ވިޔަފާރި

ތެލުގެ އަގު ދަށްވުމުން އެސްޓީއޯގެ އާމްދަނީ 20 ޕަސެންޓް ދަށްވެއްޖެ

  • ތެލުގެ އާމްދަނީ 33 ޕަސެންޓް ވަނީ ދަށްވެފައި
  • އެސްޓީއޯގެ ސާފު ފައިދާއަށް ވެސް އަސަރު ކުރި
  • އާމްދަނީ އަށް ލިބުނީ 7.3 ބިލިއަން ރުފިޔާ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއުމުގެ ސަބަބުން އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 20.3 ޕަސެންޓް ދަށްވެއްޖެ އެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ލިބިފައިވަނީ 7.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެކުރީ އަހަރު ލިބިފައިވަނީ 9.1 ބިލިއަން ރުފިޔާ އެވެ. މިއީ 20.3 ޕަސެންޓް ދަށް އަދަދެކެވެ.

އެސްޓީއޯގެ ގްރޫޕް ވިޔަފާރީގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރާއްޖެއަށް ތެޔޮ އެތެރެ ކޮށްގެންނެވެ. އެ ކުންފުނީގެ ވިޔަފާރީގެ 66.4 ޕަސެންޓް ހިއްސާކުރާ ތެލުގެ ވިޔަފާރިން މިދިޔަ އަހަރު 4.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. ނަމަވެސް އޭގެކުރީ އަހަރު ލިބިފައިވަނީ 7.2 ބިލިއަން ރުފިޔާ އެވެ. ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެސްޓޯއަށް ތެލުން ކުރިން ލިބެމުން އައި އާމްދަނީ ވަނީ 33 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އާމްދަނީ ރިޕޯޓުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 520 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި 573 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ މައިގަނޑު ވިޔަފާރިއަށް ބަލާއިރު ކާނާގެ ބާވަތްތަކުން އާމްދަނީގެ ގޮތުގައި 514 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކޮންސްޓްރަކްޝަން މެޓީރިއަލްގެ ވިޔަފާރިން 189 މިލިއަން ރުފިޔާ ލިބިފައިވާއިރު، އިލެކްޓްރޯނިކް ވިއްކާ ހޯމް އިމްޕްރޫވްމަންޓުގެ ވިޔަފާރިން 292 މިލިއަން ރުފިޔާ އަދި ރާއްޖެއަށް ބޭހާއި ސިއްހީ ސާމާނު އެތެރެކޮށްގެން 731 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.