ބޮލީވުޑް

"ސަރްބްޖިތް": ރަންދީޕު މޮޅު، ފިލްމު ކަމަކު ނުދިިޔަ!

May 21, 2016
1

ޑައިރެކްޓަރު އޮމަންގް ކުމާރުގެ އެންމެފަހުގެ ފިލްމު، "ސަރްބްޖިތް" އިއްޔެ ރިލީޒްކޮށްފައިވާއިރު، މިފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބިގެން ގޮސްފައިވާ ތަރުހީބު ހީކުރި ވަރަށް ވުރެ ވެސް މާބޮޑަށް ދަށެވެ.

ސަރަބްޖިތް ސިންގް ކިޔާ މީހެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ މިފިލްމަށް ފުރަތަމަ ދުވަހު ލިބިފައިވަނީ އެންމެ 3.69 ކްރޯޑެވެ. މިއީ މިފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް ލިބުނު ތަރުހީބަށް ބަލާއިރު ދަށް އަދަދެއް ނަމަވެސް މިފިލްމު ވަރަށް އަސަރުގަދަ ކަމަށްވެ އެވެ.

އައިޝްވާރިޔާ ރާއީ އާއި ރަންދީޕު ހޫޑާ އަދި ރިޗާ ޗައްޑާ ލީޑްރޯލުން ފެނިގެންދާ މިފިލްމުން ވަނީ ސަރަބްޖިތް ޕާކިސްތާނުގެ ޖަލުގައި އަނިޔާވެރިކޮށް ގެންގުޅުނު އިރު އޭނާގެ އާއިލާއިން ތަހަންމަލުކުރި ވޭނާއި ހިތްދަތިކަން ވަރަށް ރަނގަޅަށްވެސް ބެލުންތެރިންގެ ހިތްތަކާއި ހަމަޔަށް ގެނެސްދީފަ އެވެ.

މިފިލްމުގެ ލީޑްތަރިންގެ ފަރާތުން ފެނިގެން ގޮސްފައިވާ ޕާފޯމަންސާ ބެހޭގޮތުން ފިލްމު ކްރިޓިކްސް އިން ފާހަގަކޮށްފައިވާ ގޮތުގައި ރަންދީޕްގެ ސަރަބްޖިތްގެ ރޯލު ކުޅެފައިވާލެއް މޮޅުކަމުން ބެލުންތެރިން އާޝޯހުވާވަރުވާ ކަމަށާއި، ނަމަވެސް އައިޝްވާރިޔާ ހުށަހެޅުން އެހާ ހިތްގައިމުނޫން ކަމަށް ބުނެފަ އެވެ.

ކްރިޓިކްސްއިން ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް އައިޝްވާރިޔާ އަކީ މިރޯލަށް އެއްވެސް ގޮތަކަށް ފިޓްވާ މީހެއް ނޫން ކަމަށާއި އޭނާ ދަލްބީރްގެ ރޯލު ކުޅެން ނެގުމަކީ ޑައިރެކްޓަރަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެފަ އެވެ.

އައިޝްވާރިޔާ މިފިލްމުގައި ކުޅުނީ ޕަންޖާބު މީހެއްގެ ރޯލު ކަމުން، އިރުއިރުކޮޅާ އޭނާ އަށް ޕަންޖާބުގެ އެކްސެންޓް ގެއްލިގެންދާ ކަމަށާއި ގަދަޔަށް ރޮއި ބާރަށް ވާހަކަދައްކަން ޖެހޭ މަންޒަރުތަކުގައި ބެލުންތެރިންގެ ބޯފަޅައިގެންދާ ވަރަށް އޭނާގެ އެކްޓިން ބޮލަށް އުނދަގޫވާ ކަމަށް ކްރިޓިކްސް ފާހަގަކޮށްފައިވެ އެވެ. އަދި މިފިލްމުގައި ރަންދީޕުގެ އެކްޓިން މޮޅުކަމުން ކޮންމެހެން ވެސް މިފިލްމު ބަލަންޖެހޭނެ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ވަކިން ހާއްސަކޮށް އޭނާ ޕާކިސްތާނުގެ ޖަލުގައި އަނިޔާވެރިކޮށް ގެންގުޅުނު މަންޒަރުތައް ކުޅެފައިވާލެއް މޮޅުކަމުން ލޮލުން ކަރުނަ ހިލޭ ކަމަށް ބުނެފަ އެވެ.

ފުރަތަމަ ދުވަހު މިފިލްމަށް ލިބުނު އާމްދަނީ ދަށް ކަމުން ކުރިއަށް އޮތް ހަފްތާ ބަންދުގައި ވާނެ ގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް މިފިލްމާއެކު އިތުރު ފިލްމެއް ރިލީޒްވެފައިނުވާތީ ކުރިއަށް އޮތް ދުވަސްތަކުގައި މިފިލްމުގެ ވިޔަފާރި ރަނގަޅުވެދާނެ ކަމަށް ބެލެވެ އެވެ.

"ސަރްބްޖިތް" އަކީ އޮޅިގެން ޕާކިސްތާނުގެ ބޯޑަރު ހުރަސްކުރެވި، އޭނާ އަކީ އިންޑިއާއިން ޕާކިސްތާނަށް ޖާސުސްކުރަން ފޮނުވި މީހެއް ކަމަށް ބުނެ 23 އަހަރު ވަންދެން ވަރަށް އަނިޔާވެރިކޮށް ޕާކިސްތާނުގެ ޖަލުގައި ގެންގުޅެނިކޮށް މަރުވި ބޭބެއަށް އިންސާފު ހޯދައިދޭން ދައްތައަކު ކުރާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ.