ބޮލީވުޑް

ރަންބީރުގެ ލޯބިވެރިޔާ ކަމަށް ބުނާ ކުއްޖާ، ރަންބީރު ނުވެސް ދަނޭ

May 23, 2016
1

މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު، ހަ އަހަރުވީ ލޯބިވެރިޔާ ބަތަލާ ކެޓްރީނާ ކައިފް އާއި ރުޅިވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ރަންބީރު އާ ލޯބިވެރިއެއް ހޯދި ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ދިއްލީ އަށް ނިސްބަތްވާ މޭކަޕް އާޓިސްޓެއްގެ އިތުރުން މޮޑެލް ވެސް ކުރާ ބާރްތީ ސިންގްއާ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ، އޭނާގެ ފޮޓޯ އާންމުވުމާއެކު އޭނާގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފަ އެވެ.

ބާރްތީއާ ބައްދަލުކުރަން ނޫނީ އޭނާގެ ދިރިއުޅުމުގެ ކަންތައްތައް ހޯދަން ބޮލީވުޑްގެ ނޫސްތަކުން އަތުކުރި އޮޅާލައިގެން މިހާރު ތިބިއިރު، އޭނާއަށް ނޫސްވެރިންގެ އުނދަގުލާ ހެދި ރޭގަނޑުގެ ހަމަ ނިދިވެސް ނުލިބެ އެވެ.

ކޮންމެއަކަސް ރަންބީރުގެ ލޯބިވެރިޔާގެ ގޮތުގައި އޭނާގެ ނަން ކިޔަން ފެށުމުން އެކަމާ ކެތްނުކުރެވިގެން ބާރްތީ ވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

ބާރްތީ ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް މީހުން ބުނަމުން އަންނަ އެކްޓަރު ރަންބީރު ކަޕޫރަކީ ކިތަންމެ މަޝްހޫރު ފިލްމީ ތަރިއެއް ނަމަވެސް އެއީ އެއްއިރެއްގައިވެސް އޭނާ އަށް ކަމުދިޔަ ތަރިއެއް ނޫންކަމަށް ބުނެފަ އެވެ. އަދި ދުވަހަކުވެސް އޭނާ އަކީ ރަންބީރު ފޭނެއް ނޫންކަމަށް ވެސް ބުނެފަ އެވެ.

"ފާއިތުވި ހަފްތާއެއްގެ ތެރޭގައި އަހަންނަކީ ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާ ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރި ހިސާބުން އަހަރެން ވަރަށް ސްޓްރެސްވި. އެކަމާ ގުޅިގެން އަހަރެން ބޭނުމެއްވެސް ނޫން ބުނާކަށް އަހަރެން އޭނާ އެކްޓަރެއްގެ ހައިސިއްޔަތުންވެސް ކަމުދެއެކޭ" ބާރްތީ ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

އިތުރަށް ބާރްތީ ވަނީ މިވާހަކަތައް ނޫސްތަކުގައި ލިޔެފައިވާ ކަން އޭނާ އަށް އެނގުނީ ރައްޓެއްސެއްގެ ފަރާތުން ކަމަށާއި އެހަބަރުތައް ފެނިގެން ލިބުނީ ބޮޑު ހައިރާންކަމެއް ކަމަށް ބުނެފަ އެވެ. އަދި ބައެއް ނޫސްތަކުގައި އޭނާއާ ރަންބީރާ އުޅޭނީ ލޯބީގެ ގޮތުން ގުޅިގެން ނޫން ކަމަށް ބުނުމުން އެ ހަބަރު ނަގައިދީފައިވާއިރު، އެހެނިހެން ނޫސްތަކުން އެވާހަަތައް ބޮޑުކޮށްލުމުގެ ގޮތުން އޭނާ މިވަގުތުވީ ރަންބީރާއެކު މޮރޮކޯގައި ޗުއްޓީ ހޭދަކުރަމުން ކަމަށް ލިޔެފައިވާ ކަމަށެވެ.

ބާރްތީ ވަނީ އޭނާ ރަންބީރާއެކު މޮރޮކޯގައި ޗުއްޓީ ހޭދަކުރަމުން އަންނަ ވާހަކަތައް ފެތުރުނުއިރު ހުރީ އޭނާގެ ލޯބިވެރިޔާ ޕްރަތީކް ޗޯދަރީ އާއެކު ޖެއިޕޫރްގައި ޗުއްޓީ ހޭދަކުރަން ކަމަށެވެ. އަދި އޭނާއާ ޕްރަތީކް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ތިން އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާއިރު، ވަރަށް އަވަހަށް އެމީހުން ކައިވެނިކުރަން ނިންމާފައިވާ ކަމަށް ވެސް ބާރްތީ ވަނީ ބުނެފަ އެވެ.

މިފަދަ ދޮގު ހަބަރުތަކުގެ ސަބަބުން އޭނާގެ ޒާތީ ދިރިއުޅުމަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ބާރްތީ ވަނީ ބުނެފަ އެވެ.

ބާރްތީ ވަނީ ރަންބީރާ އޭނާއާ ދިމާވީ ރަންބީރުގެ ދައްތަ ރިދިމާ ކަޕޫރު މެދުވެރިކޮށް ދައްކާ ވާހަކަތައްވެސް ދޮގުކޮށްފަ އެވެ.

"ރަންބީރަކާ އަހަންނާ ދުވަހަކުވެސް ދިމަލެއް ނުވޭ. އޭނާއާ ކީއްކުރަން އެއާއިލާގެ މީހަކާވެސް ދުވަހަކުވެސް ދިމަލެއް ނުވޭ"