ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގު ޒިދާނަށް ވަރަށް ހާއްސަ. ކީއްވެ؟

މާދަމާ ރޭ ކުޅޭ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާނަށް ވަރަށް ހާއްސަވެއްޖެ އެވެ. ވާދަވެރި އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ތަށި އުފުލާލައިފިނަމަ އޭނާ ވެގެންދާނީ ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން މިތަށި ކާމިޔާބުކުރާ ހަތް ވަނަ ކުޅުންތެރިޔާ އަށެވެ. އޭނާ މިތަށި ކާމިޔާބުކުރީ 2002 ވަނަ އަހަރު ރެއާލް މެޑްރިޑުގަ އެވެ.
ތިރީގައި މި ބަލާލަނީ މި ތަށި ކޯޗު އަދި ކުޅުންތެރިއެއްގެ ގޮތުން ހޯދާފައިވާ ހަ ކޯޗުންނަށެވެ.

1- މިގުއަލް މުނޯޒް:

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ދުވަސްކޮޅު ރަސްކަންކުރީ ރެއާލް މެޑްރިޑެވެ. ފުރަތަމަ ފަސް ތަށި ހޯދީ ވެސް އެމީހުންނެވެ. އެއިރު ޓީމުގެ މެދަށް ކުޅުނު މިގުއެލް މުނޯޒް ވަނީ ފުރަތަމަ ތިން ތަށި ހޯދައިފަ އެވެ. ފައިނަލްގައި ލަނޑު ޖެހީ ވެސް އޭނާ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ތަށި އުފުލާލީ 1956 އާއި 1957 އަދި 1958ގަ އެވެ. އޭގެ ފަހުން ރެއާލް މެޑްރިޑުގެ ކޯޗެއްގެ ގޮތުގައި އޭނާ ވަނީ 1960 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ރެއާލްގެ ކޯޗުކަމުގައި އޭނާ ހުރި 14 އަހަރު ތެރޭގައި މުނޯޒް ވަނީ ނުވަ ފަހަރު ސްޕެނިޝް ލީގު އަދި 1966 ވަނަ އަހަރު އަނެއްްކާ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

2- ޖިއޮވާނީ ޓްރަޕަތޯނީ

1963 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބެންފީކާ އަށް ކުޅުނު މަޝްހޫރު ޔޫސޭބިއޯ މާކްކުރުމެވެ. ނަމަވެސް ލަންޑަނުގެ ވެމްބްލީގައި 2-1އިން އޭސީމިލާން މޮޅުވި މެޗުގައި ޖިއޮވާނީ ޓްރަޕަތޯނީ ވަނީ ޔޫސޭބިއޯ ގޭމުން ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން 1969ގައި ވެސް އޭނާ ވަނީ މި ތަށި ހޯދައިފަ އެވެ. ކޯޗެއގެ ގޮތުން އޭނާ އަށް މި ތަށި ލިބުނީ 1985ގައި ޔުވެންޓަސްގަ އެވެ. އެއީ ލިވަޕޫލް ބަލިކޮށްގެންެނެވެ.

3- ކާލޯ އެންޗެލޯޓީ

ކާލޯ އެންޗެލޯޓީ ވަނީ ކޯޗެއްގެ ގޮތުގައި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ 2003 އާއި 2007ގައި އޭސީމިލާނުގައި އަދި 2014 ވަނަ އަހަރު ރެއާލް މެޑްރިޑުގަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އޭނާ ތަށި ހޯދީ 1989 އާއި 1990ގަ އެވެ. މި ދެ ފަހަރު ވެސް އޭނާ ކުޅުނީ އޭސީ މިލާނަށެވެ. އެންޗެލޯޓީ އަކީ އޭނާގެ ދުވަސްވަރު މޮޅު މިޑްފީލްޑަރެކެވެ. ކޯޗެއްގެ ގޮތުން އޭނާ ވަނީ އިޓާލިއަން ލީގު އޭސީ މިލާނަށް އަދި ދެ ފަހަރު ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށް، އިނގިރޭސި ޕްރެމިއާ ލީގާއި އެފްއޭކަޕް ޗެލްސީ އަށް އަދި ފްރާންސް ލީގު ޕީއެސްޖީ އަށް ހޯދައިދީ ރެއާލް މެޑްރިޑަށް ސްޕެނިޝް ކަޕް ވެސް ހޯދައިދީފަ އެވެ.

4- ޔޯހަން ކްރައިފް

ބާސެލޯނާގައި މިޒަމާނުގެ ފުޓްބޯޅަ ކަމަށްވާ ޕާސިން ގޭމް ތައާރަފްކުރި ޔޯހަން ކްރައިފަކީ ފުޓްބޯޅައިގެ އެންމެން އޭނާ އަށް ޝުކުރުއަދާކުރާ ފަދަ ހިދުމަތްތެރިއެކެވެ. އޭނާ ވަނީ ޖުމުލަ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ ކުޅުންތެރިއެއްްގެ ގޮތުގައި ތިން ފަހަރު އަދި 1992 ވަނަ އަހަރު ބާސެލޯނާގެ ކޯޗެއްްގެ ގޮތުގަ އެވެ. އަޔެކްސްގެ ކޯޗަކަށް ހުރެ މި ތަށި ނުލިބުނު ނަމަވެސް 1995 ވަނަ އަހަރު އެ ޓީމު ތަށި ހޯދުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ.

5- ފްރޭންކް ރައިކާޑް

އަރިގޯ ސާޗީގެ ކޯޗުކަމުގައި ޑިފެންސިވް މިޑްފީލްޑަށް ކުޅެން ފެށި ނެދަލޭންޑްސްގެ ފްރޭންކް ރައިކާޑް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު އުފުލާލީ 1989ގައި އޭސީ މިލާނުގަ އެވެ. އޭގެ ފަހުން ޖެހިގެން އައިު އަހަރު ހޯދިު ތަށި ތިން ވަނަ ފަހަރަށް 1990 ވަނަ އަހަރު ކާމިޔާބު ކުރީ ބެންފީކާ ކޮޅަށް އޭނާ ގޯލު ޖަހައިގެންނެވެ. ކޯޗިން ކެރިއަރު ފަށައި ރައިކާޑް މި ތަށި ހޯދީ 2005 ވަަނަ އަހަރު ބާސެލޯނާގަ އެވެ.

6- ޕެޕް ގާޑިއޯލާ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ޕެޕް ގާޑިއޯލާ އަކީ އެރއް ކުލަބެއްގައި ކޯޗެއްގެ ގޮތުންނާއި ކުޅުންތެރިއެްގެ ގޮތުން މި ތަށި ކާމިޔާބު ކުރި ދެ ވަނަ މީހާ އެވެ. އޭނާ ފުރަތަމަ ޗެމްޕިއަންސް ލީގު ހޯދީ 1992 ވަނަ އަހަރު ކްރައިފްގެ އިރުޝާދުގެ ދަށުންނެވެ. އޭގެ ފަހުން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެ 2009 ވަނަ އަހަރާއި 2011 ވަނަ އަހަރު އޭނާ ތަށި ހޯދީ ފަސޭހަކަމާއެކުގަ އެވެ.