ބޮލީވުޑް

މާފުކުރޭތޯ އަރިޖިތް ސިންގް، ސަލްމާނަށް ކުރި އާދޭސް

May 26, 2016

ލޯބީގެ ލަވަތައް ކިޔަން ދެވަނައެއް ނުވާ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތް ސިންގް މިފަހުން ވަނީ ސުޕަސްޓާ ސަލްމާން ޚާންއާ ދެމެދު މައްސަލަތަކެއް ޖެހިފަ އެވެ.

މިފަހުން އޮތް ކޮންސަޓެއްގައި އަރިޖިތް ސަލްމާނާ ގުޅޭގޮތުން ކުރި ކޮމެންޓަކާއި ގުޅިގެން އެކަންވީ ސަލްމާން މާ ގަޔާވި ކަމަކަށް ނޫނެވެ. އެގޮތުން އެކަމާ ގުޅިގެން އަރްޖީތް ވަނީ ސަލްމާން ކުރެން މާފަށްވެސް އެދިފަ އެވެ.

ސަލްމާންގެ "ސުލްތާން" ގެ ޓްރެއިލާ އިއްޔެ ރިލީޒްކުރުމާއެކު މިފިލްމާއި ސަލްމާނަށް ބެލުންތެރިން ތައުރީފު ކުރަމުން އަންނައިރު މިފިލްމާއި ގުޅޭގޮތުން މުޅިންއާ ވާހަކައެއް މިވަނީ ފެންމަތިވެފަ އެވެ. އެއީ މިފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާއެކު އަރިޖިތް ވަނީ ސަލްމާން ކިބައިން ސޯޝަލް މީޑިއާ މެދުވެރިކޮށް މާފަށް އެދިފަ އެވެ.

މިފިލްމަށް އަރިޖިތްގެ އަޑުން ކިޔައިދީފައިވާ ލަވައެއް، ސަލްމާން އާއި އަރިޖިތްއާ ދެމެދު ޖެހުނު މައްސަލަ އާއި ގުޅިގެން ފިލްމު އުފައްދާ ފަރާތުން ވަނީ ފިލްމުގައި ނުހިމަނަން ނިންމާފަ އެވެ. އަރިޖިތްގެ އަޑުން ކިޔާފައިވާ ލަވަ ފިލްމުގައި ހިމަނަން ސަލްމާން ބޭނުން ނުވުމުން މިލަވަ ވަނީ އެހެން ލަވަކިޔުންތެރިއެއް ލައްވައި ކިޔުއްވައި، ފިލްމުގައި މިހާރު ހިމަނާފައި ކަމަށްވެ އެވެ.

ސަބަބެއް ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ވަނީ ސަލްމާން އަރިޖިތް ދެކެ ރުޅިއައިސްފައި ހުރުމުން އޭނާގެ ލަވަ ފިލްމުގައި ހިމަނަން ސަލްމާން ބޭނުން ނުވީ އެވެ.

ސަލްމާން އަރިޖިތް ކިޔާފައިވާ ލަވަ ފިލްމުން އުނިކުރިކަން އެނގުމުން އަރިޖިތް ވަނީ ސަލްމާން ކިބައިން މާފަށް އެދެމުން، އޭނާ މިފިލްމަށް ކިޔާއިދީފައިވާ ލަވަ ފިލްމުގައި ހިމެނުމަށް އެދި އާދޭސްކޮށްފަ އެވެ.

އަރިޖިތްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ލިޔުނު ސެޓޭޓަސްގައި އޭނާ ވަނީ ސަލްމާނަށް ގުޅަން މަސައްކަތްކުރުމުގެ އިތުރުން މެސެޖުކުރި ނަމަވެސް ޖަވާބުދީފައިނުވާ ކަމަށާއި މިފަހުން ވެސް ސަލްމާން އެކި ހަފްލާތަކުންނާއި އިވެންޓްތަކުން ދިމާވުމުން މާފަށް އެދުނު ނަމަވެސް އެކަމަށް ސަލްމާން އިންކާރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

މީގެއިތުރުންވެސް އަރިޖިތް ފޭސްބުކްގައި ސަލްމާނަށް ލިޔުނު ސިޓީގެ ފަހުން އެހެން ސްޓޭޓަސް އެއްގައި ވަނީ އޭނާ އުންމީދުކުރަނީ ކޮންމެވެސް ގޮތަކުން ސަލްމާން އާއި ހަމައަށް އޭނާގެ މެސެޖުދާނެ ކަމަށް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް މީހުން ވާހަކަދައްކާނެ ކަން ވެސް އެނގޭ ކަމަށާއި އެކަމުގެ ހުރިހާ އަސަރެއްވެސް ކުރާނީ އޭނާއަށް ކަން އެނގޭ ކަމަށާއި ނަމަވެސް އެކަމާ އޭނާގެ ފަރުވާލެއް ނެތް ކަމަށް ބުނެފަ އެވެ.

ނަމަވެސް ސަލްމާނަށް އަރިޖިތް ލިޔުނު ސިޓީ އިރުގަނޑެއްފަހުން ވަނީ ޑިލީޓްކޮށްލާފަ އެވެ.

"އާޝިގީ 2" ގެ "ތުމް ހިހޯ" ލަވަޔާއެކު ބެލުންތެރިންގެ މެދުގައި ވިދާލި އަރިޖިތަކީ މިހާރުގެ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔާ ލަވަކިޔުންތެރިންގެ ތެރެއިން އެންމެ މަޝްހޫރު އެކަކެވެ.

ސަލްމާން އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ބާރުގަދަ އެއް ތަރިވެސްމެ އެވެ. އަދި ބޮލީވުޑަށް އެތަކެއް އާމޫނުތައް ތައާރަފުކޮށް އެތަކެއް ތަރިންގެ ފިލްމީ ކެރިއަރުވެސް ބިނާކޮށްދީފައިވާ މީހެކެވެ. މީގެކުރިންވެސް ސަލްމާންގެ ނަފުރަތާއި ކުރިމަތިލާން ޖެހުނު އެތަކެއް އެކްޓަރުންގެ ތަރި ވަނީ އޮއްސިފަ އެވެ. ސަލްމާން ރުޅިއަރުވާލައިގެން އެންމެފަހުން އަރިޖިތަށް ޖެހޭނީ ކޮންމެ ހާލެއްބާވަ އެވެ.