ކަނޑުމަތީގެ ހާދިސާ

އަލިފާން ރޯވެ އަޑިއަށް ދިޔަ ލޯންޗު ނަގައިފި

މާލެ ކައިރިން ދަތުރު ކުރަމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހު އަލިފާން ރޯވެ އަޑިއަށް ގޮސްފައިވާ "ނިރްމާ" ލޯންޗު ނަގައިފި އެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އެމްއެންޑީއެފްގެ ޑައިވަރުންނާއި ލޯންޗުގެ ވެރިފަރާތުގެ ޑައިވަރުން ގުޅިގެން ކުރި މަސައްކަތާއެކު އެ ލޯންޗް މިއަދު ނަގާފައިވާ ކަމަށެވެ. އަދި މިހާރު އެ ލޯންޗުގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކ. މާފުށީގައި ހިންގާ، ސަމާވިލާ ގެސްޓް ހައުސްގައި ބޭނުންކުރާ، މި ލޯންޗުގައި ރޯވި އިރު، އެ ލޯންޗްގައި ތިބީ ދެ ފަޅުވެރިންނާއި ޓްއާ ގައިޑެކެވެ.

މި ހާދިސާގައި ލޯންޗުން އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހަށިގަނޑުގެ ތަންތަން ފިހުނެވެ.