ބޭރު ކުޅިވަރު

އެފްއޭކަޕް ފައިނަލަށް ފަހު ޔުނައިޓެޑުގެ ކޯޗުކަން މޮރީނިއޯ އަށް ދެނީ!

މިހާރު ކުޅެމުންދާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފަހު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗަކީ ހޯސޭ މޮރީނިއޯ ކަން އިއުލާނުކުރަން އެކުލަބުން ތައްޔާރުވެއްޖެ އެވެ.

ޔުނައިޓެޑުގެ އެތެރޭގެ ބައެއް ފަރާތްތަކާ ހަވާލާދީ އިނގިރޭސި މީޑިޔާތަކުން ބުނަމުންދަނީ މިހާރުގެ ކޯޗު ލުއިސް ވެންހާލްގެ ބަދަލުގައި މޮރީނިއޯ އަށް ކޯޗުކަންދޭން މުޅިން ނިންމީ މި ހަފުތާގައި ކަމަށެވެ. އެއީ މޮރީނިއޯގެ އެޖެންޑް ޖޯޖް މެންޑެސް އާއި ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑްވުޑްވާން ކޮންޓްރެކްޓް ފައިނަލްކުރީ މިހަފުތާގައި ބައްދަލުކުރުމަށްފަހު އެވެ.

ނަމަވެސް އެހެން ބައެއްް ނޫސްތަނުން ބުނަނީ މިދިޔަ އޭޕްރީލް މަހު ދެ ފަރާތުން އޮތީ އެއްބަސްވުން ނިންމާފައި ކަމަށެވެ.

މޮރީނިއޯ ޔުނައިޓެޑަށް ސޮއިކުރާނީ ތިން އަހަރުގެ އެގްރީމަންޓެއްގައި ކަމަށްވެ އެވެ. އެއީ 34.85 މިލިއަން ޕައުންޑްގެ އަގުހުރި ކޮންޓްރެކްޓެކެވެ.

ދެ ފަހަރެއްގެ މަތީން ޗެލްސީ އަށް ކޯޗުކޮށްދީ އެކުލަބަށް ތިން ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފައިވާ މޮރީނިއޯ އަކީ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ. ނަމަވެސް ދެ ފަހަރަށް އޭނާ މަގާމުން ވަކިކުރީ މިދިޔަ ސީޒަނުގައި ކުރީކޮޅު ބައެއްް ކުޅުންތެރިންނާ މައްސަލަޖެހި ނަތީޖާތައް މާބޮޑަށް ގޯސްވާން ފެށުމުންނެވެ. ރެއާލް މެޑްރިޑަށް ވެސް ކޯޗުކޮށްދީފައިވާ މޮރީނިއޯ ވަނީ ޕޯޓޯ އާއި އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ.