ކޮޓަރީގެ ފަންގިފިލާގައި އެނބުރެމުންދިޔަ، ދަބަރަށްވާން ކައިރިވެފައިވާ ފަންކާގަނޑުން ގޮވަމުންދިޔަ ތޫލިއަޑުފިޔަވާ އެހެން އަޑެއްނީވެއެވެ. އަށްފޫޓު އަށްފޫޓުގެ ކުޑަކޮޓަރީގެ އުދާސްކަމަށްވުރެ އަފާގެ ހިތުގެ އުދާސްކަން ބޮޑެވެ. އަފާ ހެދުންތައް ދަބަހަށް އަޅަމުން ދިޔައީ އެ އުދާސްގަނޑުން ނިކުމެ ހަމަޖެހުމުގެ މަގެއް ފެނޭތޯއެވެ. ދިރިއުޅުމާމެދު ގޮތްހުސްވެ ނާއުންމީދުވެ ހުރެއެވެ. ކޮޓަރީގެ ދޮރުގެ ދާރައިގައި އަތް ވިދެލައިގެން ނަޖާހު ހުރީ އަފާ ހުއްޓުވާނެ ގޮތަކާ ދޭތެރޭ ވިސްނާށެވެ.
"އަފާ.. ޕްލީޒް ނުދޭ! ކުޑަ ކަމެއް ވާއިރަށް ގެއިން ނުކުމެގެން ދިއުމަކީވެސް ޙައްލެއް ނޫނެއްނު!" އެއީ ނަޖާހު އެހެންބުނި ފަސްވަނަ ފަހަރެވެ. އަފާ އެއްޗެއް ނުބުނެ ދަބަހަށް އެއްޗެހި އަޅާ ނިންމާލުމަށްފަހު، ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"އަފާއަށް އެނގެއެއްނު މިގެއިން ނުކުމެގެން އަފާގެ މަންމަގެ ގެ ގެއަށް ދިޔައީމަ އެމީހުންނަށް ވާނީ އުނދަގޫކަން!"
ނަޖާހު އެހެންބުނެލުމާއެކު އަފާ ކުރިއަށް އަޅަމުންދިޔަ ފިޔަވަޅަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އެރިއެވެ. ނަމަވެސް ފަސްއެނބުރި ބަލާލުމެއްނެތި އަނެއްކާވެސް އަފާ ފިޔަވަޅު އެޅީ ކުރިއަށެވެ.
"ޕްލީޒް އަފާ! އަފާ ދިޔައީމަ އަހަންނަށް ވާނީ ކިހިނެތް؟"
ގޮތް ހުސްވެގެން އެންމެ ފަހުން ނަޖާހުއަށް ބުނެވުނެވެ.
“ތި ގޮތް ދުވަހަކުވެސް ބަދަލެއް ނުވާނެދޯ؟ އަބަދުވެސް އަމިއްލަނަފްސާ ދޭތެރޭ ނޫނީ ނަޖާހު ވިސްނަންތަ؟"
ފަސްއެނބުރި ނަޖާހުއަށް ބަލާލަމުން އަފާ ބުނެލިއެވެ. އެސުވާލުގެ ޖަވާބު ދުވަހަކުވެސް އޭނާއަށް ނުލިބޭނެކަން އެނގިހުރެއެވެ.
