ހަބަރު

ސިންގަޕޫރުގެ ވާހަކަ ދައްކަން ލަދެއް ނުގަނޭ: ސައީދު

  • ސިންގަޕޫރަކީ ތަރައްގީގެ ނަމޫނާއެއް
  • އެމެރިކާ އިން ވެސް ސިންގަޕޫރު ނަމޫނާއަކަށް ނަގާ
  • ސަރުކާރުގެ އަމާޒަކީ ސިންގަޕޫރުގެ ތަރައްގީ

ތަރައްގީއަށް ބަލާއިރު ސިންގަޕޫރަކީ ނަމޫނާއެއް ކަމަށާއި އެ ގައުމު ނަމޫނާއަކަށް ބަލާ އެ ވާހަކަ ދެއްކަން ލަދު ނުގަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި އަޅާ އާ ޓާމިނަލްގެ މަސައްކަތް އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވަނީ، މި ސަރުކާރުން ރާއްޖެ ސިންގަޕޫރަކަށް ހެދުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ފާޑުކިޔާ ހަޖޫޖަހާ ފަރާތްތަކަށް ރައްދު ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ، އެމެރިކާގެ ރިޔާސީ ރޭހުގައި އުޅުއްވާ ބޭފުޅުން އަދި ހުޅަނގުގެ އެހެން ގައުމުތަކުން ވެސް ސިންގަޕޫރުގެ ތަރައްގީ ނަމޫނާއަކަށް ބަލާއިރު، ރާއްޖެ ފަދަ ކުޑަ ގައުމަކުން ސިންގަޕޫރު ނަމޫނާއަކަށް ބެލުމަކީ އޭގައި މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ވަރަށް ގިނައިން ސިންގަޕޫރްގެ ވާހަކަ ދެއްކޭ، އެކަމަކު މިއަދު އެމެރިކާއިން ވެސް ސިންގަޕޫރުގެ ޕޮލިސީގެ ވާހަކަ ދައްކަނީ، އަޅުގަނޑުމެން ފަދަ ކުޑަ ގައުމަކުން ނުދައްކާވީ ވާހަކައެއް ނޫން މިއީ، އަޅުގަނޑު ހަގީގަތުގައި ލަދެއް ވެސް ނުގަނޭ ސިންގަޕޫރުގެ ވާހަކަ ދައްކާކަށް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، މިއަދުގެ ސަރުކާރުގެ އުއްމީދަކީ ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ތަރައްގީގައި ލާމަސީލު ގައުމަކަށްވުން ކަމަށެވެ.

"ރައީސްގެ އަދި މި ސަރުކާރުގެ ވެސް އުއްމީދުތަކެއް އެބަ އޮތް، އެ އުއްމީދުތައް ހަގީގަތަކަށްވުމުން ހަގީގަތުގައި ވެސް އަޅުގަނޑުމެންނަކީ އަމިއްލަ ފައި މައްވަށް ތެދު ތިބި، އަމިއްލައަށް އިގްތިސާދީ މިނިވަންކަމާއި ގައުމީ މިނިވަންކަމާއެކު އަޅުގަނޑުމެން ގަބޫލުކުރި އާދެ އިސްލާމް ދީނުގެ ހެޔޮ ނަސީބާއެކު ދުނިޔޭގައި ތިބި އަޅުގަނޑުމެން ވަށައިގެން މިވާ ކަނޑުން ބަންގީގެ އަޑު ކަނޑައިގެން ނުގޮސް، ތަރައްގީގައި ހަމަ ލާމަސީލް ކިތަންމެ ކުޑަ ގައުމެއް ކަމަށްވި ނަމަވެސް ދުނިޔެއަށް މިސާލު ދައްކަމުން އިބްރަތް ދައްކަމުން ދެވޭނެ ގައުމެއްކަން މި ހުރިހާ ޕްރޮޖެކްޓެއް ނިމި މީގެ މަންފާ ލިވޭ ދުވަހަކުން ކިޔައިދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ އުއްމީދުތައް ފުރިހަމަވުމުން މުޅިން އާ ދިވެހި ރާއްޖެއަށް ފެނިގެންދާނެ ކަމަށާއި އާ ޓާމިނަލްގެ މަސައްކަތް ފެށިގެން ދިޔުމަކީ ރާއްޖޭގެ ތާރީހު ބަދަލުވެގެން ދިޔުން ކަމަށެވެ. މުޅި އިގްތިސޯދުގެ ލޭންޑްސްކޭޕް ބަދަލުވެގެން ދިޔުން ކަމަށް ވެސް ސައީދު ސިފަކުރެއްވި އެވެ.

"މިއަދު އަޅުގަނޑުމެން އެންމެން ކޮޅަށް ތެދުވެ ރައީސް ޔާމީނަށްޓަކައި އެމަނިކުފާނު މި ގައުމަށްޓަކައި ކުރައްވަމުން ގެންދަވާ ޖިހާދަށް އައްސަރި ބަހާއި ސާބަސް ދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވ.

މިނިސްޓަރު ސައީދު ވިދާޅުވީ، އެއްވެސް ހިތްބުރަ ކަމެއް ނެތި، އެއްވެސް އުޒުރަކާ ނުލާ ރައްޔިތުން ރައީސް ޔާމީންގެ ތަރައްގީގެ ވިސްނުންތަކަށް އާ ބަސް ބުނަން ޖެހޭނެ ކަމަށެވެ. މިއަދު ވެރިކަމެއް ކުރުމަށްޓަކައި ރައީސް ޔާމީނަށްވުރެ ރަނގަޅު، ކުޅަދާނަ ލީޑަރެއް ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.