ސްރީ ލަންކާގައި ޗައިނާގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ލަންކާގެ ރައީސް މައިތިރްޕަލަ ސިިރިސޭނާ އެދިވަޑައިގެންފި އެވެ.
ސިރިސޭނާ މި ދައުވަތު ދެއްވާފައި ވަނީ ލަންކާ އަށް ވަޑައިގެންނެވި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އެސިސްޓެންޓް މިނިސްޓަ އޮފް ފޮރިން އެފެއާޒް ލިއު ޖިއަންޗޯއާ އެކު ހުކުރު ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ލަންކާ ސަރުކާރުގެ ވެބްސައިޓްގައި ބުނެފައި ވަނީ ލަންކާގެ ތަރައްގީ އަށް ޗައިނާ އިން އެހީވުމުގައި ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ޗައިނާ ސަރުކާރާއި ޗައިނާގެ އަމިއްލަ ކުންފުނިތަކުން ވެސް ލަންކާގައި އިންވެސްޓްކުރުން އިތުރުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް ސިރިސޭނާ މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ޗައިނާއާ އެކު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން ލަންކާގައި ތަރައްގީކުރާ ޕޯޓް ސިޓީގެ މަސައްކަތް ހުއްޓާލުމަށް ސިރިސޭނާ ވައުދުވެ ވަޑައިގެންފައި ވިޔަސް އެ ވިސްނުން ބަދަލުކުރައްވާފައި ވަނިކޮށެވެ. އެއް ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ޕޯޓް ސިޓީގެ މަސައްކަތް ކުރިއަށް ގެންދަން ލަންކާ އިން ނިންމީ ލަންކާ އާއި ޗައިނާއާ ދެމެދު ގުޅުން ގޯސްވެގެން ހިނގައިދާނެތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބިން ހިއްކައިގެން ތަރައްގީކުރާ ޕޯޓް ސިޓީގެ އިތުުރުން ވެސް ޗައިނާއާ އެކު ހިންގަން ރާވާފައިވާ ބައެއް ޕްރޮޖެކްޓްތައް ހުއްޓާލާނެ ކަމަށް ބުނެފައި ވަނީ ސިރިސޭނާ ނިސްބަތްވާ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގަ އެވެ. އެ ކޯލިޝަނުން ބުނެފައި ވަނީ ޗައިނާ އަށް މާބޮޑަށް ބަރޯސާ ވުމުގެ ސަބަބުން ލަންކާ އޮތީ ނުރައްކާ ފައްތަރެއްގަ އެވެ. އަދި ކޯލިޝަން ސަރުކާރުން އިންޑިއާ އާއި ޗައިނާއާ އެކު ހަމަހަމަ ގުޅުމެއް ބާއްވާނެ ކަމަށް ވެސް ބުނެފައިވެ އެެވެ.