އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާއަކަށް 32 ރުފިޔާ ބަހަން ނިންމައިފި

މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާއަކަށް 32 ރުފިޔާ ބަހަން އެކުންފުނިން ނިންމައިފި އެވެ. މިރޭ ޖެން ހޮޓަލުގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ނިންމާފައި ވަނީ 89.02 ޕަސެންޓް ހިއްސާ ދާރުންގެ ވޯޓުންނެވެ. އަދި އެ ފައިދާ ލިބިފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ސަރުކާރާއި އާންމުން ހިއްސާވާ ކުންފުނި، އެމްޓީސީސީއިން ކުރިން ނިންމާފައި ވަނީ އަހަރީ ފައިދާގެ ހަތް ޕަސަންޓެއް ގޮތުގައި މޫނުމަތީއަގު 50 ރުފިޔާގެ ހިއްސާއަކަށް 22 ރުފިޔާ ދިނުމަށެވެ. ނަމަވެސް މިރޭގެ އަހަރީ އާމުޖަލްސާގައި އެ އަދަދު ވަނީ 32 ރުފިޔާއަށް އިތުރު ކުރުމަށް ވޯޓެއް ނަގައިފައެވެ. އެގޮތުން ހިއްސާދާރުންނަށް 32 ރުފިޔާ ބަހަން 58 ހިއްސާދާރުން ވޯޓުދެއްވާފައިވާ އިރު ހަތް ހިއްސާދާރުން އެއަދަދަކަށް ވޯޓެއް ނުދެއްވައެވެ. އެގޮތުން ހިއްސާދާރުންނަށް ޑިވިޑެންޓުގެ ގޮތުގައި 32 ރުފިޔާ ބަހަން ނިންމި އެވެ.

އެމްޓީސީސީ ބޯޑުން މިހެން ނިންމާފައިވާ އިރު މިދިޔަ އަހަރު އެކުންފުންޏަށް ވަނީ ރެކޯޑު އަދަދަކަށް ފައިދާ ލިބިފައެވެ. އެގޮތުން ސާފު ފައިދާގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހރު އެކުންފުންޏަށް ލިބުނީ 99.13 މިލިއަން ރުފިޔާގެ ފައިދާއެވެ. މިދިޔަ އަހަރު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައި ވަނީ ހިއްސާއަކަށް 10 ރުފިޔާ ބެހުމަށެވެ.

މިރޭ ބޭއްވި ޖަލްސާގައި ވަނީ އެމްޓީސީސީގެ އެކްސްޓާނަލް އޮޑިޓް ކޮށްދޭނެ ފަރާތަކާއި އަގެއްވެސް ކަންޑައެޅުމަށް ވޯޓެއް ނަގައިފައެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް އެކުންފުނީގެ ބޯޑުން ހުށަހަޅާފައި ވަނީ އާންސް އެންޑް ޔަންގްގެ ނަމެވެ. އަދި 340،000 ރުފިޔާ އަށް އެކްސްޓާނަލް އޮޑިޓް ކުރުމަށް ހުށަހެޅިއެވެ. އެގޮތުން 20 ފަރާތެއް އެކަމަށް ވޯޓު ނުދިން ނަމަވެސް 45 ފަރާތެއްގެ ވޯޓުން އެކްސްޓާނަލް އޮޑިޓު ކުރުން ވަނީ އާންސް އެންޑް ޔަންގްއާ ހަވާލު ކުރަން ނިންމައިފައެވެ.