ބޭރު ކުޅިވަރު

ފީފާގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މަގާމުން ވަކިކޮށްފި

May 24, 2016

ފީފާގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މާކަސް ކަޓްނާ މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކުރީ ނަހަމަގޮތުގައި ބޯނަސް ފައިސާ ލިބިގަތުމުގެ ކުށުގަ އެވެ.

2003 ވަނަ އަހަރު ފައިނޭންސް ޑިރެކްޓަރެއްގެ ގޮތުގައި ފީފާއާ ގުޅުނު ކަޓްނާގެ މުސާރަ އާއި ބޯނަސްތައް ބެލުމުގެ ފުރުސަތު ފީފާގެ ކޮމިޓީތަކަށް ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކަޓްނާ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ކަމާ ހަވާލުވީ 2007ގަ އެވެ.

އޭނާގެ މަގާމުން ވަކިކުރި އިރު ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ ވަނީ މިދިޔަ އަހަރު 12 އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އަދި ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ނާއިބް ރައީސް އަދި ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ސަަސްޕެންޑްކޮށްފަ އެވެ. ނަމަވެސް މި ބޭފުޅުންގެ ކޮރަޕްޝަނާއި ކަޓްނާއާ ގުޅުމެއްނެތެވެ.

ފީފާގެ އާ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މަގާމާ ހަވާލުވުމަށްފަހު ބަދަލުތައް ގެންނަން ފަށައިފަ އެވެ. އޭނާ ޖެނެރަލް ސެކްރެޓަރީ އަކަށް ހަމަޖައްސާފައިވަނީ ސެނަގާލްގެ ފާތިމާ ސަމޫރާ އެވެ. އުމުރުން 54 އަހަރުގެ ސަމޫރާ އަކީ އދ.ގައި އެފްރިކާގެ މަންދޫބެއްގެ ގޮތުން ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.