އަމިއްލަ ހިތުގެ އެދުންތައް ފުރިހަމަ ކޮށްދީ، އެ ހިތުގެ ޝުޢޫރުތަކަށް އިޙްތިރާމްކުރާ ބައިވެރިއަކު ލިބުމަށް ނޭދޭނީ ކާކުހެއްޔެވެ؟ ކައިވެނީގެ ސެޓްފިކެޓާ ހަމައިން ފެށިގެން އައި ޝަރުޢީ، އެ މާތް ގުޅުމަށް އަފާވެސް ފިޔަވަޅު ނެގީ ހިތުގައި ބިނާކުރި ޚިޔާލީ ބިނާތައް ޙަޤީޤަތަކަށް ހެދުމުގެ އުއްމީދާއެކުގައެވެ. ނަޖާހުއަކީ އަފާއާ އެއް ކުލާހެއްގައި ކިޔަވަމުން އައި ކުއްޖެކެވެ. އަންހެންކުއްޖަކާއި ފިރިހެންކުއްޖެއްގެ ގުޅުމަށް ލޯބީގެ ނަންދީގެން، އެކަކު އަނެކަކަށްޓަކައި ޚާއްޞަވަނީ ކީއްވެކަން ނޭނގުނަސް، "ލޯބީ" ގެ ނަމުގައި އަފާވެސް ނަޖާހުއާ ގުޅުނެވެ. އޭރު ދެމީހުންވެސް ކިޔަވަމުން ދިޔައީ 8 ވަނަ ގްރޭޑްގައެވެ. އެ ޢުމުރަކީ ދިރިއުޅުމުގެ ކަންކަމަށް ލޯ ހުޅުވުމަށްވުރެ ޚިޔާލީ ދުނިޔެއެއްގައި އުޅުމަށް ލޯބިކުރެވޭ ޢުމުރެކެވެ. ލޯބީގެ ކަނޑަށް ޣަރަޤުވެ، ދުނިޔެއަށް ހޭލުންތެރިކަމެއް ނުހުންނަ ޢުމުރެކެވެ.
އެލޯބީގެ އަސަރުގައި ޖެހި ނަޖާހު އާއި އަފާ ވެސް ތިބީ ދީވާނާވާ ވަރަށް އެކަކު އަނެކަކު ދެކެ ލޯބި ވެފައެވެ. އޭގެ ނަތީޖާ އަކީ އަށް ވަނަ ގްރޭޑްގައި ރިޕީޓް ވަމުން އައިސް އެ ގްރޭޑާ ހަމައިން ނަޖާހު ސްކޫލްގެ ދުވަސްތަކަށް އަލްވަދާޢު ކިޔަން ޖެހުނު ކަމެވެ.
އަފާ ހިމެނުނީ އޯލެވެލްގައި މުޅި ރާއްޖެއިންވެސް ފާހަނގަކޮށްލެވޭ ފަދަ ދަރިވަރެއްގެ ގޮތުގައެވެ. ނަޖާހު ފެއިލްވުން ވެގެން ދިޔައީ، ރާއްޖެތެރޭ ރަށެއްގައި ބިނާކުރި އުފާވެރި ދިރިއުޅުން ދޫކޮށް ނަޖާހުއަށް ކިޔަވައި ދިނުމަށްޓަކައި މާލެއަށް ހިޖުރަކޮށްގެންތިބި ނަޖާހުގެ މައިންބަފައިންނަށް ލިބުނު ބޮޑު ހިތާމައަކަށެވެ. ނަޖާހުގެ އެފެއިލްވުން، އަފާނެގީ އެއީ އަފާއަށްޓަކައިވި ޤުރުބާނީއެއްގެ ގޮތުގައެވެ.
އޭގެ ސަބަބުން ނަޖާހުއަށްޓަކައި އަފާގެ ހިތުގައިވި ލޯބި އިހުނަށްވުރެ ވަރުގަދަވިއެވެ.
އަފާ ގެއިން ބޭރަށް ނުކުމެ ޓެކްސީއެއް ހޯދުމަށް އަތް އުފުލާލުމާއެކު، ގާތް ކޮށްލި ޓެކްސީ އަށް އެރިއެވެ. އަދި ދާންވީ ތަން ބުނުމަށްފަހު، ސީޓްގައި ލެނގިލިއެވެ.
"ބޭބޭ. ކާރުގެ ކުޑަދޮރު ހުޅުވާލަދީފާނަންތަ ؟" ކާރުންދުވާ ވަހުން ބޯއަނބުރާ ކަހަލަ އިހްސާސެއް ކުރެވެމުން، އެންމެ ފަހުން ނުއިނދެވިގެން އަފާ އެދުނެވެ.
"ކޮއްކޯ ކާރުގެ ދޮރުހުރީ ހަލާކުވެފަ." ޑްރައިވަރު ހަމަޖެހިލައިގެން އިނދެ ބުނެލިއެވެ.
"އެހެންވިއްޔާ ތަންކޮޅެއް ފިނިވާވަރަށް އޭސީ ޖައްސާލެވިދާނެތަ؟"
"ކޮއްކޯ އޭސީވެސް ހުރީ ހަލާކުވެފަ" ޑްރައިވަރު އެހެން ބުނުމުން އަފާއަށް ބޯހޫރާލެވުނެވެ.
