މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ރައީސްގެ ވާހަކަފުޅަކީ ނަސާރާއިންނާ ޔަހޫދީންނަށް ދިން ރައްދެއް: ބްރޯޑްކޮމް

"އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިން" ނޫން ކަމަށާއި އެހެން ގައުމުތަކުގައިވެސް ތިބި ފަދަ އިންސާނުން ކަމަށް ރައީސް އަބުދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަކީ ރާއްޖޭގެ ދާހިލީ ކަންކަމާބެހި ރާއްޖެ ތަރައްގީވެ ކުރިއެރުމަށް ހުރަސް އަޅަން މަސައްކަތްތަކެއް ކުރަމުންދާ ޔަހޫދީންނާއި، ނަޞާރާއިންނަށް ރައްދު ދެއްވުމުގެ ގޮތުން ވިދާޅުވި އެއްޗެއް ކަމަށް މޯލޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

މިދޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގެރޭ އޮތް "ގެދޮރުވެރިކުރުން" ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާ އަކާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއްވެސް ހަމަޔަކާ ހިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމި ކަމަށެވެ.

ކޮމިޝަނުން ބުނީ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ދާހިލީ ކަންކަމާބެހި ރާއްޖެ ތަރައްގީވެ ކުރިއެރުމަށް ހުރަސް އަޅަން މަސައްކަތްތަކެއް ކުރަމުންދާ ޔަހޫދީންނާއި، ނަޞާރާއިންނަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށާއި އެ ދެބައި މީހުންގެ ތެރެއިން ޔަހޫދީން ބުނަނީ އުޒައިރުގެ ފާނަކީ ﷲ ގެ ދަރިކަލެއް ކަމާއި އަދި ނަސާރާއިން ބުނަނީ، އަލް މަޞީޙު (އީސާގެފާނު) އަކީ ﷲގެ ދަރިކަލެއް ކަމަށާއި މިވާހަކަ މިގޮތަށް ކީރިތި ގުރުއާނުގެ އައްތައުބާ ސޫރަތުގެ 30 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ކަމަށެވެ.

"ޔަހޫދީންނާއި ނަސާރާއިން އެކުވެގެން ބުނެފައިވަނީ ތިމަންމެންނީ ﷲގެ ދަރިންނެވެ. އަދި ތިމަންމެންނީ ﷲ ލޯބިވެވޮޑިގަންނަވާ މީހުންނެވެ." މިވާހަކަ މިގޮތަށް އަލްމާއިދަތު ސޫރަތުގެ 18 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވާކަން ބަޔާންކޮށް، އިސްވެ ބަޔާންވެ ދިޔަ ދެ އާޔަތުގެ އަލީގައި ރައީސް ޢަބްދުﷲ ޔާމީން، ޔަހޫދީންނާއި ނަޞާރާއިންނަށް ރައްދު ދެއްވުމުގައި ވިދާޅުވެފައިވާ ވާހަކަފުޅަކީ، އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކަފުޅެއްނޫން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ދެއްވި ޜައުޔުގައި ބުނެފައިވާތީ، އެ ރަޢުޔު އަށް ރިއާޔަތްކޮށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅު ހިމެނޭ މައްސަލައާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެއްވެސް ހަމަޔަކާ ޚިލާފަށް ކަމަށް ބެލެވޭނެ ޖާގައެއް ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ." ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވެ އެވެ.