މޫސުން

ބާރުގަދަ "ރޯނު" ތޫފާން އަރައި ބަންގްލަދޭޝްގެ ފަސް މީހަކު މަރުވެއްޖެ

ރާއްޖެއާއި ލަންކާ ފަހަނައަޅައި ބަނގްލަދޭޝްގެ ދެކުނަށް މިހާރު ދަތުރުކުރަމުންދާ "ރޯނު" ތޫފާނުގައި ގަދަ ވަޔާއެކު ވެހުނު ބޯ ވާރޭގައި މިހާތަނަށް ފަސް މީހަކު މަރުވެއްޖެ އެވެ. މީހުން މަރުވެފައިވަނީ ބަނގްލަދޭޝްގެ ދެކުނުން އައްސޭރިއާއި ކައިރީގައިވާ ދެ އަވަށަކުންނެވެ. ރޯނު ތޫފާނުގެ ސަބަބުން މިހާތަނަށް ފަސް މީހަކު މަރުވެ އެތައް ހާސް ބަޔަކަށް އެ ސަރަހައްދު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަން މަޖުބޫރުވެފައިވާއިރު، އެ ތޫފާނުގައި އެ ހިސާބުގަނޑުގެ އަވަށްތަކުގައި 5 ފޫޓާއި 4 ފޫޓަށް ފެންބޮޑުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

ތޫފާން ދަތުރުކުރަމުންދާ މިސްރާބު ލަފާކުރުމަށްފަހު އެގައުމުގެ ސަރުކާރުން ވަނީ އެންމެ ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ބެލެވޭ ހިސާބުތަކުން މީހުން، ތޫފާނާ ގުޅިގެން ގާއިމްކޮށްފައިވާ ރައްކާތެރި ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން މިހާރުވެސް 60،000 އެއްހާ މީހުން ވަނީ އެ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. މިރޭގެ އިރު އޮއްސުމުގެ ކުރިން އިތުރު މީހުން އެ ހިޔާތަކަށް ބަދަލުކުރާނެ ކަމަށް ބަނގްލަދޭޝް ސަރުކާރުން ވަނީ ބުނެފަ އެވެ.

"މި ތޫފާނުގައި ގަޑިއަކު 54 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ، އަޅުގަނޑުމެން މިހާރުވެސް މިވަނީ ބައެއް ހިސާބުތަކުން ގެތައް ހުސްކޮށް، މީހުން ހިޔާތަކަށް ބަދަލުކުރަމުން. މިހާތަނަށް 60،000 މީހުން ބަދަލުކޮށްފި، އިތުރު މީހުން އިރު އޮއްސުމުގެ ކުރިން ބަދަލު ކުރަން މަސައްކަތް ކުރަމުން މިދަނީ. މިހާރުވެސް އައްސޭރި ފަށަށް ތޫފާން މިވަނީ އައިސްފައި،" މީހުން ބަދަލުކުރުމުގައި ހަރަކާތްތެރިވި ފުލުސް އޮފިސަރަކު އޭއެފްޕީ އަށް ވިދާޅުވެފައިވެ އެވެ.

ރޯނު ތޫފާނުގެ ސަބަުން ބަނގްލަދޭޝްގެ ދެކުނުން އައްސޭރިފަށުގައި އޮންނަ ބެރިސަލް އާއި ޗިޓަގޮންގް ގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގެތައް ވެސް މިހާރު ވަނީ ފެނު އަޑީގަ އެވެ. ބޯކޮށް ވާރޭވެހެމުންދާތީ ބިންގަނޑު ކަނޑައިގެންދާނެ ކަމުގެ އިންޒާރު އެގައުމުގެ މޫސުމާބެހޭ އިދާރާތަކުން މިހާރު ދީފައިވާއިރު، އެ ސަރަހައްދުގެ ކޯރުތަކާއި މޫދަށް ނިކުމެވެންހުރި ޕޯޓް ތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި މަސް ބޭނުން ފަދަ ކަންކަމުގައި ކަނޑަށް ނިކުތުންވެސް ވަނީ މަނާކޮށްފަ އެވެ.