ބޮލީވުޑް

ކައިވެނިކުރާ ނަމަ ޓްވީޓަކުން އެކަން އަންގާނަން: ސަލްމާން

May 21, 2016

ސުޕަސްޓާ ސަލްމާން ޚާން، މިދިޔަ ހަފްތާގައި އޮތް ޕްރިތީ ޒިންޓާގެ ކައިވެނީގެ އުފަލުގައި ބޮލީވުޑްގެ އެކުވެރިންނަށް ބޭއްވި ޕާޓީއަށް ލޯބިވެރިޔާ ކަމަށް ބުނާ ލޫލިއާ ވަންތޫރް ގޮވައިގެން ދިއުމުން، މިދެމީހުންގެ ދެމެދުގައި އޮތް ގުޅުން އެހެން ހަރުފަތަކަށް ގެންނަން އުޅޭކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.

ސަލްމާން އާއި ލޫލިއާ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރަން އުޅޭ ހަބަރާއެކު އަނެއްކާވެސް ސަލްމާންގެ ކައިވެނީގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ.

ސަލްމާން އާއި ލޫލިއާ ކައިވެނިކުރަން އުޅޭ ވާހަކަ ދެކެވެމުން ދަނިކޮށް ސަލްމާން ވަނީ އޭނާ ކައިވެނިކުރަން ނިންމުމުން ކައިވެނީގެ ހުރިހާ ކަމެއް އޭނާގެ ފޭނުންނާއި ޓްވީޓަކުން ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

އައިފާގެ އިވެންޓެއްގައި ބައިވެރިވެ ނޫސްވެރިންނާ ވާހަކަދައްކަމުން ސަލްމާން އޭނާގެ ކައިވެންޏާ ބެހޭގޮތުން ވާހަކަދައްކާފައިވަނީ އޭނާގެ ބޭބެ ސޮހެއިލް ޚާން އާއި ބައްޕަ ސަލީމް ޚާން ރެސްޓޯރަންޓަކުން ނިކުންނަނިކޮށް ސަލްމާންގެ ކައިވެންޏާ ބެހޭގޮތުން ސުވާލުކުރުމުން ރުޅިއައިސްގެން ސޮހެއިލް ނޫސްވެރިޔަކާ ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަދެއްކި ކަމަށް އަޑުއަރާފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ސަލްމާން ވަނީ ސޮހެއިލް ނޫސްވެރިންނާ މެދު ކަންތައްކުރީ ގޯސްކޮށް ނޫން ކަމަށާއި ރޭގަނޑު 12 ޖަހާ ބޮޑުވި ފަހުން އޭނާގެ ބައްޕަ ރެސްޓޯރަންޓަކުން ނިކުންނަނިކޮށް ހުރިހާ ނޫސްވެރިން އޭނާގެ ބައްޕަ ވަށާލައި، މައިކުތަކާއި ކެމެރާތައް ބައްޕަގެ މޫނު މައްޗަށް ވާގޮތަށް ބަހައްޓައި އޭނާ ކައިވެނިކުރަނީ ކޮން ދުވަހަކުންތޯ އެހުން އެއީ ރަނގަޅު ކަމެއްތޯ ބުނެފަ އެވެ. އަދި އޭނާގެ ބައްޕައަކީ 80 އަހަރުގެ މުސްކުޅި މީހެއް ކަމަށާއި ނޫސްވެރިން އޭނާގެ ބައްޕަގެ އުމުރަށް ވެސް އިހްތިރާމްކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.

މިއިވެންޓުގައި ވެސް ސަލްމާން ކައިވެނިކުރަނީ ކޮން ދުވަހަކުންތޯ އެހުމުން ވަނީ އެއީ އޭނާގެ ޒާތީ ދިރިއުޅުމުގެ ކަމެއް ކަމަށާއި އެވާހަކަތައް ނޫސްވެރިންނާއި ހިއްސާކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

"އަހަރެން ކައިވެނިކުރާ ދުވަސް އަހަރެންގެ ފޭނުންނާ ހިއްސާކުރާނަން. ކައިވެނިކުރަން ވީމަ ފޭނުންނަށް ޓްވީޓަކުން އަންގާނަން" ސަލްމާން ބުންޏެވެ.

ސަލްމާން އާއި ލޫލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާތާ މިހާރު ދެއަހަރަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ. ނަމަވެސް މިހާތަނަށްވެސް އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ. ނަމަވެސް މިފަހަކަށް އައިސް ސަލްމާން އާއެކު ލޫލިއާ ފެންނަލެއް ވަނީ ގިނަވެފަ އެވެ.

ބުނެވޭ ގޮތުގައި ސަލްމާން އާއި ލޫލިއާ ކައިވެނިކުރަން ނިންމާފައިވަނީ އޭނާގެ އުފަންދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.