ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ކާޖޮލް ސުޕަސްޓާ ޝާހްރުކް ޚާން އާއެކު ކުޅުނު ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ދިލްވާލޭ" އަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.
އެފިލްމުގެ ނާކާމިޔާބީ އާއެކު އުދާސްވެފައި ހުރި ކާޖޮލް ވަނީ މިހާރު ބޮލީވުޑުން ގަޔާވާ ކަހަލަ ޝައުގުވެރިވަނިވި ފިލްމެއް ހޯދުމަކީ އުނދަގޫކަމެއް ކަމަށް ބުނެފަ އެވެ.
ކާޖޮލް ވަނީ ޒަމާނާއެކު ސިނަމާތަކަށް ބަދަލު އައި ނަމަވެސް މޮޅު ފިލްމުތައް ހޯދުން އަދިވެސް ވަރަށް އުނދަގޫ ކަމަށާއި އެހެން އެގޮތަށް ވަނީ ކޮންމެހެން މިދާއިރާގައި ގިނަ ދުވަސްވުމުން ނުވަތަ އާތަރިއަކަށް ވުމުން ނޫން ކަމަށް ބުނެފަ އެވެ.
"މިހާރު ކުޅޭ ފިލްމުތައް ހިޔާރު ކުރަން އަހަރެން ވަރަށް ފަރުވާ ބަހައްޓަން" ކާޖޮލް ބުނެފައިވެ އެވެ.
ކާޖޮލް ދެން އެންމެ އަވަހަށް ކުޅޭނީ ފިރިމީހާ އަޖޭ ދޭވްގަން އުފައްދާ ފިލްމެކެވެ. މިފިލްމުގެ ޝޫޓިން މިއަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިފިލްމުގައި ކާޖޮލް ކުޅޭ ރޯލާއި ބެހޭގޮތުންނާއި އެފިލްމާ ބެހޭގޮތުން ވާހަަދައްކާކަށް ކާޖޮލް ބޭނުމެއް ނުވެ އެވެ.
"ދިލްވާލޭ" ގެ ކުރިން ވެސް ކާޖޮލް ވަނީ އަޖޭގެ ފިލްމެއް ކުޅެން ނިންމާފަ އެވެ. ނަމަވެސް އެފިލްމުގެ މަސައްކަތް މަޑުޖައްސާލުމުން ކާޖޮލް "ދިލްވާލޭ" ކުޅެން އެއްބަސްވީ އެވެ.
ޝާހްރުކް އާއި ކާޖޮލްގެ މަގްބޫލު ޖޯޑަށް ބެލުންތެރިން އިންތިޒާރުކުރަމުން ދަނިކޮށް އޭނާ ކުޅުނު "ދިލްވާލޭ" ކާމިޔާބު ނުވުމުން ކާޖޮލް ވަނީ އެފިލްމު ކުޅެވުނު މޮޔަ ހިތަށް އަރާކަމަށް ބުނެފަ އެވެ. އަދި ޝާހްރުކް އާއެކު މިފިލްމު ކުޅެން "ކަހާނީ" ގެ ޑައިރެކްޓަރު ސުޖޯއި ޖޯޝްގެ ފިލްމަކުން ލިބިފައިވާ ހުށަހެޅުން ދޫކޮށްލެވުމުން އެކަމާ ދެރަވާ ކަމަށް ވެސް ބުނެފަ އެވެ.
"ދިލްވާލޭ" ރިލީޒްކުރުމުގެ ކުރިން އެފިލްމަކީ ވޭތުވެދިޔަ އަހަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދާ ފިލްމަށް ވާނެ ކަމުގެ އަޑުއަރާފައި އޮތް ފިލްމެވެ. މަޝްހޫރު ތަރިންތަކެއް މިފިލްމުގައި ހިމެނުނުނަމަވެސް އުންމީދުކުރިވަރާ ގާތަށް ވެސް މިފިލްމު ހިނގާފައެއްނުވެ އެވެ.