މިފްކޯ

މިއަހަރުގެ ޓޫނާ ކޮންފަރެންސްގައި ވެސް މިފްކޯ ބައިވެރިވެއްޖެ

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޓޫނާ ކޮންފަރެންސްގައި މިފްކޯއިން ބައިވެރިވެއްޖެ އެވެ. ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މި މަހުގެ 23 އިން 25 އަށް ކުރިއަށް ދިޔަ މި ކޮންފަރެންސްގައި މިފްކޯގެ ގިނަ އުފެއްދުންތަކެއް ދައްކާލައި ރަހަ ބެލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވެ އެވެ.

ދުނިޔޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެންމެ ގިނައިން އުފައްދާ އެއް ގައުމު ކަމަށްވާ ތައިލެންޑްގައި ކޮންމެ އަހަރަކު ބާއްވާ މި ކޮންފަރެންސަކީ ދުނިޔޭގެ ހުރިހާ ސަރަހައްދަކުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ސިނާއަތާއި ގުޅުންހުރި ތަފާތު ފަރާތްތައް ބައިވެރިވާ ކޮންފަރެންސެކެވެ. ކުރީގެ އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު އާ ބަޔަރުންގެ އިތުރުން މި ސިނާއަތާއި ގުޅޭ އެކި ދާއިރާތަކުން އާ ތަޖުރިބާއާއި ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދިޔަ ކޮންފަރެންސަކަށް މިފަހަރުގެ ކޮންފަރެންސް ވެސް ވެގެންދިޔަ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ، ރާއްޖެއިން ކުރާ ތިމާވެއްޓާއި ރައްޓެހި ދޮށީގެ މަސްވެރިކަން ދަމަހައްޓާ ކުރިއެރުވުމަށް އަދި އެ ސިނާއަތުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އެހެން ގައުމުތަކުން ބަލައިގަނެ އެކަމުގެ އަގު ވަޒަންކުރެވިގެންދިޔަ ކަމަށް މިފަހަރުގެ ކޮންފަރެންސްއިން ފާހަގަވި ކަމަށެވެ.