އެއުދާސް ގަނޑުތެރޭގައި އެކުޑަވަރެއްގެ ފޮއްޓެއް ކަހަލަ، ކާރުގައި ދެތިން މިނިޓު ހޭދަކުރުމަށްފަހު އަފާގެ މަންމަގެ ގެއާއި ހަމައަށް އާދެވިއްޖެއެވެ.
"ބޭބޭ، ކިހާވަރެއް؟"
"ދަބަސް އެރުވީމައާއިއެކު، ތިރީސް ރުފިޔާ!" ޑްރައިވަރުގެ އެބުނުމާމެދު ހިތުގައި އުފެދުނު ޝަކުވާތަކާއެކުވެސް އަފާ ޑްރައިވަރު ބުނިވަރަށް ފައިސާދިނުމަށްފަހު އޭނާގެ ކުޑަދަބަސް ކާރުގެ ޑިކީ އިން ބޭލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ.
ގަޑިން ރޭގަނޑު 12 ޖެހުމަކާއި ގާތްވަނީއެވެ. މަޖްބޫރުގެ ހިޔަނިން އޭނާ ކަސްތޮޅު އެޅިފައިވާތީ، ހިތާދެކޮޅަށް ނަމަވެސް މަންމަގެ ގޭގެ ދޮރުގައި އޭނާ ޓަކި ޖަހާލިއެވެ. ދެތިންފަހަރު ޓަކިޖަހާލުމާއެކު ދޮރުހުޅުވީ އަފާގެ މަންމަ ލަތީފާއެވެ.
ދިހައަހަރަށްފަހު އަފާ، އޭނާގެ ލޮލަށް ފެނުމުން ލަތީފާހުރީ ބުނަންވީ ކީކޭކަން ނޭނގިފައެވެ.
އެބެލުމުގައިވަނީ ބީރައްޓެހިކަމެވެ. އެލޮލުން ދެވަނަ ފަހަރަށް އަފާދެކެން ނޭދޭފަދައެވެ. ބައެއް ޙާލަތްތަކުގައި ދަރިންނަކީވެސް ހިލޭ، މީހުންނަށްވާފަހަރު އާދެއެވެ. ލަތީފާއަށް އިހުސާސް ކުރެވުނީ އެގޮތަށެވެ. މީގެ ދިހައަހަރު ކުރިން ލަތީފާކުރި ހުރިހާއާދޭހެއް ބޮލާލާ ޖެހުމަށްފަހު، އޭނާއަށް ފުރަގަސްދިނުމަށްފަހު އަފާ، ދިޔަދިޔުމަކީ، އެހާހިސާބުން އޭނާގެތިބި ހަތް ކުދިންގެ ތެރެއިން އެއްކުއްޖަކު ނިމިދިޔުން، ކަމުގައި އޭނާދުއްޓެވެ. އަފާ އެނބުރިއަންނާނެކަމަށް އޭނާ އުއްމީދެއްވެސް ނުކުރެއެވެ.
"މަ...... މަންމާ އަހަންނަށް.... މި....ގޭގަ ހުރެވިދާނެތަ؟"
ލަދުވެތިކަމުގެ ފަރުދާ ކަހާލުމަށްފަހު އުނދަގުލާއެކުވެސް އަފާބުނެލިއެވެ. ދާނެ އިތުރު ދިމާލަކާއި ހަދާނެއެހެން ގޮތެއްވެސް ނެތުމާއެކުގައެވެ.
"ކޮބާ ފިރިމީހާ ......ކިހިނެތްވީ ؟ ދެމީހުން ވަރިވީތަ ؟،" އަފާކުރި ސުވާލަށް ޖަވާބުދިނުމެއްނެތި ، ހަރުކަށިކަމާއެކު ލަތީފާ އެހިއެވެ.
އަފާގެ ހިތުގައި ޖެހުނެވެ. ލޮލަށް ޖަމާވި ކަރުނަތައް ބޭރުވިޔަނުދީ އޭނާ ހިފެހެއްޓިއެވެ.
