ބަޔާން މިއުނިކް

ޑޯޓްމުންޑް ތިން ބަލިވެ، ތަށި ބަޔާން އަށް

ޖަރުމަނު ކަޕުގެ ފައިނަލުގައި ޖެހިޖެހިގެން ތިން ވަނަ އަހަރު ބޮރޫޝިޔާ ޑޯޓްމުންޑް މިރޭ ބަލިވެ، ޕެނަލްޓީ ޖަހައިގެން 4-3އިން މޮޅުވެ ބަޔާން މިއުނިކް ތަށި އުފުލާލައިފި އެވެ.

މިއީ ޕެޕް ގާޑިއޯލާ ބަޔާން އަށް ކޯޗުކޮށްދިން އެންމެ ފަހު މެޗެވެ. މެޗުގެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީތަކުގައި ޑޯޓްމުންޑްއިން ކާމިޔާބު ކުރީ ޝިންޖީ ކަގާވާ އާއި ޕެޓްރިކް އައުބަމިޔަންގާއި މާކޯ ރޮއިސް ޖެހި ޕެނަލްޓީ އެވެ. އެ ޓީމުން ނާކާމިޔާބުވީ ސްވެން ބެންޑާ އާއި ޕަޕޮޑަޕްލަސް ޖެހި ޕެނަލްޓީ އެވެ.

ބަޔާންގެ ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ޔޯޝުއާ ކިމިޗް ޖެހި ޕެނަލްޓީ އެވެ. ތޯމަސް މުލާ އާއި އަރްތޫރޯ ވިޑާލް އަދި ރޮބަޓް ލެވޮންޑޯސްކީ އާއި ޑަގްލަސް ކޯސްޓާ ޕެނަލްޓީތައް ކާމިޔާބުކުރި އެވެ.

މި މެޗަކީ ޑޯޓްމުންޑްގެ ކެޕްޓަން މެސުޓް ހުމެލްސް އެ ޓީމަށް ކުޅެދޭނެ ފަހު މެޗެވެ. އަންނަ ސީޒަނުގައި އޭނާ ކުޅޭނީ ބަޔާން މިއުނިކަށެވެ. ހުމެލްސް އަކީ ކުރިން ވެސް އެ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. މެޗުގެ 78 ވަނަ މިނިޓްގައި ބަދަލުކުރި ހުމެލްސް ޑޯޓްމުންޑަށް ބަދަލުވީ ވެސް ބަޔާންއިންނެވެ.