ބޭރު ކުޅިވަރު

ޔުނައިޓެޑުގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

އިނގިރޭސި އެންމެ ކާމިޔާބު ކުލަބު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗަކަށް ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަމަޖައްސައިފި އެވެ.

ޔުނައިޓެޑުގެ ކޯޗު ބަދަލުމިކުރަން ނިންމީ މީގެ ދެ އަހަރު ކުރިން އެ ޓީމުގެ ކޯޗު ކަމާ ހަވާލުވި ލުއިސް ވެންހާލް މަގާމުން ވަކިކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި އެފްއޭކަޕް އެ ޓީމަށް ކާމިޔާބުކޮށްދިން ވެންހާލް މަގާމުން ވަކިކުރަން ނިންމިއިރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ.

މެންޗެސްޓާގެ ކޯޗުކަން މޮރީނިއޯ އަށް ދޭން އުޅޭ ވާހަކަ މިދިޔަ އަހަރު ޗެލްސީގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމާއެކު ދެކެވެން ފެށި އެވެ. އަދި ޔުނައިޓެޑާ ވާދަވެރި ޓީމަކަށް ނުގޮސް އޭނާ މަޑުކޮށްދޭ މަތިން އޭނާ އަށް ހަތަރު މިލިއަން ޕައުންޑް ޔުނައިޓެޑުން ހުށަހަޅިކަމަށް ވެސް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

މޮރީނިއޯ ޔުނައިޓެޑާ ހަވާލުވާނީ ތިން އަހަރަށެވެ. އެއީ 34.85 މިލިއަން ޕައުންޑްގެ އަގުހުރި ކޮންޓްރެކްޓެކެވެ.

ކާމިޔާބު 27 އަހަރަށް ފަހު ޔުނައިޓެޑުގެ ކޯޗުކަން ސާ އެލެކްސް ފާގަސަން ދޫކޮށްލުމަށްފަހު އެކުލަބުގެ ކޯޗުކަން މޮރީނިއޯ އަށް ދޭން އުޅުނެވެ. ނަމަވެސް ފާގަސަންގެ އެއިރުދިން ހުށަހެޅުން މޮރީނިއޯ ދޫކޮށްލީ އެނބުރި ޗެލްސީއަށް ދާން ބޭނުންވެފައި ހުރުމުންނެވެ.

ނަމަވެސް ރެއާލް މެޑްރިޑް ދޫކޮށް އެނބުރި ޗެލްސީއާ ހަވާލުވެ ފުރަތަމަ އަހަރު ލީގު ކާމިޔާބު ކުރި ނަމަވެސް މިދިޔަ ސީޒަނުގެ ކުރީކޮޅުން ފެށިގެން އޭނާއަށް މައްސަލަތައް ކުރިމަތިވާން ފެށިއެވެ. ބައެއް ސްޓާފުންނާއި ކުޅުންތެރިންނާ ވެސް އޮތް ގުޅުން ގޯސްވި އެވެ. އެންމެ ފަހުން ނަތީޖާތައް މާބޮޑަށް ގޯސްވުމުން ޗެލްސީން މޮރީނިއޯ މަގާމުން ވަކިކުރީ އެވެ.

އޭގެ ފަހުން އޭނާ ބަލަބަލައިހުރީ ވެސް ޔުނައިޓެޑުގެ ކޯޗުކަމަށެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ކުރި އެއްވެސް ސުވާލަކަށް ރަސްމީ ޖަވާބެއް އޭނާ މިހާތަނަށް ދީފައެއްނުވެ އެވެ. ސަބަބަކީ ވެންހާލް އާއި މޮރީނިއޯއާ ދެމެދު ގާތްގުޅުމެއް އޮތުމެވެ. މޮރީނިއޯ ކޯޗިން އަށް ނުކުތުމުގެ ކުރިން އޭނާ އަކީ ސްޕޭނުގެ ބާސެލޯނާގައި ވެންހާލްގެ ތަރުޖަމާނެވެ.

ޗެލްސީ އަށް ތިން ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީ އަދި އެކުލަބުގެ އެންމެ ކާމިޔާބު ކޯޗު މޮރީނިއޯ ވަނީޕޯޓޯ އާއި އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ އަންނަ ސީޒަނަށް ޔުނައިޓެޑް ވަރަށް ބޮޑަށް ބަދަލުކުރާނެ އެވެ. މިކަމަށް އޭނާ އަށް 100 މިލިއަން ޕައުންޑްގެ ބަޖެޓެއްވެސް ދިނުން ގާތެވެ.