 200 ވަރަކަށް އަހަރު ފަހުން ހިޖުރައިން 744 ހިސާބުގައި ރާއްޖެ ވަޑައިގަތް މުސްލިމުންގެ މަޝްހޫރު ދަތުރުވެރިޔާ އިބުނު ބަޠޫޠާ އޭނާގެ ދަތުރު ނާމާގައި ލިޔުއްވާފައި ވަނީ ދިވެހިރާއްޖޭގެ ރައްޔިތުން ކާފަރު ކަންމަތީ ތިބި ދުވަސްވަރު ކޮންމެ މަހަކު އެއްފަހަރު މާކަނޑާއިވީ ފަރާތުން ބައްތިތަކެއް ދިއްލާފައިވާ ނަވެއް ކަހަލަ ޖިންނިއެއް ފާޅުވާކަމަށެވެ. މި ޖިންނި ފާޅުވުމުން ޤުރުއަތުން ހޮވޭ ބިކުރުވެރި އަންހެންކުއްޖަކު ނަލަ ހައްދައިގެން ގެންގޮސް އަތިރިމަތީގައި ހުންނަ ބުދު ފައްޅީގައި ބައިންދައެވެ. ފަހު ދުވަހު މީހުންގޮސް ބަލާއިރު އެ އަންހެން ކުއްޖާ އޮންނަނީ މަރުވެފައި ކަމުގައި އިބްނު ބަޠޫޠާ ލިޔުއްވާ ފައިވެއެވެ. މިގޮތަށް ކަން ހިގަމުން ދަނިކޮށް މަޢުރިބް ކަރައިގެ ބޭކަލެއް ކަމުގައިވާ އަބުލްބަރަކާތު ބަރުބަރީ ކިޔާ ބޭކަލަކު ވަޑައިގަތް ކަމަށާއި އެކަލޭގެފާނު ހުންނެވި ގޭގެ ކުއްޖަކު ޤުރުއަތުން ހޮވިގެން ބުދު ފައްޅިއަށް ގެންދަން އޮތްރޭ އެކުއްޖާގެ ބަދަލުގައި އެކަލޭގެފާނު ފައްޅިއަށް ވަޑައިގެން ޤުރުއާން ކިޔަވާ ވިދާޅުވާން ހުންނަވަނިކޮށް ޖިންނި ނުވަތަ ރަންނަމާރި ފާޅުވުމަށް ފަހު ޤުރުއާނުގެ އަޑު އިވުމުން އޭތި ޢާއިބުވެގެން ދިޔަ ކަމަށްވެސް ލިޔުއްވާފައި ވެއެވެ. މި ޙާދިސާ އަށްފަހު ރަސްގެފާނު، ޝަނިވިރާޒާ އިސްލާމް ދީން ޤަބޫލު ކުރައްވައި ދިވެހިރާއްޖޭގައި އިސްލާމް ދީން ފެތުރުއްވެވުމަށް އަމުރު ކުރެއްވީކަމަށް ބަޔާން ކުރައްވައެވެ. އަދިވެސް އިބުނު ބަޠޫޠާ ލިޔުއްވާފައި ވެއެވެ. އިބުނު ބަޠޫޠާ ރާއްޖޭގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ތެރެއިން ރެއެއްގައި މީސްތަކުން ތަކުބީިރު ކިޔަމުން ބޯމަތީގައި ކީރިތި ޤުރުއާން ފޮތްތައް ބަހައްޓައިގެން ދުވަނިކޮށް ކިހިނެއްވެގެން އުޅެނީ ތޯ ބަލާލިއިރު އެނގުނީ އެއްކަލަ ރަންނަމާރި ކަނޑުން ފާޅުވީ ކަމެވެ. ދެން އެކަލޭގެފަނު ވެސް ކަނޑާއި ދިމާއަށް ބެއްލެވި އިރު ބައްތިތަކުން ދިއްލިފައިވާ ނަވެއްކަހަަލަ އެއްޗެއް ފާޅުވެފައި ހުއްޓެވެ. ޤުރުއާން ކިޔަވަން ފެށުމުން އޭތި ޢާއިބުވެގެން ހިނގައްޖެއެވެ. އެރޭ އެމީހުންގެ ކިބައިން ލިބުނު މާޢުުލުމާތަކީ އެރަންނަމާރި ކޮންމެ މަހަކު އެއްފަހަރު ފާޅުވަމުން ދިޔަކަމެވެ.

