ލަންޑަންގެ އޮންލައިން ނޫހެއް ކަމަށްވާ، ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް އިން ދޭ "މޮސްޓް އިނޮވޭޓިވް ބޭންކިން ޓީމް އިންޑިއަން އޯޝަން 2016"ގެ އެވޯޑު ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް އަށް ލިބިއްޖެ އެވެ.
މި އެވޯޑު ބީއެމްއެލް އަށް ދީފައިވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިން ހިދުމަތް ދިނުމަށް ބީއެމްއެލްގެ ޓީމުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. އަދި ހާއްސަކޮށް ބޭންކްގެ ހިދުމަތްތައް ފުޅާކުރަން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ބީއެމްއެލުން ބުނީ، އެ ބޭންކުން ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ މޯބައިލް ބޭންކިން އެޕްލިކޭޝަނާއި ސެލްފްސާވިސް ބޭންކިން އޭޓީއެމް ތައާރަފްކުރުމާ ގުޅިގެން މުޅި ރާއްޖޭގައިވެސް ލުއި ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބޭނެގޮތް ފަހިވެގެން ދިޔަކަން އެ އެވޯޑަށް ޖަޖްކުރި ފަނޑިޔާރުން ގެ ޕެނަލުން ފާހަގަކުރި ކަމަށެވެ. އަދި ޒަމާނުއްސުރެ ދެމުން އަންނަ، ދޯނި ބޭންކިން ހިދުމަތަށާއި ދާދި ފަހުން ތައާރަފް ކުރި ކޭޝް އެޖެންޓް ހިދުމަތަށް ވެސް ފަނޑިޔާރުން ނުހަނު ތައުރީފުކުރި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އިންޑިއަން ކަނޑުގައި ހިމެނޭ ގައުމުތަކުން އެންމެ އުފެއްދުންތެރި ބޭންކް ޓީމްގެ އެވޯޑު ބީއެމްއެލަށް ލިބުމާ ގުޅިގެން ބެންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، އެވޯޑާއި މެދު ފަހުރުވެރިވާ ކަމަށެވެ. ބީއެމްއެލްގައި މަސައްކަތްކުރަނީ ވަރަށް ހަރުދަނާ މުވައްޒަފުންތަކަކާ އެކުގައި ކަމަށާއި، އެ މުވައްޒަފުންގެ މިންނެތް މަސައްކަތަށް މިފަދަ އެވޯޑެއް ލިބުމުން އުފާކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އާބާދީތަކަށް ހިދުމަތްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ފަރާތުން މި އެވޯޑާއި ހަވާލުވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ އިންވެސްޓްމަންޓް އިތުރަށް ކުރިއަށް ގެންގޮސް މިއަހަރު ފަހުބައިގައި އިތުރު 5 ބްރާންޗާއި 8 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ހުޅުވުން،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލް އަށް މި އެވޯޑް ދިން ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ބުނީ، ރާއްޖެ ފަދައިން ވަކި ރަށްތަކަކަށް ބަހާލެވިފައިވާ ގައުމަކަށް ބޭންކްގެ ހިދުމަތް ދިނުމަށް ވިއުގައެއް ގާއިމުކޮށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކު ތަމްސީލްކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ހިދުމަތް ފުރިހަމަގޮތެއްގައި ދެމުން އަންނަކަމީ ކޮންމެހެން ފާހަގަކޮށްލަން ޖެހޭ ކަމެއް ކަމަށް ވެސް އެފަރާތުން ބުނެފައިވެ އެވެ.
ރާއްޖެއާއެކު މި އެވޯޑް ހޯދި އެހެން ބޭންކްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބޭންކްތައް ކަމަށްވާ ޔޫބީއެސް، ބީއެންވައި މެލަން އަދި ކޮމާސްބޭންކް ހިމެނެ އެވެ.
ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް އަކީ ވިޔަފާރި އާއި އިގްތިސޯދީ ހަބަރުތައް ގެނެސްދޭ ޕްރިންޓް އަދި އޮންލައިން ނޫހެކެވެ. މި ނޫހުގެ މައި މަރުކަޒު ހުންނަނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.