ބޭރު ކުޅިވަރު

ލޮރިސް ކަރިއުސް ލިވަޕޫލަށް

ޖަރުމަނުގެ 21 އަހަރުން ދަށުގެ ގޯލްކީޕަރު ލޮރިސް ކަރިއުސް ލިވަޕޫލަށް ސޮއިކޮށްފި އެވެ.

މިއީ ކުރިއަށް އޮތް ސީޒަނަށް ލިވަޕޫލަށް ރަސްމީކޮށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ކޯޗު ޔާގެން ކްލޮޮޕް ޖަރުމަނުގެ މެއިންޒުން ކަރިއުސް ގަތީ 4.7 މިލިއަން ޕައުންޑަށެވެ. ބޭނުމަކީ މިހާރުގެ އެއްވަނަ ކީޕަރު ބެލްޖިއަމްގެ ސިމޯން މިގްނޮލެޓާ ވާދަކުރާނެ މޮޅު ކީޕަރު ޓީމުގައި ބެހެއްޓުމެވެ.
ލިވަޕޫލަށް ސޮއިކުރުމަށްފަހު ކަރިއުސް ބުނީ ލިވަޕޫލަށް ސޮއިކުރަން އޭނާ އަށް ވިސްނައިދިނީ މިހާރު އެކުލަބުގައި ހުރި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ކްލޮޕް ކަމަށެވެ.

"އަހަރެން ވަނީ ކޯޗާ ވާހަކަ ދައްކާފައި. އެވާހަކަތަކަށް ފަހު އަހަރެން ވަރަށް އުފާވި. ސަބަބަކީ އޭނާ ވަނީ ކިޔާދީފައި އޭނާ ކުޅުންތެރިންނާއި ކުލަބުގައި ކުރަން ބޭނުންވާ ކަންތައްތައް،" ކަރިއުސް ބުންޏެވެ.

"އަހަރެން ކުލަބެއް އިހުތިޔާރުކުރިއިރު ވަރަށް ވިސްނިން. ލިވަޕޫލަކީ ކޮން ބައެއްކަން ފުޓްބޯޅަ ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެ. އެމީހުންގެ ތާރީހު، ކާމިޔާބީ. ޓީވީން އެމީހުން ކުޅޭތަން އަހަރެން ވަރަށް ބަލަން،" ކަރިއުސް ބުންޏެވެ.

އޭނާ ވަނީ ހުސްވި ސީޒަނުގައި މޮޅަށް ކުޅެ، 34 މެޗުގައި ކުޅުނުއިރު ނުވަ މެޗެއްގައި ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓާފަ އެވެ.

ކަރިއުސް އަކި ކުރިން މެންޗެސްޓާ ސިޓީގެ ޔޫތު ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ ޓީމަށް ގެނައި އިރު މިދިޔަ ޖެނުއަރީ މަހު މިގްނޮލެޓް، 28 ވަނީ ފަސް އަހަރަށް ކޮންޓްރެކްޓް އާކޮށްފަ އެވެ.