ނޫސްވެރިން

ފިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާ ބަދަލުކޮށްފި

ރާއްޖެ ޓީވީ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ބަދަލުކޮށްފި އެވެ. ދައުލަތުން ފިޔާޒުގެ މައްޗަށް މިހާރު ކުރަނީ ގައިގައި އަތްލުމުގެ ދައުވާ އެވެ.

މީގެކުރިން ފިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ "ޖެހުމު" ގެ ދައުވާ އެވެ. މި ދައުވާ ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. ދައުވާ ދަރަޖަކޮށްފައިވަނީ އެ މާއްދާގެ (ށ) ގެ ތިންވަނަ ނަންބަރުގެ ދަށުންނެވެ. އެ ނަންބަރުގައި ބުނެފައިވަނީ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައިވުން ކަމަށެވެ.

ޖެހުމުގެ ދައުވާ އަނބުރާ ގެންގޮސް، ގައިގައި އަތްލުމުގެ ދައުވާ ދައުލަތުން ފިޔާޒުގެ މައްޗަށް ކޮށްފައިމިވަނީ ދައުވާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އަންގަވާފައިވަނިކޮށެވެ.

ފިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ފޯމް އިސްލާހުނުކުރެވިގެން މި މައްސަލާގެ ދެ އަޑުއެހުމެއް ކެންސަލްކޮށްފައިވެ އެވެ. އާ ދައުވާއެއް ކުރުމަށްފަހު ބާއްވާ ފުރަތަމަ އަޑުއެހުން މާދަމާގެ ދެގަޑި ސުންމިނެޓަށް ވަނީ ތާވަލްކޮށްފަ އެވެ.

ފިޔާޒަށް ދައުވާކޮށްފައިމިވަނީ، މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އެތަން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހިނގި ކަމަށް ބުނާ ހާދިސާއެއްގެ ތުހުމަތުގަ އެވެ.

ފިޔާޒަކީ ކުށެއް ކުރި ކަމުގެ ރިކޯޑް އޮތް ނޫސްވެރިއެއް ނޫނެވެ.