އަލިފާން

މާލޭ ކައިރިން ލޯންޗެއްގައި ރޯވެ ބަޔަކު ފިހިއްޖެ

  • ރޯވި ވަގުތު ބާރުގަދަ އަޑެއް ގޮވި
  • ފިހުނު ތިން މީހުންގެ ހާލު ސީރިއަސްއެއް ނޫން
  • ރޯވީ މާފުށީގައި ދުއްވާ ލޯންޗެއް

މާލެ ކައިރިން ދަތުރު ކުރަމުންދިޔަ ލޯންޗެއްގައި އަލިފާން ރޯވެ އޭގައި ތިބި ބަޔަކު ފިހިޖެއެ އެވެ. ފުލުހުން ބުނީ ރޯވި ލޯންޗުގައި ތިބި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައި ވަނީ ތިން މީހުން ކަމަށެވެ. އަދި އެ ތިން މީހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ ލޯންޗުގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް ތިން މީހުން ގެންގޮސްފައިވާ ކަމަށާއި އެ ތިން މީހުންނަށް އިމަންޖެންސީގައި ފަރުވާ ދޭއިރު އެމީހުންގެ ހަށިގަނޑުގެ ބައެއް ތަންތަން ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށެވެ.

"އެ މީހުންނާ ބެހޭ ސާފު މައުލޫމާތު އަދި މުޅިން އޮޅުމެއް ނުފިލާ، އެމީހުންގެ ހަށިގަނޑުގެ އެކި ތަންތަނުން އެކިވަރަށް ފިހިފައިވޭ، އެމީހުންގެ ހާލު ސީރިއަސްއެއް ނޫން،" އައިޖީއެމްއެޗްގެ މިޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު ވިދާޅުވި އެވެ.

ރޯވެ އެނދީ ހުޅުލެ އާއި މާލެއާ ދެމެދުން ދަތުރު ކުރި ލޯންޗެކެވެ. އެއީ މާފުށީގައި ހިންގާ، ސަމާވިލާ ގެސްޓްހައުސްގައި ބޭނުންކުރާ، "ނިރުމާ" ނަމަކަށް ކިޔާ ލޯންޗެކެވެ. ރޯވި އިރު، އެ ލޯންޗްގައި ތިބީ ދެ ފަޅުވެރިންނާއި ޓްއާގައިޑެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނަނީ އެ މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

ލޯންޗުގައި ރޯވި އިރު ބަނދަރުމަތީގައި ހުރި މީހަކު ބުނީ ލޯންޗު ރޯވެ ވެގެން އޮޔާ ދާއިރު ލޯންޗުގައި ރޯވި ވަގުތު އެއިން ތިން މީހަކު ފުންމާލައިގެން އެހެން ލޯންޗަކަށް އެރި ކަމަށާއި ރޯވި ވަގުތު ބާރުގަދަ އަޑެއް ވެސް ގޮވި ކަމަށެވެ.

މިއަދު ގާތްގަނޑަކަށް 2:30 އެހާކަންހާއިރު ހިނގި މި ހާދިސާއާއެކު ހުޅުލެ އާއި މާލެ އާއި ދެމެދު ކަނޑުމަތިން ރޯވެފައި އޮތް ލޯންޗުން އަލިފާން ނިއްވަން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސަސް ފެށި މަސައްކަތުގައި މިހާރު އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެއެވެ. އެ ލޯންޗުގައި ރޯވެ ހުލިވުމާއި ގުޅިގެން މިއަދު 3:00 ހާއިރު ލޯންޗު އަޑިޔަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.