ބޮލީވުޑް

އެއް ފިލްމުގެ ޝޫޓިން ނިންމައި، އާފިލްމެއްގެ ޝޫޓިން އާލިއާ ފަށައިފި

May 25, 2016

ޒުވާން ބަތަލާ އާލިއާ ބަޓް އަކީ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ބިޒީކޮށް އުޅޭ ތަރި އެވެ.

ޝާހްރުކް ޚާން އާއެކު އާލިއާ ކުޅުނު ޑައިރެކްޓަރު ގޯރީ ޝިންދޭގެ ފިލްމުގެ ޝޫޓިން ނިމުނުތާ ގަޑިއިރުތަކެއް ފަހުން ވަނީ އާފިލްމެއްގެ ޝޫޓިން ފަށާފަ އެވެ. ވަރުން ދަވަން އާއެކު އާލިއާ ފެނިގެންދާ "ބަދްރިނާތް ކީ ދުލްހަނިޔާ" ގެ ޝޫޓިން ފަށާފައިވާއިރު، މިފިލްމަކީ 2014 ވަނަ އަހަރު ނިކުތް "ހަމްޕްޓީ ޝަރްމާކީ ދުަލްހަނިޔާ" ގެ ދެވަނަ ބައެވެ.

މިފިލްމުގައި ފުރަތަމަ ބައިގައިވެސް ފެނިގެން ގޮސްފައިވަނީ އާލިއާ އާއި ވަރުން އެވެ.

ސިންގަޕޫރުގައި ގޯރީ ޝިންދޭގެ ފިލްމު އާދިއްތަ ދުވަހު ނިންމާލައި، އެނބުރި އިންޑިއާ އަށް އައިސް "ބަދްރިނާތް ކީ ދުލްހަނިޔާ" ގެ ޝޫޓިން އާލިއާ ފަށާފައިވަނީ އިއްޔެ އެވެ.

މިސިލްސިލާގެ ފުރަތަމަ ފިލްމުވެސް ޑައިރެކްޓްކޮށްފައިވާ ޝަޝާންކް ކައިތަން ޑައިރެކްޓްކުރާ މިފިލްމު ޕްރޮޑިއުސްވެސް ކުރަނީ ފުރަތަމަ ބައި ޕްރޮޑިއުސްކުރި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުންނެވެ.

ހިންދީ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ލަވް ފްރެންޗައިސްގެ ގޮތުގައި ހިމެނޭ މފިލްމު ޝޫޓްކުރަނީ އިންޑިއާގެ އުތުރުގެ ރަށްފުށު ހިސާބުގަ އެވެ.

މިފިލްމަކީ އާލިއާ މުޅިންއާ ކެރެކްޓާއެއްގައި ފެނިގެންދާނެ ފިލްމެކެވެ. ދެން އަވަހަށް އޭނާ ފެނިގެންދާ "އުޅްތާ ޕަންޖާބު" ގައި ފެނިގެންދަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޕަންޖާބުގެ ޒުވާން އަންހެން ކުއްޖެއްގެ ރޯލުންނެވެ.

މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އެވެ.