"ނޫން ވަރިއެއްނުވަން .....އެކަމަކު" އަފާއަށް ބުނެވުނީ އެހާހިސާބަށެވެ. އާދޭހުގެ ބެލުމާއެކު ލޮލަށްޖަމާވި ކަރުނަތަކުގެ މައްޗަށް އަފާއަކަށް ގަދައެއް ނުދެއްކުނެވެ.
"ބުނަން އަފާ ! އޭނައާ އަފާއިނީ އަހަރެން ބުނެގެނެއްނޫން ! އޭނައަކީ ކިޔަވައިގެންހުރި މީހެއްނޫންވީމަ، އަހަރެން އޭރުބުނީ އޭނާއާ ނުއިންނާށޭ ! ކިހިނެތް އޭނަ ވަޒީފާއެއް ހޯދާނީ ! މިހާރު ތިހިރީ އެގޯސްވެސް ހެދިފަ. ދެން ދެމީހުންގެ ދެމެދު މައްސަލައެއް ޖެހޭއިރަށް ތިހެން ގެއިން ނުކުމެގެން އަންނަ ކޮންމެ ފަހަރަކު އަހަރެން ކިހިނެތް އަފާ ބަލާނީ. އަފާގެ ބައްޕަ ދުނިޔޭގައި ހުރީއެއްނޫން. ކިހިނެތް މި ކުޑަ ތަންކޮޅުގަ އުޅޭނީ، އަހަރެން ފައިސާ ހޯދުމަށް ކުރާ މަސައްކަތަކީ ކިޔަވާކުދިން ބޭތިއްބުން، އެއިން ކުއްޖަކުނެރެފަ އަފާއެއް ނުބެހެއްޓޭނެ މިގެއަކު !" ލަތީފާ ބުނަން ބޭނުންވާ ވާހަކަތައް ފައްޗަކަށް އަމުނާލުމަށްފަހު ދޮރުލެއްޕީއެވެ.
********
އަފާނެތުމުގެ ފޫހިކަމާއެކު ނިތްމަތީގައި އަތް ބާއްވާލައިގެން ނަޖާހުއޮތެވެ. އަފާ ދިޔުމުން ފައިސާލިބޭ ހުރިހާމަގެއް ބަންދުވީއެވެ. މިއޮތްހާ ދުވަހު އޭނާ އުޅުނީ ވަޒީފާއަކަށް ނުގޮސް ، ވަޒިފާ އަދާކޮށްގެން އަފާ ހޯދި ފައިސާއިންނެވެ. ފޯނު ރިންގުވީ އެވަގުތުގައެވެ.
"ނަޖާހު.... އަވަހަށް އައިޖީއެމްއެޗް އަށް އާދޭ ..! " ހާސްކަމާއެކު އެކޮޅުން ވާހަކަދެއްކި އޭނާގެ ރަހުމަތްތެރި ޒިދާނު ބުނެލިއެވެ.
ވީގޮތް ނޭގުނަސް އިތުރު ސުވާލެއް ނުކޮށް ނަޖާހު އަވަސްވެގަތީ ހޮސްޕިޓަލާ ދިމާއަށް ދިއުމަށެވެ. ވެގެންއުޅެނީ ކީއްކަންވެސްރަނގަޅަށް ނޭނގިހުރެއެވެ.
ނަޖާހުއަށް ހޮސްޕިޓަލް ތެރެއަށް ވަދެވުނުއިރު، ކަންހިނގި ގޮތް އޮޅުންފިލުވަން އެތައްބަޔަކު އެއްވެފައިވެއެވެ. ނަޖާހު އެދިޔަ ހަލުވި މިނުގައި ގޮސް ހޮސްޕިޓަލްގެ އިމަރޖެންސީ ރޫމަށްވަނެވެ. އޭރު އަފާގެ އެހީތެރިއެއްގެ ގޮތުގައި ހުރީ ޒިދާންއެވެ.
" ކިހިނެތްވީ ؟ " އެސްފިޔަޖެހުމެއްނެތި ތެމިފޯވެ ، ޚަބަރު ހުސް ވެފައިވާ އަފާއަށް ބަލާލަމުން ، ޒިދާން ކައިރީ ހުއްޓިލާފައި ނަޖާހު އެހިއެވެ.
