ސަލްމާން ހާން

ސަލްމާންގެ "ސުލްތާން" އިން ޝާހްރުކް ނުފެންނާނެ

May 22, 2016

ސުޕަސްޓާ ޝާހްރުކް ޚާންގެ "ރައީސް" އާއި ސަލްމާން ޚާންގެ "ސުލްތާން" ބޮކްސް އޮފީހުގެ ކުރިމަތިލުމަކަށް މިކުޑަ އީދުގައި ދާން އޮތް ނަމަވެސް ފަހު ވަގުތުގައި "ރައީސް" ރިލީޒްކުރުން އަންނަ އަހަރަށް މިވަނީ ލަސްކޮށްފަ އެވެ.

މީގެކުރިން މިދެފިލްމު ކުޑަ އީދުގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް އިރުވެސް ޝާހްރުކް ވަނީ "ސުލްތާން" ގެ ފަސްޓްލުކަށް ތައުރީފުކުރުމުގެ އިތުރަށް މިފިލްމުގެ ޝޫޓިން ކުރިއަށް ދިޔަ ސެޓަށް ޒިޔާރަތްކޮށް ސަލްމާންއާ ބައްދަލުކޮށްފަ އެވެ.

ޝާހްރުކް މިފިލްމުގެ ސެޓަށް ދިޔަ ދުވަހަކީ ފިލްމުގެ ހާއްސަ ލަވައެއް ޝޫޓްކުރަމުން ދިޔަ ދުވަހަށް ވެފައި ފިލްމުގެ ޑައިރެކްޓަރުން އޭގެކުރިން ވަނީ މިލަވައިގެ ތެރެއިން ސަލްމާން އާއި ބޮލީވުޑްގެ މަޝްހޫރު ފަރާތަކާއި ބައްދަލުވާތަން ފެނިގެންދާނެ ކަމަށް ބުނެފަ އެވެ.

އެގޮތުން ޝާހްރުކް ސަލްމާންއާ ބައްދަލުކުރަން އެދުވަހު ދިއުމުން ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ސުޕަސްޓާރެއްގެ ހާއްސަ ފެނިލުން ފިލްމުގައި ހިމަނަން ކުރިން ނިންމާފައިވާތީ ޝާހްރުކް މިފިލްމަށް ޝޫޓްކުރި އެލަވައިގެ ތެރެއިން ދައްކާލަން ނިންމައި، އެމަންޒަރު ޝާހްރުކާ އެކު ޝޫޓްކޮށްފަ އެވެ.

ނަމަވެސް މިހާރު މިމަންޒަރު މިފިލްމުން އުނިކޮށްފައިވާ ކަމަށްވެ އެވެ. ސަބަބެއް ކަމަށްވަނީ މިމަންޒަރާ މެދު ޝާހްރުކް ހިތްހަމަނުޖެހުމެވެ. ޝާހްރުކްގެ އެދުމުގެ މަތިން "ސުލްތާން" ގެ ޓީމުން ވަނީ އޭނާގެ މަންޒަރު މިހާރު މިފިލްމުގެ ހާއްސަ ދައްކާލުމެއް ގޮތުގައި ނުހިމަނަން ނިންމާފަ އެވެ. އަދި މިފިލްމުގައި ސަލްމާން ސުޕަސްޓާރަކާ ބައްދަލުވާ މަންޒަރުވެސް ނުހިމަނަން ނިންމާފަ އެވެ.

"ސުލްތާން" އަކީ ސަލްމާން ރެސްލިންތެޅުންތެރި އެއްގެ ގޮތުގައި ފެނިގެންދާ މިފިލްމެކެވެ. މިފިލްމުގެ ސަލްމާން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރްމާ އެވެ.

ޔާޝް ރާޖްސްއިން އުފައްދާ މިފިލްމުގެ ފުރަތަމަ ޓްރެއިލާ މިއަންގާރަ ދުވަހު ރިލީޒް ކުރާނެ އެވެ.