ބޮލީވުޑް

ބޮލީވުޑްގެ އެންމެ ބޮޑު މުސާރަ ލިބޭ ބަތަލާއަކީ ކަންގަނާއެއް ނޫން

May 26, 2016

"ކުއީން" ގައި ދައްކުވާލި މޮޅު އެކްޓިން އާއެކު ބަތަލާ ކަންގަނާ ރަނާވަތު އަށް ނޭޝަނަލް އެވޯޑް ލިބި އޭނާ ވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ލިސްޓުން ޖާގަ ހޯދާފަ އެވެ.

އޭގެފަހުން ކުޅުނު ދެފިލްމު ކަމަށްވާ "ތަންނޫ ވެޑްސް މަންނޫ" އާއި އެފިލްމުގެ ދެވަނަ ބައި "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" ގެ ކާމިޔާބީ އަށްފަހު ކަންގަނާގެ މަގުބޫލުކަން ވަނީ ބޮޑުވެގެން ގޮސްފަ އެވެ. އެގޮތުން ގިނަފިލްމުތަކުން ކަންގަނާއަށް ފުރުސަތުތައް އޮހެންފަށާއިފައިވާއިރު، ކުއްލިއަކަށް ލިބުނު ކާމިޔާބީއާ އެކު ކަންގަނާ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފައިވާ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

ކަންގަނާ އެންމެފަހުން ކުޅުނު ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ "ރަންގޫން" ކުޅެން އޭނާ އެއްބަސްވީ 11 ކްރޯޑް (110 މިލިއަން) ރުޕީޒް އަށް ކަމަށްވެ އެވެ. މިއަގުގައި މިފިލްމު ކުޅެން ކަންގަނާ އެއްބަސްވުމުން އޭނާ ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާ އަށެވެ. ނަމަވެސް ކަންގަނާގެ ފަރާތުން ވާހަކަދެއްކި މީހަކު ވަނީ އޭނާ މިފިލްމު ކުޅެފައިވަނީ އެންމެ 03 ކްރޯޑަށް ކަމަށް ބުނެފަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިފިލްމުގެ އަނެއް ދެއެކްޓަރުން ކަމަށްވާ ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާން ވެސް މިފިލްމުގެ ކުޅެން ނަގާފައިވާ ފީއަކީ 3 ކްރޯޑެވެ. ބުނެވޭ ގޮތުގައި ސަައިފް އާއި ޝާހިދު މިއަގުގައި މިފިލްމު ކުޅެދޭން އެއްބަސްވީ އެދެމީހުން އެންމެފަހުން ކުޅުނު ދެފިލްމު ފްލޮޕްވުމުންނެވެ. ސައިފް އާއި ޝާހިދު މިއަގުގައި މިފިލްމު ކުޅެން އެއްބަސްވުމުން ފިލްމު އުފައްދާ ފަރާތުން ކަންގަނާ އަށް އެހާ ބޮޑު އަދަދެއްގެ ފައިސާ ދޭން ބޭނުންނުވީ ކަމަށްވެ އެވެ.

"ރަންގޫން" ކުޅެގެން ކަންގަނާ އަށް ދޭ ފީއާ މެދު އޭނާގެ ހިތްހަމަނުޖެހުންތަކެއް ވެސް ހުރިކަމަށް ވާއިރު އޭނާ މީގެކުރިން ވަނީ މިފިލްމު ކުޅެގެން އޭނާއަށް ލިބޭ އާމްދަނީ އަކީ އޭނާއަށް ހައްގުވާ ވަރެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ކަންގަނާގެ ގާތްފަރާތްތަކުން ވަނީ މިފިލްމަށް އޭނާ ނަގާ ފީއަކީ މީގެކުރިން ކުޅެފައިވާ ފިލްމުތަކަށް ވުރެން ބޮޑު އަގެއް ކަމަށް ބުނެފަ އެވެ. ސަބަބަކީ ކަންގަނާ ދެކޭ ގޮތުގައި ފިލްމު ކުޅޭ ބަތަލުންނާއި އެއްވަރަށް ބަތަލާއިންނަށް ވެސް އުގޫރަ ލިބެން ޖެހޭތީވެ އެވެ.

މީގެއިތުރުންވެސް ކަންގަނާ ބުނާ ވަރަށް އޭނާއަށް ފިލްމުތައް ކުޅެގެން ފައިސާދޭން ޕްރޮޑިއުސަރުން އެއްބަސްނުވާނަމަ އެފިލްމުތައް ކުޅެން އިންކާރުކުރާ ކަމަށްވެ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ރަންގޫން" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިނގި ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މިފިލްމުގައި ކަންގަނާ ފެނިގެންދަނީ ބަތަލާއެއްގެ ރޯލުންނެވެ.