" އަފާ ހުޅަނގުފަރާތު ފަޅުތެރެއަށް ވެއްޓުނީ. ނަސީބެއް އެވަގުތު މީހަކު އެތާހުރިކަން. ވެއްޓުނީ ކީއްވެ ކަމެއްނޭނގޭ އެކަކަށްވެސް...މަށަށްވެސް ދެވުނީ ބަޔަކު ފަޅުތެރޭން އަފާ ނަގައިގެން އުޅެނިކޮށް،......އަނެއްކާ ތިދެމީހުންގެ ދޭތެރޭ މައްސަލައެއްޖެހުނީތަ؟ "
ނަޖާހުގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލަމުން ޒިދާން އެހެން އެހުމާއެކު ނަޖާހުގެ ބަސްހުސްވެ ދުލުގައި ތަޅުއެޅުވުނު ކަހަލައެވެ. އެއްވެސް އެއްޗެއް ނުބުނެ، އިސްޖަހާލުން ފިޔަވައި ނަޖާހުއަށް އިތުރު އެއްވެސް ހަރަކާތެއް ނުކުރެވުނެވެ.
އެމެޖެންސީ ރޫމުގައި އޮވެ ހާލުއިތުރަށް ގޯސްވާން ފެށުމުން އަފާ އައިސީޔޫއަށް ބަދަލުކުރެވުނެވެ.
ޒިދާން ދިޔުމުން އަފާގެ ދަބަސް ހިފައިގެންގޮސް އައިސީޔޫ ކުރިމަތީގައި ގޮނޑިބަރިން ގޮނޑިއެއްގައި ނަޖާހު އިށީނދެލިއެވެ.
ވަގުތު ފާއިތުވަމުން ދިޔައެވެ. ފާއިތުވަމުން ދިޔަ ކޮންމެ ވަގުތުކޮޅަކާއެކު ނަޖާހުއަށް އަފާގެއްލިދާނެކަމުގެ އިންޒާރުދެމުން ދިޔަ ކަހަލައެވެ. ގޮތް ހުސްވެ މާޔޫސްވެ އިނދެ އެއްލި ކަޅިއަކުން އެއްކޮށްނޭޅުވިއިން ދަބަހުގެ ޒިބު ދޭތެރެއިން ކަރުދާސްކޮޅެއް ނަޖާހުގެ ލޮލުގައި އަޅައިގަތެވެ.
މަޑުމަޑުން ކަރުދާސްކޮޅު ނެގުމަށްފަހު އެކަރުދާސްކޮޅު ނަޖާހު ކިޔާލިއެވެ، އޭގައިވެއެވެ.
" ދިރިއުޅުމާދޭތެރޭ އަހަރެންކުރި ހުރިހާ އެއްމީދެއް ފެނަށްވީއެވެ. އަހަރެން ކައިވެނި ކުރީ އަހަރެން އެންމެ ލޯބިވާމީހާއާއެވެ. ލޯތްބައްޓަކައި މަންމަ ދިން ނަސޭހަތުގައި ނުހިފުން އެއީ އަހަންނަށް ހެދުނު ގޯހެއް ހެއްޔެވެ، ؟ މުސްތަޤްބަލްގެ ކަންހިނގާނެގޮތް އެގުނުނަމައެވެ. އެކަން އެނގޭނަމަ ޢިޝްޤީ ލޯބީގެ މައްޗަށްއަހަރެން ކުރި ހޯދީމުހެވެ. ދިހަ އަހަރު، ފިރިމީހާގެ ޙާދިމާއެއްގެ ގޮތުގައި އުޅެއުޅެ އަހަރެން ވަރުބަލިވެއްޖެއެވެ. އަހަރެން އުޅޭ ގޭގައި އަހަންނަކީ އެކަނި ވެރިއަކީމެވެ. ގޭތެރޭގެ ހުރިހާ ބޮލުރިހުމެއް ހިފައިގެންގޮސް އަހަރެން ވަންނީ އޮފީހަށެވެ. އެތަނުގައި އަހަންނަކީ އެހެން އެންމެންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވެފައިވާ މީހާއެވެ. އަހަރެން އިޙްތިޔާރުކުރި މަޑުމައިތިރި ކަމުގެ ސަބަބުންނެވެ. މިހުރިހާކަމެއްގައި ކުށްވެރިކުރަންވީ މަސެއްކަތެއް ނުކޮށް އަހަރެން އެކަނި ކުރާމަސައްކަތް ތަޅާބުރުވަމުން ދާ އަހަރެންގެ ފިރިމީހާ ހެއްޔެވެ. ؟ އޭނާއަށްވިސްނައި ދެވޭތޯ އަހަރެން ނުކުރަނީ ކޮން މަސައްކަތެއްހެއްޔެވެ؟ "
އެލިޔުންކޮޅު ކިޔާނިމުމުން ނަޖާހުއަށް އޭނާގެ އަމިއްލަ ދިރިއުޅުމާމެދު ވިސްނާލެވުނެވެ. ތެދެކެވެ، މިހުރިހާދުވަހު އޭނާ އަފާ ބޭނުންކުރީ ލާރިޖަހާ މެޝިނެއްގެ ގޮތުގައެވެ. މަސައްކަތް ކުރީ އަފާއެވެ.
