އޭސީސީ

އެމްއެމްޕީއާރްސީ ހިޔާނާތާގުޅޭ ތަހުގީގުގެ ސްޕީޑް ރަނގަޅު: އޭސީސީ

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ ގޮތުން ކުރާ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު އެ ތަހުގީގު ކުރިއަށް ދާ ސްޕީޑާއި މެދު ހިތްހަމަ ޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީއާ ގުޅޭގޮތުން 2014 ވަނަ އަހަރު އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގަން އޭސީސީ އާއި ކަމާބެހޭ މުއައްސަސާތަކަށް އޮޑިޓާ ޖެނަރަލް ލަފާ ދެއްވި ނަމަވެސް، އެ ލަފަޔާ އެއްގޮތަށް އެކަމާ ގުޅޭ ތަހުގީގު ކުރަމުން ނުދާކަމަށް ބުނެ ޓްރާންސްޕޭރެންސީން އޭސީސީއަށް ފޮނުވި ޝަކުވާގެ ސިޓީއަކަށް ދެއްވި ރައްދުގައި އޭސީސީން ވަނީ، އެ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ.

އޭސީސީން ބުނީ، އެ ކޮމިޝަނުން ކުރިއަށްގެންދާ އެހެން ތަހުގީގުތަކާ އަޅާބަލާއިރު އެމްއެމްޕީއާރްސީގެ މައްސަލާގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް އިތުރު ކަމަށާއި ތަހުގީގު ކުރިއަށްދާ ސްޕީޑުވެސް އަވަސް ކަމަށެވެ.

ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާއަށް އަރާ އެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީ އިން މިހާތަނަށް ކުރި މަސައްކަތްތަކުގެ ތަފްސީލު ހިމަނާފައިވާ އެ ސިޓީގައި އޭސީސީން ބުނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އޭސީސީން މަސައްކަތް ނުކުރާ ކަމަށް ބުނާއިރު، އެ އޮޑިޓުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް އެމްޕީއެލްގެ 77.1 މިލިއަން ރުފިޔާ އާއި އެމްޓީޑީސީގެ 1 މިލިއަން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުވެސް މިހާރު ނިންމާފައިވާ ކަމަށެވެ. އެ ތަހުގީގުވެސް ކޮށްފައިވަނީ ބޮޑެތި ގޮންޖެހުންތަކާ އެކު ކަމަށާއި، އޮޑިޓާ ޖެނަރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ މުހިއްމު ލިޔެކިޔުންތަކެއް ލިބިފައި ނެތުމާއެކު ކަމާބެހޭ އިދާރާތަކުންނާއި ބޭންކް ތަކުން އެ މައުލޫމާތު ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނު ކަމަށެވެ.

"އެމްއެމްޕީއާރްސީގެ މި ދެންނެވި މައްސަލަ ތަހުގީގުކުރަންފެށި ދުވަހުން ފެށިގެން މައްސަލައާ ގުޅުންހުރި ހުރިހާ މައުލޫމާތެއް [ހެއްކާއި ގަރީނާ] ހޯދުމަށްފަހު މައްސަލާގެ ތަހުގީގު ނިންމާލާފައިވަނީ 15 މާޗް 2016 ގަ އެވެ. އަދި 06 އޭޕްރިލް 2016 ގައި ވަނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފަ އެވެ،" އެ ސިޓީގައި ބުންޏެވެ.

ބޮޑެތި މައްސަލަތައް ދިރާސާކޮށް ތަހުގީގުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށް ބުނެފައިވާ އެ ސިޓީގައި އޭސީސީން ބުނީ، އެމްއެމްޕީއާރްސީގެ ފަރާތުން ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރުމާ ބެހޭ މައްސަލައިގެ ތަހުގީގު ފެށިއިރު އެ ކޮމިޝަނުން ނިންމާފައިވަނީ، ރަށްތައް ދޫކުރަން އިދާރީގޮތުން އަމަލުކުރި ގޮތާއި، ރަށްތަކަށް ދެއްކި ފައިސާ އަށް އަމަލުކުރިގޮތް ދެ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ކަމަށެވެ. ނަމަވެސް ރަށްތައް ދޫކުރި ގޮތުގެ ތަހުގީގުގެ ބޮޑު ބައެއް ނިމި، ފައިސާއަށް ހެދި ގޮތެއް ތަހުގީގުކުރަން ފެށުމުން އޮޑިޓުގައި ވެސް ފާހަގަކޮށްފައި ނުވާ މައްސަލަތަކެއް ފެންމަތިވުމުން ޕްލޭންކޮށްފައިވާ ގޮތާއި ހިލާފަށް ތަހުގީގު ފުޅާކޮށްލަން ޖެހުނު ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން، "ރަށްތަކާއި ގުޅިގެން ދައުލަތަށް ދައްކާފައިވާ ތަފްސީލު މައުލޫމާތު ރާއްޖެއާއި ރާއްޖޭން ބޭރުގެ ފައިނެންޝިއަލް އިންސްޓިޓިއުޝަން ތަކުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް،" އޭސީސީގެ ސިޓީގައި ބުންޏެވެ.

އެ ކޮމިޝަނުން ބުނީ، އެމްއެމްޕީއާރްސީގެ ފަރާތުން ރަށްތައް ދޫކުރުމާ ގުޅޭ މައްސަލައާ ގުޅިގެން އެކޮމިޝަނުން ކުރިއަށްގެންދާ ދެބައި ފުރިހަމަނުކޮށް، އެއްބައިގެ ރިޕޯޓް އާންމުކޮށްފިނަމަ ތަހުގީގަށް ހުރަސް އެޅީދާނެ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. ތަހުގީގުގެ ފުރަތަމަ ބަޔާއި ގުޅިގެން ހޯދި ހޯދުންތަކަށް ވެސް ބަދަލު އަންނަމުންދާތީ މައްސަލައިގެ ފުރަތަމަ ބައިގެ ރިޕޯޓު ހާމަކުރާނީ ތަހުގީގުގެ ދެވަނަ ބައިވެސް ނިމުމުން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް އޭސީސީން ފަށާފައިވާ އެންމެ ބޮޑު ތަހުގީގަށް ވާއިރު، އެކޮމިޝަނުން މީގެ ކުރިން ތަހުގީގު ކުރި ބައެއް ބޮޑެތި މައްސަލަތައް ނިންމަން ތިން އަހަރުވެސް ހޭދަވެފައިވާކަން އޭސީސީގެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

"މި ކޮމިޝަނުން ތަހުގީގުކުރި އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މައްސަލަ ނިންމަން 1 އަހަރާއި އެއް މަހާއި 13 ދުވަސް ހޭދަވި އެވެ. އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރް ކުންފުންޏަށް ކުއްޔަށް ދިން މައްސަލަ ނިންމަން 3 އަހަރާއި 5 މަހާއި 25 ދުވަސް ހޭދަވި އެވެ،" އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ބާވަތާއި އެ މައްސަލައިގެ ފުން މިނަށް ބަލާއިރު، މިހާތަނަށް އެ މައްސަލައިގެ ތަހުގީގަށް ކުރެވިފައިވާ މަސައްކަތްތަކާއި މެދު އެ ކޮމިޝަނުން ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު މަސައްކަތް ކުރިއަށްގެންދެވޭ ސްޕީޑާއި މެދުވެސް ހިތްހަމަޖެހޭ ކަމަށެވެ.