ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެ ކަނބަލުން ރާއްޖޭގެ އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ރޭ މާލޭގެ ރަސްފަންނުގައި ބޭއްވި ހަފްލާ އިންތިޒާމް ކުރުމުގެ ކަންތައްތަކުގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ފާތުމަތު ޒައިނާ (ޒޭނާ) އުޅުއްވި ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ޒޭނާއަކީ ކުރިން ވީޓީވީ އާއި ޗެނަލް 13 އިގެ އިތުރުން ފަސްޓް ލޭޑީ، މެޑަމް ފާތުމަތު އިބްރާހިމްގެ އޮފީހުގައި ވެސް މަސައްކަތް ކުރެއްވި ކުރީގެ ނޫސްވެރިއެކެވެ. ރޭގެ އިވެންޓް ރޭވުމުގެ ބައެއް ކަންކަމުގައި ޒޭނާ އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައި ވަނީ ރާއްޖެ ޓީވީއިންނެވެ.
މިހާރު ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން އަންނަ އެ ވީޑިއޯގައި ރޭގެ އެ ހަފްލާގެ ސީޓިން އެރޭންޖްމަންޓްސް ހަމަޖައްސަވަން ޒޭނާ ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު ފެނެ އެވެ. އެގޮތުން މީހުން ތިބެން ޖެހޭ ތަންތަން ބުނެދޭ ނަމްބަރުތައް ޖަހާފައި ހުރި ކާޑުކޮޅުތަކެއް ހިއްޕަވައިގެން ޒޭނާ އުޅުއްވާ މަންޒަރު ވެސް އެ ވީޑިއޯގައި ހިމެނެ އެވެ.
މި ވީޑިއޯ އާ ގުޅިގެން ޒޭނާގެ ބަހެއް ހޯދަން އަވަސް އިން އޭނާއަށް ތަކުރާރުކޮށް ފޯނު ކުރުމުގެ އިތުރުން ޓެކްސްޓް މެސެޖެއް ކުރި ނަމަވެސް ޒޭނާގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.
ބްރޯޑްކޮމް އަކީ މިނިވަން މުއައްސަސާއެކެވެ. ވީޑިއޯއާ ގުޅިގެން އެ މުއައްސަސާއެއްގެ މެންބަރަކު އެފަދަ ހަރަކާތެއްގައި ބައިވެރިވުމަކީ އެ މުއައްސަސާގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ޒޭނާއަށް ފާޑު ކިޔާފައެވެ.
ސަރުކާރުން އިންތިޒާމްކުރި ހަރަކާތެއްގައި ޒޭނާ ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯއެއް ރާއްޖެ ޓީވީން އާންމުކުރި އިރު ދެ ފަހަރެއްގެ މަތިން ބްރޯޑްކޮމް އިން ވަނީ އެ ޓީވީ ސްޓޭޝަން ޖޫރިމަނާކޮށްފަ އެވެ. ރޭގެ އިވެންޓްގައި ޒޭނާ ބައިވެރިވެ ވަޑައިގެން ހަރަކާތްތެރިވެ ވަޑައިގެންނެވި އިރު އިވެންޓް ހުށަޙަޅުއްވައި ދެއްވަން ހުންނެވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުއް ލަތީފެވެ.