އިސްވެ ދެންނެވި ތިން ރިވާޔަތަށް ބަލާއިރު އެއްގޮތް ކަންތައްތަކެއް ފާހަގަ ކުރެވެއެވެ. ރަސްގެފާނު ރަސްކަން ކުރެއްވި މުއްދަތު އެއްގޮތެވެ. އިސްލާމް ދީނަށް ބަދަލުވުމަށްފަހު ރަދުން އިޚުތިޔާރު ކުރެއްވީ މުހައްމަދެވެ. އަދި ރަދުން އިސްލާމް ދީން ޤަބޫލު ކުރެއްވުމުގައި ކަރާމްތްތެރިކަމެއް ފެނުނެވެ. މިކަަރާމާތަކީ "ރަންނަމާރިއެއް" ފެނުމާއި، އިސްލާމް ދީނުގެ ސަބަބުން އެރަންނަމާރި ޢާއިބު ވެގެން ދިއަކަމެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ރަންނަމާރި އަކީ އިންސާނެއް ހެއްޔެވެ؟ ކުރެވޭ ސުވާލެވެ. މިސުވާލުގެ ޖަވާބު ވަރަށް ފަސޭހައިން ލިބެން އެބައޮތެވެ. މިޞްރުގައިވާ ނީލަ ކޯރުގެ ފެންގަނޑު ބޮޑުވެ ރަށުތެރެއަށް ފެތުރެން ފެށުމުން ބޯދާ ޒަމާނުގައި މިޞްރު މީހުން ބިކުރުވެރި އަންހެން ކުއްޖަކު އެކޯރަށް ފައްތައެވެ. އެހިސާބުން ކޯރުގެ ފެންގަނޑު ހަމަޔަކަށް އެޅެއެވެ. ޢުމަރުގެ ފާނުގެ ޚާލީފާ ކަމުގައި މިޞްރަށް އިސްލާމް ދީނުގެ ނޫރު ފޯރުމަށްފަހު ނީލަ ކޯރުގެ ފެންގަނޑު ބޮޑުވެ ރަށުތެރެއަށް ފެތުރެން ފެށުމުން ޢުމަރުގެފާނު ގެ ފަތްކޮޅެއް ނީލަ ކޯރަށް ފެއްތުމުން އެ ކޯރުގެ ފެންގަނޑު ހަމަޔަކަށް އެޅުނުކަން އިސްލާމީ ތާރީޚުން އެނގެން އެބައޮތެވެ. މި އަލިގަދަ ދަލީލާއެކު އިސްލާމް ދީނުގެ މަތިވެރިކަމާއި ވަލީވެރިންގެ ކަރާމާތް ތެރިކަމުން އާދަޔާއި ޚިލާފު ކަންތައްތައް ވެގެން ގޮސްފައި ހުރިކަން ޤަބޫލު ކުރަން ޖެހެއެވެ. މި ސަބަބާއި ހުރެ ދިވެހިރާއްޖެ އިސްލާމްވި ދުވަސްވަރު ރާއްޖެއަށް އުނދަގޫ ކުރަަމުންދިޔަ ރަންނަމާރި އަކީ އިންސާނެއް ނޫން ކަމާއި، އެއީ އެކަމުގައި މެދުވެރިވި ވަލީ ވެރިންގެ ކަރާމާތް ތެރިކަން ކަމަށް ވުމުގެ ފުރުޞަތު ބޮޑެވެ.

