ދުނިޔެ

ސީރިއާ ހަނގުރާމާގައި މަރުވި މީހުންގެ އަދަދު 210000 އަށް ވުރެ އިތުރުވެއްޖެ

މީގެ ހަތަރު އަހަރު ކުރިން ފެށިގެން ސީރިއާގައި ކުރަމުންދާ ދާހިލީ ހަނގުރާމާގައި މަރުވި މީހުންގެ އަދަދު 210000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

ސީރިއާ ހަނގުރާމައިގެ ތެރޭގައި ކަން ހިނގާ ގޮތް ބަލަމުން އަންނަ ސީރިއަން އޮބްޒަވޭޓަރީން ބުނީ މަރުވި މީހުންގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުންނަކީ އާންމުން ކަމަށެވެ. މީގެ ތެރޭގައި 10664 ކުޑަކުދިންނާއި 6783 އަންހެނުން ހިމެނޭ ކަމަށް، އިނގިރޭސި ވިލާތުގެ އެ ޖަމިއްޔާ އިން ބުންޏެވެ.

ސީރިއަން އޮބްޒަވޭޓަރީގެ ވެރިޔާ ރަމީ އަބްދުލް ރަހްމާން ވިދާޅުވީ މަރުވި ކަމަށް ރެކޯޑް ކުރެވިފައިވާ އަދަަދަށް ވުރެ 85000 ނުވަތަ އެއަށް ވުރެ އެތައް ގުނައެއް އިތުރަށް މަރުވެފައި ވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ފަރާތުން ވެސް ދަނީ ހަނގުރާމާގައި މަރުވާ މީހުންގެ އަދަދާއި ލިބެމުންދާ ގެއްލުންތައް ސިއްރު ކުރަމުން ކަމަށެވެ.

ސީރިއާގައި ހަނގުރާމަ ފަށާފައި ވަނީ އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް ބައްޝާރާ ދެކޮޅަށް ތެދުވި ޖަމާއަތްތަކުގެ މެދުގައި ވެސް ހަމަނުޖެހުން އުފެދި އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިނުން ވެސް ވަނީ އާންމުވެފަ އެވެ. އަދި އަމިއްލަ އަށް އިސްލާމީ ދައުލަތެއް އިއުލާނުކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓުން ސީރިއާގައި ބާރުގަދަކުރުމާ އެކު މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.