ތ. މަޑިފުށިން ފުރައިގެން އެ އަތޮޅު ވޭމަންޑޫއަށް ދަތުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި ހަތަަރު މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން މިހާރު ވަނީ އެ އެންމެން ސަލާމަތްކޮށް، ވޭމަންޑުއަށް ގެންގޮސްފަ އެވެ.
ވޭމަންޑޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ، ކަނިމީދޫ ކައިރިއަށް ލޯންޗް ބަންޑުން ޖަހާލައިގެން ހިނގި އެ ހާދިސާގައި ހަތަރު މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ލޯންޗްގައި ތިބި ހަތަރު މީހުން ފުލުހުން ގޮސް ސަލާމަތް ކުރީ، ލޯންޗް ބަންޑުން ޖަހާލުމުން އެ ހަތަރު މީހުން ވެސް ފަތާފައި ގޮސް، ކަނިމީދޫ ތޮށިމައްޗަށް އަރާ ތިއްބަ އެވެ.
ބަންޑުން ޖަހާލި ލޯންޗް މިވަގުތު އޮތީ ކަނިމީދޫ ކިޔާ ފަޅުރަށާ ދިމާ ބޭރުގަ އެވެ. ލޯންޗް ސަލާމަތް ކުރުމުގެ މަސައްކަތް ލޯންޗުގެ ވެރިފަރާތާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި ލޯންޗް ބަންޑުން ޖަހާލާފައިވަނީ ވައިބާރުވެ ކަނޑު ގަދަ ވުމުގެ ސަބަބުންނެވެ.