ބޮލީވުޑް

ކެންސަރު ޖެހިފައިވާ ކުއްޖެއްގެ ހުވަފެން އަމީތާބް ހަގީގަތަކަށް ހަދައިދީފި

May 21, 2016
1

ކެންސަރު ޖެހިފައިވާ އަންހެން ކުއްޖެއްގެ ހުވަފެން މެގަސްޓާ އަމީތާބް ބައްޗަން ހަގީގަތަކަށް ހަދައިދީފި އެވެ.

ކެންސަރާ ހަނގުރާމަ ކުރަމުންދާ ހަރްދިކާގެ ހުވަފެން އަމީތާބް ހަގީގަތަކަށް ހަދާދީފައިވަނީ އޭނާގެ އުފަންދުވަސް އަމީތާބާއެކު ފާހަގަކުރަން ބޭނުންވުމުންނެވެ. އަމީތާބް ވަނީ ހަރްދިކާގެ އުފަންދުވަސް އޭނާ ފާހަގަކުރަން ބޭނުންވި ގޮތަށް އޭނާ އާއެކު އުފަންދުވަހުގެ ކޭކު ފަޅާފަ އެވެ.

ހަރްދިކާގެ އުފަންދުވަސް އޭނާއާ އެކު ފާހަގަކުރުމަށްފަހު، އަމީތާބް އޭނާގެ ބްލޮގްގައި ވަނީ ހަރްދިކާގެ އުފަންދުވަސް ފާހަގަކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ. މިފޮޓޯ އާއެކު އަމީތާބް ވަނީ ކެންސަރު ޖެހިފައިވާ ހަރްދިކާގެ އެދުމަކަށްވީ އަމީތާބްއާ ބައްދަލުކޮށް އޭނާގެ އުފަންދުވަސް އަމީތާބްއާ އެކު ފާހަގަކުރަން ކަމަށް ބުނެފަ އެވެ.

ހަރްދިކާއާ ބެހޭގޮތުން ވާހަކަދައްކަމުން އަމީތާބް ވަނީ އޭނާއަކީ ވަރަށް ރީތި އެހާމެ ހިތްތިރި ކުއްޖެއް ކަމަށާއި އޭނާ އެއް ތަނުން އަނެއްތަނަށް ގޮސް އުޅެނީ ނޭފަތަށް ގުޅާފައިވާ އޮކްސިޖަން ފުޅިއެއް ހިފައިގެން ކަމަށް ލިޔެފަ އެވެ.

އިތުރަށް އަމީތާބް ވަނީ އެފަދަ ބޮޑު ވޭނެއް ތަހަންމަލު ކުރަމުންދާ އަދި އުންމީދު ގެއްލިފައިވާ ކުއްޖަކާ ކުރިމަތިލުމަކީ ހިތަށް ވަރަށް އުނދަގޫވި ކަމެއް ކަމަށާއި ނަމަވެސް ވަރަށް ހިތްވަރުން އޭނާއާ ބައްދަލުކޮށް އޭނާގެ އެދުން ފުރިހަމަ ކޮށްދީފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކުއްޖާގެ އެ ހާއްސަ ދުވަހު އޭނާގެ މޫނު މައްޗަށް ގެނެސްދެވުނު ހިނިތުންވުން ކަމަށް ބުނެފަ އެވެ.

އިތުރަށް އަމީތާބް ވަނީ އޭނާ އެދެނީ ހަރްދިކާ އަށް އަވަސް ޝިފާއަކަމަށް ބުނެފަ އެވެ. އަދި އަމީތާބް ވަނީ ހަރްދިކާ އަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މާބޮނޑިއެއް ވެސް ދީފަ އެވެ.