ރައްޓެހިންނާއެކު ކޮފީތަކަށްގޮސް އެފައިސާ ޚަރަދު ކުރީ ނަޖާހުއެވެ. އުޅޭތަނުގެ ކުލި ނުދައްކައިގެން ގޭގެ ވެރިމީހާ އެތައްފަހަރަކު އިންޒާރުދިނެވެ. އެހުރިހާކަމެއްގަ ބޯގޮއްވީ އަފާއެވެ. ނަޖާހުއަކީ ޒިންމާއެއްނެތި އުދުހެމުން ދިޔަ މިނިވަން ދޫންޏެއް ކަހަލަ މީހެކެވެ. ވަޒީފާއަށް ގެންގޮސް ގެނައުން ފިޔަވައި އަފާއަށް އޭނާއެއްވެސް ވަގުތެއް ނުދެއެވެ. އަފާ އޭނާގެ ހިތުގެ އަޑު އިއްވަދޭން އެތައްފަހަރަކު މަސައްކަތް ކުރިއެވެ. އެއަޑު ނޭހީވެސް ނަޖާހުއެވެ. އެހާސްކަމުގައި އަފާއުޅޭމުންދަނިކޮށް، އޭނާއާއި ޒިލާގެ ލޯބީގެ ކުޅިގަނޑުވެސް މިރޭ އަފާގެ ކުރިމަތީގައި ތަމްސީލުވީއެވެ.
އަފާއޮފީހަށް ފޮނުވުމަށްފަހު، އޭނާ އުފާހޯދީ ހިލޭ އަނހެނުންގެ އުނގުންނެވެ. އިންސާނަކަށް ކެތްކުރެވޭނީވެސް ވަކިވަރަކަށެވެ.
އައިސީޔޫގެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރު ބޭރަށް ނިކުތީ ޢެވަގުތުގައެވެ، އަފާގެ ހާލާ ގުޅޭގޮތުން ލިބުނީ އުފާވެރި ޙަބަރެކެވެ. އަފާ ހޭއެރީއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ވޯޑަށް ގެންދިޔުމަށްޓަކައި އަފާ ބޭރަށް ނެރުނެވެ. ނަޖާހުގޮސް އަފާގެ އަތުގައި ހިފާލިއެވެ.
"އަހަންނަށް މާފުކުރޭ ! ދެން އެހެނެއް ނުވާނެ ! " ނަޖާހު އެހެން ބުނެލިމާއެކު އަފާގެ ލޮލުގައި އަޅައިގަތީ ނަޖާހުގެ އަތުގައި ކަރުދާސް ކޮޅެވެ. އޭނާގެ ހިތުގެ އާދޭސް ކަރުދާސްކޮޅެއްގެ ޒަރީޢާ އިން ނަމަވެސް ނަޖާހުއާއި ހަމައަށް ފޯރީތީ އަފާ ހިތްހަމަޖެހުމުގެ ނޭވާ އެއްލިއެވެ. ނަމަވެސް ވެދިޔަތަން ހަނދާންނައްތާލުމަކީ އަފާއަށް ފަސޭހަކަމަކަށްނުވާނެއެވެ. (ނިމުނީ)