ހަބަރު

ނަޝީދާ ގުޅޭ ގޮތުން އިނގިރޭސިވިލާތާ ވާހަކަ ނުދައްކާނެ: އުމަރު

  • އެސައިލަމް ދިންކަން ސަރުކާރަށް ނޭނގޭ
  • އިނގިރޭސި ސަރުކާރާ ވާހަކަ ނުދައްކާނެ
  • ނަޝީދު "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް"ގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނގިރޭސިވިލާތުގެ ސަރުކާރުން ސިޔާސީ ހިމާޔަތްދީފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލް ވިދާޅުވެފައިވީ ނަމަވެސް އެކަން ސަރުކާރަށް ރަސްމީ ގޮތެއްގައި އެނގިފައި ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިނގިރޭސި ސަރުކާރާ ވާހަކަ ނުދައްކާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، ރައީސް ނަޝީދަށް އިނގިރޭސިވިލާތުން ހިމާޔަތްދީފައިވާ ކަމެއް ރަސްމީކޮށް އެނގިފައިނުވާ ކަމަށެވެ. އަދި އެކަމުގެ އޮފިޝަލް ކޮފަމޭޝަނެއް ވެސް ލިބިފައިނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ސަރުކާރާ ވާހަކަ ދައްކަވާނެތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ، މިކަމާގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރާ ދިވެހި ސަރުކާރުން ވާހަކަ ނުދައްކާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް އިއްޔެ "އަވަސް"އަށް ވިދާޅުވީ، ނަޝީދު މިހާރު ހުންނެވީ "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް"ގައި ކަމަށެވެ. އެއީ ރަސްމީކޮށް އިނގިރޭސި ސަރުކާރުން ނަޝީދަށް ހިމާޔަތް ދިނުން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ހަސަން ވިދާޅުވީ، ރައީސް ނަޝީދު "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް" ގައި، އެ ގައުމުގެ ސަރުކާރުގެ ހިމާޔަތުގައި ހުންނެވިއިރު އެމަނިކުފާނު އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވިއިރު، އެމަނިކުފާނު ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް ކެރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފަ އެވެ. މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވަނީ އަންނަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަސަން ވިދާޅުވީ، ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި ރައީސް ނަޝީދުގެ ބޭސްފަރުވާ ނިންމާލެވޭނީ އެ މުއްދަތުގައި ކަމަށެވެ. އެހެން ނަމަވެސް، ބޭސްފަރުވާއަށް ފަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ނަޝީދު ބޭނުންފުޅުވާ ނަމަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމަށް ކަމަށް ވެސް ލޯޔަރު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. މުއްދަތު އިތުރުކޮށްދިނުމާ މެދު ގޮތެއް ނިންމަން މިހާރު ވަނީ މެޑިކަލް ބޯޑަށް ހުށަހަޅާފަ އެވެ.