މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޓޫރިޒަމް ދާއިރާއަށް 1000 މީހުން ތަމްރީނު ކުރަން ށ. ކައުންސިލާއި އެޑިއުކޭޝަން އެބަސްވެއްޖެ

May 26, 2016

ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް 8000 މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ށ. އަތޮޅު ކައުންސިލުން ހޯދައިދިން 1000 މީހުން ތަމްރީނު ކުރުމުގެ އެމްއޯޔޫގައި އެ ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ އެ ޕްރޮގްރާމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ށ. އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ފާއިޒް އެވެ. މިއަދުގެ އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް 8000 ޒުވާނުން ތަމްރީނު ކުރުމަށް އެޑިއުކޭޝަނުން ފަށާފައިވާ ޕްރޮގްރާމަށް ށ. އަތޮޅުގެ ކައުންސިލުން ހޯދި އެ އަތޮޅުގެ 1000 މީހުން ތަމްރީނުކުރަން ސޮއިކުރި އެއްބަސްވުމެކެވެ.

ގިނަ އަދަދެއްގެ ޒުވާނުން ފތުރުވެރިކަމުގެ ދާއިރާއަށް ތަމްރީންކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ޕްރޮގްރާމަކީ ސްޕޮންސާ ލިބިގެން ފެށި ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެގޮތުން ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެކި ރިސޯޓް ހޮޓާ ތަކުން ޕްލޭސްމެންޓް ލިބޭނެތީ ބައިވެރިންގެ އަތުން ތަމްރީނަށް އެއްވެސް ހަރަދެއް ނުދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، އިންޓާންޝިޕްގައި ބައިވެރިވެ ތަމްރީން ހާސިލްކުރާ ކުދިންނަކީ ދާއިރާއިން ވަޒީފާގެ ފުރުސަތު ޔަގީންވާނެ ކުދިންނަށް ވުމުން މި ޕްރޮގްރާމުގެ މުހިއްމުކަން އިތުރު ކަމަށެވެ. އިންޓާންޝިޕް ކުދިންނަށް ދޭއިރު، އެ ކުއްޖަކަށް ތަމްރީނު ދޭނީ އެކުއްޖެއްގެ ތައުލީމީ ފެންވަރު ހުރި ލެވެލްއަކަށް ބެލުމަށްފަހު ކަމަށާއި އިންޓާންޝިޕް ފުރިހަމަކުރުމުން ލިބޭ ސެޓްފިކެޓާއެކު މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ބައިވެރިންނަށް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ، ބާރު ދުވެއްޔެއްގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެންދާއިރު، ދާއިރާއަށް ތަޖުރިބާހުރި ދިވެހި މުވައްޒަފުން ބޭނުންވާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މިފަދަ ތަމްރީން ޕްރޮގްރާމެއް ހިންގުމަކީ ފަތުރުވެރި ކަމުގެ ދާއިރާއަށް ހަރުދަނާ، މަސައްކަތުގެ ތަޖުރިބާހުރި ޒުވާނުން ލިބުމަށް ހުޅުވޭ ދޮރެއް ކަމަށެވެ.

"މި ޕްރޮގްރާމުގެ މަގުސަދަކީ ދާއިރާއަށް ރަނގަޅު ހުނަރު ހުރި ކުދިން ތައްޔާރުކުރުން. ފަތުރުވެރިކަމުގެ ދާއިރާއަސް ބަލާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ރިސޯޓްތަކެއް އަންނާނެ. ސަރުކާރުގެ ތަސައްވުރު އޮތީ ގިނަ ރިސޯޓުތަކެއް ކުރިއަށް އޮތްތަނުގައި ވުޖޫދަށް ގެންނަން. އެހެންކަމަށް ވާނަމަ އެ ރިސޯޓްތަކަށް ވެސް ބޭނުންވޭ އެތަކެއް ހުނަރުވެރި، މަސައްކަތްތެރި ދިވެހިން. އެ މީހުން އަޅުގަނޑުމެން މި ތަމްރީން ކުރަނީ. ހަމަ އެއާއެކު މިހާރުވެސް ތަމްރީނު ލިބިފައި ތިބި މަސައްކަތްތެރިން މި ދާއިރާގައި މަދު. ރިސޯޓުތަކުން ވެސް ބޭނުންވަނީ ބޮޑަށް ދިވެހިން. އެހެންވީމަ މިއީ ވަރަށް މުހިއްމު ކަމަކަށް ވާނެ،" ޒަމީރު ވިދާޅުވި އެވެ.

ޕްރޮގްރާމުގެ ތެރެއިން ތަމްރީނު ކުރާ 8000 މީހުންގެ ތެރެއިން 1000 މީހުން ތަމްރީނުކުރަން މިއަދު ސޮއިކޮށްފައިވާއިރު، ސްޕޮންސާ ލިބެމުން ދާވަރަށް ޕްރޮގްރާމަށް ބައިވެރިން އިތުރުކުރަމުންދާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.