ދިވެހިރާއްޖެ އިސްލާމްވި ޙާދިސާ ހިގިތާ 200 ވަރަކަށް އަހަރު ފަހުން، ހިޖުރައިން 744 ވަނަ އަހަރު ތެރޭގައި ރާއްޖެ ވަޑައިގަތް އިބުނު ބަޠޫޠާ ރިވާ ކުރައްވާފައިވާ ރިވާޔަތަކީ އެދުވަސްވަރު ރާއްޖޭގައި ތިއްބެވި އިތުބާރު ކުރެވޭ މީހުން ކަމުގައިވާ ޤާޟީ ޢަބްދުﷲ އާއި މުޢައްލިމު ޢަލީ ފަދަ އެތަކެއް އިތުބާރު ހުރި ފަރާތް ތަކެއްގެ އަރިހުން ލިބިފައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ކުރައްވާފައިވާ ރިވާޔަތެކެވެ. ރާއްޖެ އިސްލާމްވި ތާރީޚާއި އިބްނު ބަޠޫތާ ރާއްޖެ ވަޑައިގަތް ދުވަސްވަރާއި ދެމެދުގައި ހިނގާފައިވަނީ 200 ވަރަކަށް އަހަރު ކަމަށް ވުމުން އިބުނު ބަޠޫތާ އާއި ހަމައަށް ދިވެހިރާއްޖެ އިސްލާމް ވި ގޮތުގެ ވާހަކަ ފޯރުކޮށް ދެއްވި ބޭފުޅުން ގެ ކާފަ ނުވަތަ މުނިކާފަ، ރާއްޖެ އިސްލާމް ވިއިރު ދުނިޔޭގައި ހުރުމުގެ ފުރުޞަތު އެބައޮތެވެ. އެހެންކަމުން މުނިކާފަގެ ފަރާތުން ކާފަޔަށް ކާފަގެ ފަރާތުން ބައްޕަ އާއި ހަމައަށް ފޯރާ ފައިވާ ވާހަކަ ތަކުގެ އިތުބާރު ބޮޑުވާނެކަމަށް ޤަބޫލުކުރެވެއެވެ.

އިބުނު ބަޠޫތާގެ ވާހަކަ ތަކުގައި ރާއްޖެއަށް އެރިކަމަށް ބުނާ ވައްތަރުގެ ރަންނަމާރިއެއް އެކަލޭގެފާނު ރާއްޖޭގައި އުޅުއްވި ދުވަސްވަރު ދެކެވަޑައިގެންނެވި ކަމާށާއި، އެރޭ މީސްތަކުން ޤުރުއާން ކިޔަވަން ފެށުމުން ރަންނަމާރި ޢާއިބު ވެގެން ދިޔަ ކަމަށް ވިދާޅުވެފައި ވެއެވެ. މިސަބާއިހުރެ ރާއްޖެއަށް އެރި ރަންނަމާރިއަކީ އިންސާނެއް ނޫން ކަން ޤަބޫލު ކުރެވެއެވެ. ހަމަޔަޤީނުންވެސް އިބުނު ބަޠޫޠާ ދިވެހިރާއްޖެއަށް ވަޑައިގެންނެވި ދުވަސްވަރު ރާއްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާނާ ޚާދީޖާ ރެހެންދި އެވެ. އެއީ އަންހެން ބޭކަނބަލެކެވެ. ރާއްޖެ އިސްލާމްވި ދުވަސްވަރު ރާއްޖެގެ ތަޚުތު ގައި އިންނެވި ކަލަމިންޖާ ފަހުން އައްސުލްޠާނު މުޙައްމަދު ބިން ޢަބްދުﷲ އޭރު ދުނިޔޭގައި ހުންނެވިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އެމަނިކުފާނު ދުނިޔޭގައި ހުންނެވިޔަސް 200 އަހަރަށް ވުރެ ޢުމުރު ފުޅުުން ދުވަސް ވެދާނެ އެވެ. މިޙަޤީޤަތަށް ބުރަވެހުރެ، ރަންނަމާރިއަކީ ދިވެހިންނަށް އިސްލާމް ދީނަށް ވަނުމަށް ރަސްއަމުރު ހިންގެވި ރަދުން މުޙައްމަދު ބިން ޢަބުދުﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނު ނޫންކަމުގައި ޤަބޫލު ކުރަންޖެހެއެވެ.