ބޮލީވުޑް

ތަރިން މަގުބޫލު ނަމަވެސް ނުހިނގި ޖޯޑުތައް!

May 22, 2016
1

ފިލްމުތަކުން އާ ޖޯޑުތައް ފެނިގެން ދިއުމަކީ އަބަދުވެސް އިންތިޒާރުކުރެވޭ ކަމެކެވެ. އަބަދުވެސް ބުނާތީ އަޑުއިވެ އެވެ. ޝާހްރުކް ޚާން އާއި ކާޖޮލްގެ ޖޯޑަށް ގޮންޖަހަލެވޭ ވަރުގެ ޖޯޑެއް މިއިން ދުވަހަކުވެސް ބޮލީވުޑަކަށް އުފަން ނުވާނެ އެވެ.

ބޮލީވުޑަކީ އަބަދުވެސް އާ ތަރިން އުފަންވެ، ކުރީގެ ތަރިން ގެއްލެމުން އަންނަ ތަނަކަށްވީއިރު، އާ ތަރިންނާއެކު އާ ޖޯޑުތައް ވެސް ބޮލީވުޑަށް އުފަންވާނެ ކަމުގެ އިންތިޒާރުގައި ބެލުންތެރިން ތިބެ އެވެ. މި ޒުވާން ތަރިންނަކީ ހިޓް ފިލްމުތަކެއް ކުޅެ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ލޯބި ހޯދާފައިވާ ކާމިޔާބު ތަރިންނެވެ. ނަމަވެސް މި ތަރިންނަށް ކުޅެވުނު ފިލްމުތަކުގެ ސަބަބުން އެމީހުންގެ ޖޯޑުތަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެ އެވެ.

އެގޮތުން ތިރީގައި މިވަނީ ވޭތުވެދިޔަ އަަހަރާއި މި އަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުން ބޮލީވުޑަށް ތައާރަފުވި އާ ޖޯޑުތަކުން ބެލުންތެރިންގެ ހިތް އަތު ނުލެވުނު ޖޯޑުތަކެވެ.

ޝާހިދު ކަޕޫރް - އާލިއާ ބަޓް

ޝާހިދު ކަޕޫރާއި އާލިއާ ބަޓް އެކުގައި ފެނިގެންދިޔަ "ޝާންދާރް" އަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ އަދި އެންމެ ބޮޑު އެއް ޕްރޮޑިއުސަރު ކަމަށްވާ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. "ކްއީން" އާއެކު އެންމެ މޮޅު ޑައިރެކްޓަރު ތާޖު އަޅައިގެން ހުރި ވިކާސް ބަލް ޑައިރެކްޓްކުރި މި ފިލްމު ފްލޮޕަކަށް ވެފައިވާއިރު، ޒުވާން މި ދެތަރިންގެ ޖާދޫގައި ވެސް ބެލުންތެރިން ނުޖެހުނެވެ. މި ފިލްމަކީ ފެއަރީ ޓޭލް ލޯބީގެ އަސަރު ހިމެނޭ ވާހަކަ އަކަށް ވުމުން ގިނަ ބެލުންތެރިންނަށް މި ފިލްމު ކަމުގޮސްފަ އެއް ނުވެ އެވެ. އާލިއާ އާއި ޝާހިދުގެ ޖޯޑު އެކުގައި ފެންނައިރު ކިތަންމެ ލޯބި ކަމަށް ބުނަމުން ދިޔަ ނަމަވެސް މި ފިިލްމުގެ ވާހަކަ އަކީ ފޫހި ވާހަކައަކަށް ވުމުން މި ދެ ތަރިންގެ ލޯބީގެ ޖޯޑު މަތިން ވެސް ބެލުންތެރިން ފޫހިވީ އެވެ.

