ބޮލީވުޑް

ސަލްމާން އާއި ކެޓްރީނާ އަނެއްކާވެސް އެކުގައި

May 24, 2016
2

ކުރީގެ ދެލޯބިވެރިން ކަމަށްވާ ސުޕަސްޓާ ސަލްމާން ޚާން އާއި ބަތަލާ ކެޓްރީނާ ކައިފް އަނެއްކާ ވެސް އެކުގައި ފިލްމަކުން ފެނިގެން ހިނގައިދާނެ އެވެ.

އެންމެފަހުން މިދެތަރިން އެކުގައި ފެނިގެން ގޮސްފައިވަނީ 2012 ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" އިންނެވެ.

ހަތަރު އަހަރު ފަހުން މިދެތަރިން އެކުގައި ފެނިގެންދާނެ ކަމަށް ވަނީ ޑައިރެކްޓަރު ރާޖް ކުމާރު ސަންތޯޝީގެ ރޮމޭންޓިކް ކޮމެޑީ ފިލްމަކުން ކަމަށްވެ އެވެ. މިފިލްމުގެ ޝޫޓިން މިއަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިފިލްމުގެ މަސައްކަތް ފަށާނީ ސަލްމާން ދެން ކުޅޭ ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމުގެ ޝޫޓިން ނިމުމުން ކަމަށްވެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިހާރު މިފިލްމުގެ ބަތަލާ ރޯލު ކެޓްރީނާ އަށް ހުށަހަޅައި އަންނަނީ އޭނާއާ ވާހަކަދައްކަމުންނެވެ. އަދި މިފިލްމުގައި ބަތަލާ ކުޅުމަށް ހަމަޖެހިފައިވާ ރޯލު އެހާ ބޮޑު ނޫން ކަމަށްވެ އެވެ.

މިފިލްމުގެ ޕްރޮޑިއުސަރަކީ ސަލްމާންގެ ދައްތަ އަލްވީރާ ޚާން އެވެ. ސަލްމާންގެ ދައްތަ އަލްވާރީ އާއި ކެޓްރީނާ އަކީ ވެސް ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. ކެޓްރީނާ ވަނީ އަލްވީރާ އެންމެފަހުން ޕްރޮޑިއުސްކުރި ބޮޑީގާޑްގެ ލަވައެއް ވެސް ކުޅެފަ އެވެ.

ސަލްމާން އެންމެފަހުން ރާޖްކުމާރުގެ ފިލްމެއް ކުޅެފައިވަނީ މީގެ 22 އަހަރު ކުރިންނެވެ. އެއީ 1994 ވަނަ އަހަރު ނިކުތް "އަންދާޒް އަޕްނާ އަޕްނާ" އެވެ.

"އޭކް ތަ ޓައިގާ" އަށް ފަހު ވެސް ސަލްމާން އާއި ކެޓްރީނާ އަށް އެކުގައި ފިލްމު ކުޅުމުގެ ހުށަހެޅުންތައް ވަނީ ލިބިފަ އެވެ. ނަމަވެސް ސަލްމާން އާއި ރުޅިވެ، ކެޓްރީނާ އެކްޓަރު ރަންބީރު ކަޕޫރާ ރައްޓެހިވިފަހުން އެއްވެސް ފިލްމެއްގެ ހުށަހެޅުން ގަބޫލުކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާރު ކެޓްރީނާ އާއި ރަންބީރު ވެސް ރުޅިވެފައިވާއިރު، ސަލްމާން އާއެކު އޭނާ ފިލްމަކުން ފެނިގެން ދިއުން ގާތެވެ.

މިއަދު ސަލްމާންގެ އެންމެ އުންމީދީ ފިލްމު، "ސުލްތާން" ގެ ޓްރެއިލާ ރިލީޒްކުރާއިރު، މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުޑަ އީދުގަ އެވެ. އަދި މިއީ މިއަހަރުގައި ރިލީޒްކުރާނެ ސަލްމާންގެ ހަމައެކަނި ފިލްމެވެ.