ބޮލީވުޑް

އަލުން ގުޅުމުގެ ވިސްނުމެއް ރަންބީރާ ކެޓްރީނާގެ ނެތް!

May 25, 2016
1

ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ތެރެއިން ހިމެނޭ އެއް ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހައަހަރުވީ ލޯބީގެ ގުޅުން ނިންމާލާފައިވަނީ ދެތަރިން ވަރަށް އަވަހަށް ކައިވެނިކުރަން ނިންމާފައިވާ ވަނިކޮށް ކަމަށްވެ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެކުގައި ދިރިއުޅުމުން އައި މިދެތަރިން ވަކިވެ، އެކުގައި ދިރިއުޅެމުން އައި ގެއިން ވެސް ނިކުމެފައިވާއިރު ރުޅިވިފަހުން ދެމީހުންގެ ދެމެދުގައި ޖެހިގެން އުޅުނު މައްސަލަ ހައްލުކޮށް އެގުޅުމަށް އިތުރު ފުރުސަތެއް ދޭން މިދެތަރިން ބޭނުންވި ހެނެއް ހިއެއް ނުވެ އެވެ.

އެގޮތުން މިދެތަރިން ރުޅިވިިއިރު އެކުގައި ކުޅެމުން އައި ފިލްމު "ޖައްގާ ޖާސޫސް" ޝޫޓްކުރަމުން އައިސްފައިވާއިރު މިފިލްމުގެ ޝޫޓިން އަށް ވަނީ މިކަމުގެ އަސަރުކޮށްފަ އެވެ. އެގޮތުން ފިލްމުގެ ޝޫޓިން ނުނިމި ދިގުލައިގެން ގޮސްފައިވާއިރު، ފިލްމު ރިލީޒްކުރާ ތާރީހުވެސް ވަނީ އަނެއްކާވެސް ފަސްކޮށްފަ އެވެ.

މީގެކުރިން ދެފަހަރެއްގެ މަތިން މިފިލްމު ރިލީޒްކުރާ ދުވަސް ލަސްކޮށްފައިވާއިރު، ރަންބީރާއި ކެޓްރީނާ ރުޅިވެ ފިލްމުގެ ބައެއް މަންޒަރުތައް ނެގުން ލަސްވުމުން މިފަހުން ވަނީ އަނެއްކާވެސް ވަކި ތާރީހެއް ކަނޑަނާޅައި ލަސްކޮށްފަ އެވެ.

"ޖައްގާ ޖާސޫސް" ގެ ފަހުގެ މަންޒަރުތައް މިހާރު މިދެތަރިން މޮރޮކޯގައި ނަގަމުން އަންނައިރު މިދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކޮށް ދެމީހުންގެ ލޯތްބަށް އިތުރު ފުރުސަތެއް ދީފާނެ ކަމަށް އައީ ބުނަމުންނެވެ.

ނަމަވެސް މޮރޮކޯގެ ޝޫޓިންގެ ތެރޭގައި މިދެތަރިން އެކަކު އަނެކަކާ ފިލްމުގެ މަންޒަރެއްގައި ބުނަން ޖެހޭ އެއްޗެއް ނޫނީ ބުނާކަމަށް ނުވެ އެވެ. އަދި ފިލްމުގެ ސެތްގައި ތަރިންނާއި ކްރޫއިން ވާހަކަދައްކާއިރު ވެސް މިދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކައި އުޅެނީ ވަރަށް ދުރުން ކަމަށްވެސްވެ އެވެ.

މިހަފްތާގެ ތެރޭގައި މިފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު ރަންބީރު އެނބުރި އިންޑިއާ އަށް ދާއިރު، ކެޓްރީނާ ދާނެ ކަމަށް ވަނީ އޭނާގެ އާއިލާ އާއެކު ވަގުތު ހޭދަކުރުމަށް ލަންޑަނަށެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވުމުގެ އަސްލަކީ ކޮބައިކަން މިދެތަރިން ހާމަކޮށްފައި ނުވިޔަސް ކެޓްރީނާ ވަނީ އެމީހުންގެ ގުޅުން ސަލާމަތްކުރަން ވަރަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭނާ ކުރި އެއްވެސް މަސައްކަތަކުން ކާމިޔާބު ލިބޭ ގޮތް ނުވެ، ކެޓްރީނާގެ ހިތް ވަނީ ހަލާކުވެފަ އެވެ.