ބާސެލޯނާ

ސެވިއްޔާއިން އަހަރުމެން ހިތް ކުދިކުދިކޮށްފާނެ: އިނިއެސްޓާ

ސްޕެނިޝް ކަޕުގެ ފައިނަލުގައި މިރޭ ސެވިއްޔާއިން ބާސެލޯނާގެ ހިތްކުދިކުދިކޮށްފާނެ ކަމަށާއި މިހެންވ އެކަމަށް ސަމާލުވާނެ ޖެހޭނެ ކަމަށް ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނެފި އެވެ.

ބާސެލޯނާގެ ކެޕްޓަން މިހެން ބުނީ ފަހަތުން އަރައި ލިވަޕޫލް ބަލިކޮށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށް ސެވިއްޔާ ރެކޯޑް ހަދާފައިވާތީ އެވެ.

"އެމީހުންނާ ދެކޮޅަށް އަހަރުމެން އެންމެ ވަގުތުކޮޅެއް ވެސް ނުދީ އެއްފެންވަރަކަށް ކުޅެންވާނެ. އެހެންނޫނީ އަހަރުމެން ހިތްދަތިވެދާނެ،" ހުސްވި އަހަރުގެ ޗެމްޕިއަން ކަމަށްވާ ބާސެލޯނާގެ ކެޕްޓަން ބުންޏެވެ.

މި މެޗަށް ބާސެލޯނާއިން ނުކުންނައިރު އެކުލަބު ނިސްބަތްވާ ކެޓަލޯނިޔާގެ ރަތާއި ރީދޫ ދިދަ ދަނޑަށް ނުވެއްްދޭނެ ކަމަށް ސްޕޭނުގެ ސަރުކާރުން ކުރިން އޮތީ ނިންމައިފަ އެވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިނިންމުން ބާތިލް ކުރުމުން ބާސެލޯނާ އަށް ކެޓަލޯނިއާގެ ދިދަ ވެސް މިހާރު ވެއްދޭނެ އެވެ.

"އަހަރުމެން އެދެނީ ވީހާ ގިނަ ބަޔަކު ދަނޑަށް ގޮސް އަހަރުމެން މޮޅުވާނެ ސަޕޯޓް ދިނުމަށް. މި ތަށި ހޯދުމަކީ އެންމެނަށް ވެސް ލިބޭނެ އުފަލަކަށްވާނެ،" އިނިއެސްޓާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ބާސެލޯނާ މިހާރު ވަނީ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. މިހެންވެ ސީޒަނުގައި ދެ ތަށި ހޯދަން އެ ޓީމު ކުރާ މަސައްކަތުގައި މި ތަށި ލިބިއްޖެނަމަ މި އަހަރު ސްޕޭނުގެ އެންމެ ކާމިޔާބު ޓީމަކަށް ވެސް ބާސެލޯނާ ވެގެންދާނެ އެވެ. ސެވިއްޔާ ތަށި ހޯދައިފިނަމަ އެންމެ ކާމިޔާބު ޓީމަކަށްވާނީ އެ ޓީމެވެ.

ކޯޗު އުނާއީ އެމްރޭ ބުނީ "އަހަރުމެން މިހާތަނަށް އެއްތަށި ހޯދައިފިން،" ކަމަށާއި "އިތުރު ތައްޓެއް ހޯދަން އަހަރުމެން އުއްމީދުކުރަން،" ކަމަށެވެ.