މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗަކަށް އެންމެ ކަމުދާ މީހަކީ ހޯސޭ މޮރީނިއޯ ކަމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ފިލްނެވިލް ބުނެފި އެވެ.
ޔުނައިޓެޑުގެ މިހާރުގެ އެސިސްޓެންޓް ކޯޗު ރަޔަން ގިގްސްއާ އެކު ކުޅުނު ނެވިލް ބުނީ މޮރީނިއޯ ޔުނައިޓެޑަށް ކަމުދަނީ ކާމިޔާބު ހޯދާ ކޯޗަކަށްވާތީ ކަމަށެވެ.
"ވެންހާލް ގަބޫލު ނުކުރިޔައް ނުކުރިއަސް އެކަމާ އަހަރެންގެ ފަރުވާލެއްނެތް. ޔުނައިޓެޑަށް އެންމެ ކަމުދާ ކޯޗަކީ މޮރީނިއޯ. އޭނާ އަކީ ކާމިޔާބު ކޯޗެއްކަން މޮރީނިއޯ އެވަނީ ސާބިތުކޮށްދީފައި. ޔުނައިޓެޑުގެ ސަޕޯޓަރުން ބޭނުންވަނީ ޓީމު ލީގު ޗެމްޕިއަންކަން ކަމަށް ވާދަކުރަން. ހަޔެއް ނުވަތަ ހަތް ވަނާގައި ސީޒަން ނިންމާލާކަށްނޫން،" މަޝްހޫރު ގެރީ ނެވިލްގެ ކޮއްކޮ ފިލްނެވިލް ބުންޏެވެ.
އޭނާ ބުނީ ސާ އެލެކްސް ފާގަސަންގެ 27 އަހަރުގައި ޔުނައިޓެޑް ކާމިޔާބު ޓީމެއްގެ ގޮތުގައި އޮތީ ކޯޗު ކުޅުންތެރިން މޯޓިވޭޓްކުރުވާތީ ކަމަށެވެ.
"އެލެކްސް ފާގަސަން އަހަރުމެން ގާތުގައި ބުނޭ ޗޭންޖިން ރޫމުގައި މުޅި ދުނިޔެ ވެސް އޮތީ އަހަރުމެން ބަލިވާން އެދިގެންނޭ. މީޑިޔާވެސް އޮތީ އެހެންނޭ. މީގެ ސަބަބުން އަހަރުމެން މޮޅުވާން ބޭނުންވޭ. ފާގަސަންގެ މި މޯޓިވޭޝަން މޮރީނިއޯ ގެނެސްފިނަމަ އޭނާ އަށް ސަޕޯޓަރުންގެ ހިތްތަކުން ޖާގަ ލިބިގެންދާނެ،" ނެވިލް ބުންޏެވެ.
ޗެލްސީގެ ކުރީގެ ކޯޗާ ބެހޭ ގޮތުން އޭނާ މިގޮތަށް ވާހަކަދެއްކިއިރު މި ހަފުތާގައި ޔުނައިޓެޑުގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސާނެ ކަމަށް އިނގިރޭސި މީޑިޔާއިން ވަނީ ބުނަން ފަށައިފަ އެވެ. އަދި ވެންހާލް ވެސް ވަނީ އިއްޔެރޭ ކުޅުނު އެފްއޭކަޕް ފައިނަލަށް ފަހު ކުޅުންތެރިންނަށް އަލްވަދާއު ކިޔައިފަ އެވެ. ވެންހާލް މަގާމުން ވަކިކުރަން ޔުނައިޓެޑުން ނިންމަން މިއުޅެނީ އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވަ އެވެ.