އޭނާ އަކީ ކާމިޔާބު ކޯޗެއް ކަމަށާއި މިހާތަނަށް ހަތަރު ގައުމެއްގެ ކަޕް ޗެމްޕިއަންކަން ހޯދައިފިން ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.
އޭނާ މިހެން ބުނީ އިނގިރޭސި އެފްއޭކަޕް އެ ޓީމަށް ކާމިޔާބުކޮށްދިންތާ ކުޑަަހިނދުކޮޅެއްގެ ތެރޭގައި މަގާމުން ވަކިކުރުމުގެ ކުރީންނެވެ. ވެންހާލް މަގާމުން ވަކިކުރިއިރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. އަދި އޭނާ މަގާމުން ވަކިކޮށް މޮރީނިއޯ އަށް ކޯޗުކަން ދިންކަން އިއުލާނުކުރީ ތަށި ދިނުމުގެ ރަސްމިއްޔާތަށް ފަހު ބާއްވާ ޕްރެސްކޮންފަރެންސަށް ވެސް ދިއުމުގެ ކުރީންނެވެ.
"މިއީ [ތަށި ލިބުމަކީ] ވަރަށް އުފާވެރި މޮޅެއް، ކާމިޔާބީއެއް. ސަޕޯޓަރުންނަށް ވެސް، ކުޅުންތެރިންނަށް ވެސް އަދި އަހަންނަށް ވެސް. ސަބަބަކީ މިހާރު އަހަންނަށް ކާމިޔާބު ކުރެވިއްޖެ ހަތަރު ގައުމެއްގައި ކަޕް ޗެމްޕިއަންކަން. މިއީ ވަރަށް މަދު ކޯޗަކަށް ނޫނީ ހޯދިފައިނުވާ ކާމިޔާބީއެއް،" ވެންހާލް ބުންޏެވެ.
އޭނާގެ ބަދަލުގައި ކޯޗަކަށް މޮރީނިއޯ ގެނައުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ބުނީ މީޑިޔާއިން ތިބީ ފާއިތުވެދިޔަ ހަ މަސްދުވަހު އޭނާ މަގާމުން ވަކިކޮށްގެން ކަމަށާއި މިހެންވެ މީޑިޔާގައި އެވާހަކަ ދައްކާކަށް ބޭނުން ނުވާ ކަމަށެވެ.
"ސުވާލުގެ ޖަވާބުގައި އަހަރެން ދައްކަން އޮތީ އެފްއޭކަޕް ތަށި. އަހަންނަށް [ތަށި ހޯދުމުން] މަރުހަބާ ކިއުމުން ޝުކުރު އަދާކުރަން،" އޭނާގެ ކުރިމަގާ ބެހޭ ގޮތުން ސުވާލުކުރުމުން ތަށި ދައްކާލަމުން ވެންހާލް ޕްރެސް ކޮންފަރެންސް ދޫކޮށް ދަމުން ބުންޏެވެ.
ނެދަލޭންޑްސް ކުރީގެ ގައުމީ ކޯޗު ބުނީ މެޗުން ޔުނައިޓެޑް މޮޅުވުން ހައްގު ކަމަށެވެ.
"އަހަރުމެން މިދިޔަ އަންގާރަ ދުވަހު ވެސް ކުޅުނިން. މި މެޗުގައި 10 ކުޅުންތެރިންނާއެކު އަހަރުމެން މޮޅުވި. މިއީ އަހަރުމެންނަށް ހައްގު ކާމިޔާބީއެއް. މިއީ އަހަރުމެން ވަރަށް މަސައްކަތް ކޮށްގެން ހޯދި ކާމިޔާބީއެއް،" ކޯޗު ބުންޏެވެ.
މިއީ ފާއިތުވެދިޔަ ޔުނައިޓެޑުގެ ކޯޗުކަމުގައި 27 އަހަރު ހުރެ، އެކުލަބު އިނގިރޭސި އެންމެ ކާމިޔާބު ޓީމަށް ހަދައިދިނުމަށް ފަހު މީގެ ތިން އަހަރު ކުރިން ކޯޗުކަމުން ސާ އެލެކްސް ފާގަސަން ވަކިވި ފަހުން ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ.