ހަބަރު

ނާޒިމް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ފުލުހުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގުވައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނާޒިމް ފުލުހުސް އޮފީހަށް ހާޒިރު ކުރީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. މީގެ ކުރިން ވެސް ނާޒިމް ވަނީ އެ މައްސަލައިގައި ފުލުހުންނަށް ބަޔާނެއް ވެސް ދީފަ އެވެ. ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ވެސް ވަނީ ދީފަ އެވެ.

ނާޒިމްއާ ގުޅޭ ގޮތުން ފުލުހުން ބަލަމުން އަންނަނީ އޭނާގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އެކެވެ. އެގޮތުން ފިސްތޯލަކާއި ގޮވާ ޒާތުގެ އެއްޗެއް އެގެއިން ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި ނާޒިމަށް އެކަށީގެންވާ ގޮތަކަށް ޖަވާބު ދެވިފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.