ޕީއެސްއެމް

އެންމެ އަލިގަދަ ތަރީގެ ފުވައްމުލަކު އޮޑިޝަން ފަށައިފި!

އެންމެ ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ މީހެއް ހޮވާ މުބާރާތް "އެންމެ އަލިގަދަ ތަރި" ގެ ފުވައްމުލަކު އޮޑިޝަން މިއަދު ފަށައިފި އެވެ. ފުވައްމުލަކުގައި އޮޑިޝަން ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެވެ.

އެންމެ އަލިގަދަ ތަރި އަކީ ކީރިތި ޤުރުއާން އަށް ލޯބި ކުރާ ފަރާތްތައް އުފައްދާ ޤުރުއާން އަށް މުޖުތަމައުގައި ކުރާ ގަދަރާއި އިހްތިރާމް އިތުރުކުރުމަށްޓަކައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހު ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ އެހެން އަހަރުތަކަށް ވުރެ ކުލަގަދަކޮށް، ބޮޑެތި އިނާމް ތަކަކާވެސް އެކު އެވެ. މިއަހަރު މި މުބާރާތަށް ބައި މިލިއަން ރުފިޔާ ހަރަދުކުރަން ޕީއެސްއެމުން ވަނީ ނިންމާފަ އެވެ.

ފުވައްމުލަކުގެ އަތޮޅު ކައުންސިލް ހޯލުގައި މިއަދު ފަށާފައިވާ އޮޑިޝަންއާ ބެހޭ ގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން މުބާރާތުގެ ޕްރޮޑިއުސާ އަލީ ރިލްވާން ވިދާޅުވީ، މިއަދުގެ އޮޑިޝަނަށް ފުވައްމުލަކުން ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިއަދު 9:00 އިން ފެށިގެން ރަޖިސްޓްރޭޝަން އާއި އެކު އޮޑިޝަންތައް ފަށާފައިވާ އިރު މިރެއާ ހަމަޔަށް ވެސް ރަޖިސްޓްރީކޮށް އޮޑިޝަން ދެވޭނެ ކަމަށެވެ.

"އެންމެ ފަހު މީހާއަށް ވެސް އަޅުގަނޑުމެން ފުރުސަތު ދޭންނަން. މިއީ ވަރަށް ގިނަ މީހުން ބޭނުންވާނެ ފުރުސަތެއް. އެހެން ވީމަ އަޅުގަނޑުމެން މި އަންދާޒާކުރަނީ މިރޭ 8:30 ހާ އިރަށް ހުރިހާ އޮޑިޝަނެއް ނިންމާލެވޭނެ ކަމަށް،" ރިލްވާން ވިދާޅުވި އެވެ.

އެންމެ އަލިގަދަ ތަރިއަށް ފުވައްމުލަކުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އެރަށަކީ ރާއްޖޭގެ ނިސްބަތުން ވެސް ކީރިތި ގުރުއާން މޮޅަށް އަދި ރީތިކޮށް ކިޔަވާ ހާފިޒުން ގިނަ ރަށެކެވެ.

ފުވައްމުލަކު އޮޑިޝަން ނިންމާލުމަށްފަހު އެ ޓީމުގެ ބައިވެރިން ދެން ދަތުރުކުރާނީ ގދ. ތިނަދު އަށެވެ. ތިނަދޫ އޮޑިޝަން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެއަށް ފަހު ދެން އޮންނާނީ ހއ. އިހަވަންދޫ އޮޑިޝަން އެވެ. އެ އޮޑިޝަން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ. މާލެ އޮޑިޝަން ބާއްވަން ހަމަޖެހިފައިވަނީ ފެށޭ ޖޫން އެއްވަނަ ދުވަހާއި ދެވަނަ ދުވަހު އެވެ.