ސްރީލަންކާ

ވިއްސާރާގައި ލަންކާއިން މަރުވި މީހުންގެ އަދަދު 92 އަށް

މިދިޔަ ހަފްތާގެ ތެރޭގައި ސްރީލަންކާއަށް ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު 92 އަށް އަރައިފި އެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތެރިވާ ސަލާމަތީ ބާރުތަކުން އަދިވެސް ދަނީ އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންދާއިރު އަދިވެސް 109 މީހުން ގެއްލިފައިވާ ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން މައުލޫމާތުދެ އެވެ.

ވެރިރަށް ކޮލަމްބޯގައި މީހުން ދިރިއުޅޭ އެތައްހާސް ގެއެއް އަދިވެސް ފެނު އަޑީގަ އެވެ. އެހެން ނަމަވެސް ފެން ގަނޑު ހިނދެމުން އަންނަކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވަގުތީ ހިޔާތަކުގައި މިހާރުވެސް 243،000 މީހުން ދިރިއުޅެމުންދެ އެވެ. އެންމެ ގިނަ ގެ ހަލާކުވެ އެންމެ ގިނަ މީހުން ހާލުގައި ޖެހިފަނީ ކޭގޯލް ޑިސްޓްރިކްޓުން ކަމަށްވެ އެވެ. އެ ޑިސްޓްރިކްޓްގެ ތިން އަވަށެއް ވަނީ ބިން ގަނޑު ކަނޑައިގެން ގޮސް އެކީގައިހެން ވަޅުލެވިފަ އެވެ.

ލަންކާއަށް ކުރި ވިއްސާރައިގައި 200 އަށްވުރެ ގިނަ އާއިލާވަނީ ގެއްލިފަ އެވެ.

މިއީ ފާއިތުވެދިޔަ 25 އަހަރު ތެރޭގައި ލަންކާއަށް ކުރި އެންމެ ނުރައްކާ ވިއްސާރަކަމަށްވެ އެވެ.