މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ލުއިސް ވެންހާލް ވަކިކޮށްފި އެވެ.
އޭނާގެ ބަދަލުގައި އެ މަގާމާ ހަވާލުވާނީ ޗެލްސީ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.
ވެންހާލްއާއެކު ޔުނައިޓެޑުން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އޭނާ މަގާމުން ވަކިކުރިކަން އެންގީ މިއަދު ހެނދުނު ކުލަބުގެ ޓްރޭނިން ކޮމްޕްލެކްސްގައި ބޭއްވި ބައްދަލުވުމަށްފަހު އެވެ. ޔުނައިޓެޑުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑްވުޑްވާޑް ވެންހާލް އާއި އޭނާގެ ކޯޗިން ޓީމާއެކު ބައްދަލުކޮށް ކޯޗު ބަދަލުކުރަން ނިންމިކަން އިއުލާނު ކުރުމުން ވެންހާލްއާއެކު ޔުނައިޓެޑާ ގުޅުނު ބައެއް ކޯޗިން ސްޓާފުން ވެސް ވަނީ މިއަދު އެކުލަބު ދޫކޮށްލައިފަ އެވެ. އެއީ އަލްބަޓް ސްޓުއިވެންބާގް އާއި ފްރޭސް އާއި މެކްސް ރެކާސް އެވެ. ވެންހާލް ވަކިކުރިކަން އިއުލާނުކުރަން ޔުނައިޓެޑުން މިއަދު ހަވީރު ބަޔާނެއް ނެރޭނެ ކަމަށް އިނގިރޭސި މީޑިޔާއތަކުން ބުނެ އެވެ.
ނަމަވެސް ވެންހާލްގެ ފަރާތުން ނެރުނު ބަޔާނުގައިވަނީ އޭނާ ކޯޗުކަމުން ވަކިކޮށްފިކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް މިއީ އުއްމީދުކުރި ގޮތް ނޫން ކަމަށާއި މަގާމުން ވަކިވެގެންދަނީ ތައްޓަކާއެކުގައި ކަމަށް ބުނެފައިވެ އެވެ.
ޗެލްސީ އަށް ތިން ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްދީ އެކުލަބުގެ އެންމެ ކާމިޔާބު ކޯޗަށް ޔުނައިޓެޑް ހަވާލުކުރާނެ ކަން ޔަގީންކަމާއެކު އިނގިރޭސި މީޑިޔާތަކުން ބުނަން ފެށީ ކްރިސްޓަލް ޕެލަސް ބަލިކޮށް އިނގިރޭސި އެފްއޭކަޕް ޔުނައިޓެޑް މިރޭ ކާމިޔާބުކުރިތާ އިރުކޮޅެއް ފަހުންނެވެ.
މޮރީނިއޯ ޔުނައިޓެޑާ ހަވާލުވާނީ ތިން އަހަރަށެވެ. އެއީ 34.85 މިލިއަން ޕައުންޑްގެ އަގުހުރި ކޮންޓްރެކްޓެކެވެ. އަދި ޗެލްސީގެ ކޯޗުކަމުން މިދިޔަ އަހަރު ވަކިކުރުމުން ޔުނައިޓެޑުގެ ވާދަވެރި ކުލަބަކާ ނުގުޅި ހުރުމަށް ޝަރުތުކޮށް އެކުލަބުން އޭނާ އަށް ހަތްރު މިލިއަނެއްހާ ޕައުންޑް ދީފައިވެ އެވެ. އެއީ ވެންހާލަށް ޔުނައިޓެޑް ލީގުގެ ގަދަ ހަތަރަކަށް ނުގެންދެވިއްޖެނަމަ އެ މަގާމު މޮރީނިއޯ އަށް ދޭގޮތަށް ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.
ކާމިޔާބު 27 އަހަރަށް ފަހު ޔުނައިޓެޑުގެ ކޯޗުކަން ސާ އެލެކްސް ފާގަސަން ދޫކޮށްލުމަށްފަހު އެކުލަބުގެ ކޯޗުކަން މޮރީނިއޯ އަށް ދޭން އުޅުނެވެ. ނަމަވެސް ފާގަސަންގެ އެއިރުދިން ހުށަހެޅުން މޮރީނިއޯ ދޫކޮށްލީ އެނބުރި ޗެެލްސީއަށް ދާން ބޭނުންވެފައި ހުރުމުންނެވެ.
ނަމަވެސް ރެއާލްް މެޑްރިޑް ދޫކޮށް އެނބުރި ޗެލްސީއާ ހަވާލުވެ ފުރަތަަމަ އަހަރު ލީގު ކާމިޔާބު ކުރި ނަމަވެސް މިދިޔަ ސީޒަނުގެ ކުރީކޮޅުން ފެށިގެން އޭނާއަށް މައްސަަލަތައް ކުރިމަތިވާން ފެށިއެވެ. ބައެއް ސްޓާފުންނާއި ކުޅުންތެރިންނާ ވެސް އޮތް ގުޅުން ގޯސްވި އެވެ. އެންމެ ފަހުން ނަތީޖާތައް މާބޮޑަށް ގޯސްވުމުން ޗެލްސީން މޮރީނިއޯ މަގާމުން ވަކިކުރީ އެވެ.
އޭގެ ފަހުން އޭނާ ބަލަބަލައިހުރީ ވެސް ޔުނައިޓެޑުގެ ކޯޗުކަމަށެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ކުރި އެއްވެސް ސުވާލަކަށް ރަސްމީ ޖަވާބެއް އޭނާ ދީފައެއްނުވެ އެވެ. ސަބަބަކީ ވެންހާލް އާއި މޮރީނިއޯއާ ދެމެދު ގާތްގުޅުމެއް އޮތުމެވެ. މޮރީނިއޯ ކޯޗިން އަށް ނުކުތުމުގެ ކުރިން އޭނާ އަކީ ސްޕޭނުގެ ބާސެލޯނާގައި ވެންހާލްގެ ތަރުޖަމާނެވެ.