އަދިތްޔަ ރޯއި ކަޕޫރް - ކެޓްރީނާ ކައިފް

މި ދެތަރިން އެކުގައި ފެނިގެންދިޔަ "ފިތޫރް" އަކީ "ގްރޭޓް އެކްސްޕެކްޓޭޝަން" ވާހަކަ ފޮތުގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވުމުން މިފިލްމަށް ކުރެވުނު އިންމީދު ވަރަށް ބޮޑެވެ. މިފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، އަދިތްޔަ އާއި ކެޓްރީނާގެ ޖޯޑަށް ވެސް އިންތިހާއަށް ތައުރީފު ވަނީ ބަންޑުން ވެފަ އެވެ. ނަމަވެސް އެއީ ފިލްމު ރިލީޒްވުމާ ހަމައަށެވެ. މިފިލްމު އުންމީދުކުރި ވަރާއި ގާތްކުރާ ވަރުވެސް ވެފައިނުވާއިރު، ބޮކްސް އޮފީހުގައި ވަނީ ބޮމެއް ހެން ގޮވާފަ އެވެ. މުޅި ފިލްމުގައި ތަރިން ދައްކުވައިދީފައިވާ އެކްޓިން އަށް ބަލާއިރު ތާބޫގެ އެކްޓިން ފިޔައި ތައުރީފު އޮއްސާލާނެ ވަރުގެ އެކްޓިންއެއް އިތުރު ތަރިންގެ ކިބައިން ފެނިގެން ގޮސްފައެއް ނުވެ އެވެ. ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ކުޑަ ތަރުހީބުގެ ސަބަބުން އަދިތްޔަ އާއި ކެޓްރީނާގެ ޖޯޑަށް ވެސް ވަނީ އެކަމުގެ ހިޔަނި އެޅިފަ އެވެ.

ރަންވީރު ސިންގް - ޕަރިނީތީ ޗޯޕްޅާ

ޕަރިނީތީ ޗޯޕްޅާ ބޮލީވުޑަށް ތައާރަފުވެފައިވަނީ ވެސް ރަންވީރު ސިންގް އާއެކު ކުޅުނު "ލޭޑިސް ވާސަސް ރިކީ ބަލް" އިންނެވެ. އެ ފިލްމު ބޮކްސް އޮފީހުގައި ފްލޮޕް ވެފައިވާއިރު، އޭގެ ފަހުން އަނެއްކާވެސް މި ދެ ތަރިން އެކުގައި ވަނީ "ކިލް ދިލް" އިން ފެނިގެން ގޮސްފަ އެވެ. މި ފިލްމު ވެސް އުންމީދުކުރި ވަރާ ގާތަށް ހިނގާފައި ނުވާއިރު، ޕަރިނީތީގެ ކެރިއަރު ގާތްގަނޑަކަށް މިފިލްމާ ހެދި ނިމުމަކަށް އައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިޒުވާން ދެ ތަރިންގެ މިފިލްމަކީ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖްގެ ފިލްމެކެވެ. މި ދެ ތަރިން ބޮލީވުޑަށް ތައާރަފުވެފައިވަނީ ޔާޝް ރާޖްގެ ކުޑައިގެ ދަށުންނެވެ. ނަމަވެސް މިޖޯޑަކީވެސް ބެލުންތެރިންގެ ނޫނެކޭ ބުނި ލިސްޓަށް އިތުރުވި ނަމެކެވެ.

އަރްޖުން ކަޕޫރު - ސޮނާކްޝީ ސިންހާ

"ތޭވަރް" ކުޅުނު ދުވަސްވަރު މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އަޑުތައް ވަނީ އަރާފަ އެވެ. ނަމަވެސް ފިލްމު ރިލީޒްވުމުން މިދެތަރިންގެ ދެމެދުގައި އެއްވެސް ވަރެއްގެ ކެމިސްޓްރީއެއް ނެތް ކަން ވަނީ ފާހަގަވެފަ އެވެ. މި ފިލްމަކީ ތަމަޅަ ފިލްމެއްގެ ރިމޭކަކަށް ވިޔަސް މިފިލްމަށް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެ އެވެ. މި ލިސްޓުގައި ހިމެނޭ ޖޯޑުތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުހީބު އެންމެ ކުޑަކޮށް ލިބުނު ޖޯޑަށް މި ދެތަރިންގެ ޖޯޑުވާނެ އެވެ. މި ފިލްމުގެ ޕްރޮމޯޝަންގައި އަރްޖުން އޭނާ އަކީ ސަލްމާންގެ ވަރަށް ބޮޑު ފޭނެކޭ ބުނި ނަމަވެސް އެވާހަކައިން ފިލްމަށް ވަކި އަސަރެއް ކޮށްފައެއް ނުވެ އެވެ.

