ސްރީލަންކާ

ވިއްސާރާގައި ލަންކާއިން މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް

މިދިއަ ހަފުތާގައި އަވަށްޓެރި ސްރީލަންކާއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރިވި މީހުންގެ އަދަދު 101 އަށް އަރައފި އެވެ. މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ސިފައިން ކުރަމުން އަންނަ އިރު 100 މީހެއްގެ ހަށިގަނޑު އަދިވެސް ވަނީ ހޯދާ ނުފެނިފަ އެވެ.

ލަންކާގެ ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނީ މިހާތަނަށް ނުފެނިފައިވަނީ ކޭގޯލްއިން ގެއްލިފައިވާ މީހުން ކަމަށެވެ. މީހުން ހޯދުމުގައި ހަރަކާތްތެރިވާ ސިފައިންގެ އޮފިޝަލަކު ވިދާޅުވީ ގެއްލފައި ތިބި މީހުން ދިރިހުއްޓާ ފެނުމަކީ ނާދިރު ކަމެއް ކަމަށެވެ.

"މި ވިއްސާރައިގައި 530 އަށްވުރެ ގިނަ ގެ ވަނީ ހަމަ އެއްކޮށް ހަލާކުވެފައި، 4،000 އަށްވުރެ ގިނަ ގެ އަށް ގެއްލުންވެފައި ހުރީ. އެކަމަކު މަރާމާތު ކޮށްލައިގެން ބޭނުންކުރެވޭ ވަރު ވާނެ،" ލަންކާ ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވެފައިވެ އެވެ.

އޮފިޝަލް ވިދާޅުވީ ވަގުތީ ހިޔާތަކުގައި ތިބި ގިނަ މީހުން އަމިއްލަ ގެދޮރަށް ބަދަލުވަމުންދާ ކަމަށެވެ. ލަންކާ ސަރުކާރުން ދަނީ އާންމުންނަށް އަމިއްލަ ގެތަކަށް ބަދަލުވާން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެންގަނޑުތައް ހިނދެން ފަށާފައިވާތީ މިހާރު މަގުތަކުގައި ފެން ހުރީ ވަރަށް މަދުން ކަމަށެވެ. މި ވިއްސާރައިގައި 650،000 އަށްވުރެ ރައްޔިތުންގެ ގޯތި ގެދޮރު ހަލާކުވެފައިވާ ކަމަށްވެ އެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީން ބުނީ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް ގާތްގަނޑަކަށް ޖުމްލަކޮށް ދެ ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ތޫފާން ރޯނު ބަންގްލަދޭޝްއިން ވެސް ވަނީ 24 މީހުން މަރުވި އެވެ.