ރާއްޖެ ކުޅިވަރު

އިންޓަނޭޝަނަލް ފެންވަރުގެ ޓްރެކް އަޅަން ބަޔަކާ ހަވާލުކޮށްފި

  • މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏަކާ
  • އެމްއޭސީއެލް އާއި އެޗްޑީސީ އިން އިންވެސްޓްކުރާނެ
  • ޓްރެކް މަސައްކަތް ތިން މަހުން ނިންމަން ޖެހޭ

އިންޓަނޭޝަނަލް ފެންވަރުގެ ސިންތެޓިކް އެޓްލީޓް ޓްރެކެއްގެ އިތުރުން ޓާފް ދަނޑެއް އެޅުމުށްޓަކައި ޔޫތް މިނިސްޓިރީއާއި މޯލްޑިވިސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑްއާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ހުޅުލޭގައި ބޭއްވި ހަފުލާއެއްގައި އެއާޕޯޓްސް ކޮންޕެނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު، އާދިލް މޫސާ އެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން މި އެގްރިމެންޓުގައި ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ. މި ހަފްލާގައި އެމްއޭސީއެލްއިން ވަނީ ސިންތެޓިކް އެތްލީޓް ޓްރެކްގެ އަމަލީ މަސަތްކަތް ކުރަމަށްޓަކައި ޗައިނާގެ ސިންހައިޑްރޯ ކުންފުންޏާ ހަވާލު ކުރުމަށްޓަކައި އެގްރިމެންޓުގައި ސޮއި ކޮށްފައެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވި ގޮތުގައި މި ދަނޑަކީ އެއާޕޯޓްސް ކޮމްޕެނީއާއި ހުޅުމާވެލޮޕްމެންޓް ކޯޕަރޭޝަނާ ގުޅިގެން ހިންގާ މަޝްއޫއެކެވެ. އަދި މިނިސްޓަރ ވިދާޅުވި ގޮތުގައި މި ދަނޑަކީ އިންޓަނޭޝަލަނަލް ފެނަވަރުގެ ޓްރޭނިން ގްރައުންޑެއްގެ ގޮތުގައި ހެދުމަށް ހަމަޖެހިފައިވާ ދަނޑެކެވެ. އަދި މި ދަނޑަކީ އެތްލެޓިކްސަށް ވަރަށް ބޮޑަށް ފޯކަސް ކުރިވެގެން ރާއްޖޭގެ އެތްލެޓިކްސް ކުރިއަރުވަން ހެދިގެންދާ ޓްރެކެއް ކަމަށް މިނިސްޓަރަ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާރު މާލޭގައި އޮންނަ ޓްރެކަކީ ސްޓޭންޑާޑް ޓްރަކަކަށް ނުވާތީ ދުވުންތެރިންނަށް ދަތިވާ ކަމަށެވެ. ހުޅުމާލޭގައި ޓްރެކް އެޅުމުން އެކަމުގެ ފައިދާ ހުރިހާ ދުވުންތެރިންނަށް ވެސް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

"މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައިވަނީ ސަރުކާރުގެ ބަޖެޓުން. މި ޕްރޮޖެކްޓުގެ 100 ޕަސަންޓު ހަމަ ހަރަދުކުރާނީ ދައުލަތުން. އެކަމަކު ސަރުކާރު ހިއްސާވާ ދެކުންފުނި ކަމަށްވާ އެމްއޭސީއެލް އަދި އެޗްޑީސީންވެސް ފަންޑު ކުރާނެ. އިންޓަނޭޝަނެއް ސްޓޭޑިއަމެއް ނޫން މިއީކީ، އެކަމަކު މި ދަނޑަކީ އިންޓަނޭޝަލް ސްޑޭންޑާޑްގެ ބޮޑު ދަނޑެއް، އިންޓަނޭޝަނެއް ސްޓޭޑިއަމެއް އަދި ވަކިން އެޅިގެން ދާނެ، އެކަން ރޭވެވުން އެބަދޭ" މިނިސްޓަރު ވިދާޅުވި އެވެ.

އެމްއޭސީއެލްގެ އެމްޑީ ވިދާޅުވި ގޮތުގައި ޒުވާނުންނަށް މިހެން ކުރެވޭ ހުރިހާ ކަމެއްގައި އެމްއޭސިއެލްއިން އަބަދުވެސް ބައިވެރި ވާނެ އެވެ. އަދި އެމްއޭސީއެލް އިން ވަނީ ޓާފް އެޅުމަށްޓަކައި ކުރަންޖެހޭ ހަރަދުގެ ދެބައި ކުޅަ އެއްބައި ކަވާ ކޮއްދޭނިމަށް ހަމަޖެހިފައިވަނީ އެމްއޭސީއެލްގެ ސީއެސްއީގެ ފަރާތުން ކަމަށް އެމްޑީ ވިދާޅުވި އެވެ. އެމްޑީ އިތުރަށް ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓަށް އެމްއޭސީއެލްއިން ވަނީ ދެ ލައްކަ ޑޮލަރު ދިނުމަށް ހަމަޖެހިފައެވެ.

މިދަނޑުގެ ދެފަރާތިގައި ހެދުމަށް ހަމަޖެހިފަިވާ ސިޑިބަރިތައް ހެދުމަށްޓަކައި ސަރުކާރުން ފަންޑުކުރި ކަމުގައިވީނަމަވެސް މި މަސަތްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުންނެވެ. މި ދަނޑުގެ އަމަލީ މަސަތްކަތް ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ފެށޭނެއެވެ.

މި ދަނޑުގައި ހެދުމަށް ހަމަޖެހިފައިވާ ޓްރެކްގެ މަސަތްކަތް ސިންހައިޑްރޯ ކުންފުނިން 90 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. ނަމަވެސް ޓާފް ދަނޑުގެ މަސަތްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޓްރެކް އެޅުމުގެ މަސަތްކަތް ނިންމާލުމަށްފަހުގަ އެވެ. އަހެންކަމުން މުޅި ދަނޑުގެ މަސަތްކަތް ނިންމާލެވޭނެ ކަމަށް ބަލަނީ ތިން މަހާއި ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. މި ދަނޑު އެޅުމަށް ހަމެޖެހިފައިވަނީ ހުޅުމާލޭގައި ޕްރެކްޓިސް ގްރައުންޑެއްގެ ގޮތުގައި މިހާރު އޮތް ބިމުގަ އެވެ.