ރަންބީރު ކަޕޫރް - އަނުޝްކާ ޝަރްމާ

ބޮލީވުޑްގައި މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ފްލޮޕް ފިލްމުގެ ޖާގަ "ބޮމްބޭ ވެލްވެޓް" ށް ލިބޭނެ އެވެ. މިފިލްމަށް ފާޑުކީ ފަރާތްތަކުން ފިލްމުގެ ލީޑްތަރިން ކަމަށްވާ ރަންބީރު އާއި އަނުޝްކާގެ ޖޯޑަށް އިންތިހާއަށް ފާޑުކިޔާފައިވާއިރު މި ދެ ތަރިނަށް ވެސް އެމީހުންގެ ޖާދޫ ބެލުންތެރިންނަށް ދެއްކިފައެއް ނުވެ އެވެ. މި ފިލްމާއެކު ދެ ތަރިންގެ ކެރިއަރުގައި ފްލޮޕް ފިލްމެއް އޮތުން ނޫން އިތުރު ކަމެއް ނުވި އެވެ. އަނެއްކާވެސް މިދެތަރިން އެކުގައި "އެއި ދިލްހޭ މުޝްކިލް" އިން ފެނިގެންދާއިރު މިފަހަރު މި ދެ ތަރިންގެ ޖޯޑަށް ކިހާ ތަރުހީބެއް ލިބިގެންދާނެ ހެއްޔެވެ؟

އާޔުޝްމާން ކުރާނާ - ސޯނަމް ކަޕޫރު

އަނެއްކާވެސް މިއީ ފްލޮޕް ޖޯޑަށް އިތުރުވި ދެ ތަރިންނެވެ. ޒުވާން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފެއްދި "ބޭވަކޫފިޔާން" މި ފިލްމުގައި އާޔުޝްމާން އާއި ސޯނަމްގެ ގައިގޯޅި މަންޒަރުތަކާއި މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު ހިމެނުނު ނަމަވެސް މި ދެ ތަރިންގެ ޖޯޑަށް ބެލުންތެރިންގެ ސަމާލުކަން ލިބިފައެއް ނުވެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މި ދެ ތަރިންގެ ޖޯޑަކީ ނުގުޅޭ ޖޯޑެކޭ ނުބުނެވޭނެ އެވެ. ނަމަވެސް ބެލުންތެރިން ސިނަމާތައް ފުރާލައިގެން އެމީހުންގެ ފިލްމު ބަލާނެ ވަރަށް މިޖޯޑު ބާރުގަދައެއް ނުވި އެވެ.

އިމްރާން ޚާން - ކަންގަނާ ރަނާވަތު

ބޮލީވުޑްގެ ކުއީން އަކީ ބަތަލާ ކަންގަނާ ކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ. ޖެހި ޖެހިގެން ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެ، ނޭޝަނަލް އެވޯޑުވެސް ކަންގަނާ ހޯދާފައިވާއިރު، އެ ފިިލްމުތަކަށް ފަހު އިމްރާން ޚާން އާއެކު ކުޅުނު "ކައްޓީ ބައްޓީ" ވެގެން ދިޔައީ ބޮޑު ފްލޮޕަކަށެވެ. ފިލްމު ކުޅުމާއި ދުވަސްކޮޅަކު ދުރުގައި ހުރުމަށްފަހު އިމްރާން އެނބުރި އައި ފިލްމަކަށްވީ މިފިލްމަށް ލިބުނު ތަރުހީބު ކުޑައިރު ކަންގަނާ ފަދަ ކާމިޔާބު ފިލްމުތައް ކުޅެމުން އަންނަ ބަތަލާއެއް މިފިލްމު ކުޅުނީ ކީއްވެގެންތޯ އަހާފަ އެވެ.