އެމްޓީސީސީ

ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް ކުރިންވެސް ތިއްބެވި ދެބޭފުޅުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮމްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ދެ މެންބަރުންގެ ގޮތުގައި މ. މެއިންޒްގެ މުހައްމަދު އިމްރާން އަދުނާނާއި ހއ. ކެލާ، ފީރޯޒުގޭގެ ފަތުހުﷲ އިސްމާއިލް ހޮވައިފި އެވެ. މިދިޔަ އަހަރުގެ ވެސް އާންމު ހިއްސާ ދާރުންގެ ގޮތުގައި އިންތިހާބު ކުރީ މިދެ ބޭފުޅުންނެވެ.

އާންމުން ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑުގައި ތިއްބަވާ ދެ ބޭފުޅުން ކޮންމެ އަހަރަކުވެސް އިސްތިއުފާ ދެއްވައި އަލުން ބޯޑަށް ކުރިމަތިލާން ފުރުސަތު ހުޅުވާލަ އެވެ. މިއަހަރު އެ ފުރުސަތު ހުޅުވާލި އިރު ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކަންޑައެޅިފައިވާ މިންގަޑުތެރެއަށް ފެތޭ ދެ މެންބަރަކަށް ތިއްބެވީ ވެސް އިމްރާންއާއި ފަތުހުﷲ އެވެ.

ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ވޯޓުގައި 65 ހިއްސާދާރުން ބައިވެރިވިއިރު 50 ހިއްސާދާރުން ފަތުހުﷲ އަށް ވޯޓުދިނެވެ. އިމްރާނަށް 45 ވޯޓް ލިބުނެވެ.