ރިޕޯޓް

އާ ވާހަކަތަކާއެކު ބޮޑެތި ޝަރީއަތްތައް ބާރަށް ކުރިޔަށް!

"ސިޔާސީ" ދައުވާތައް ކަމަށް ބުނާ ނުވަތަ ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ޝަރީއަތްތަކުގެ އަޑުއެހުންތައް ކައިރީ ކައިރީގައި ވަނީ ބާއްވަން ފަށާފަ އެވެ. "ނޭވާލާނެ ވަގުތެއް" ކޯޓްގެ އޮފިޝަލުންނަށާއި ވަކީލުންނަށް އަދި ކޯޓް ކަވަރުކުރާ ނޫސްވެރިންނަށް މި ދުވަސްކޮޅު ނޯވެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށްފަހު ފެންމަތިވި މައްސަލަތަކުގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ މީހުންގެ މައްސަލަތައް މިދިޔަ ދެ ހަފުތާއިން ފެށިގެން ކައިރި ކައިރީގައި ބާއްވަ އެވެ. އެ މައްސަލަތައް އަވަސްކޮށް ގެންދާތީ ބައެއް ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ޝަކުވާވެސް ކޮށްފަ އެވެ. ވަކީލުންގެ މައިގަނޑު ޝަކުވާއަކީ ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނާ ބުނުމެވެ.

"ނުފޫޒެއް ނެތް، އަވަސް ކުރަނީ ރޯދަ ކައިރިވާތީ"

ކައިރި ކައިރިން ތަވާލުކުރާ ގިނަ މައްސަލަތައް ކްރިމިނަލް ކޯޓްގައި ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވި ގޮތުގައި މައްސަލަތައް އަވަސް ކުރަން ބާރު އަޅާފައި ވަނީ ކުރިއަށް އޮތީ ބަރަކާތްތެރި ރޯދަ މަސް ކަމަށް ވާތީ އާއި ރޯދަ މަހު ޝަރީއަތްތައް ކުރިޔަށް ގެންދިއުމުގައި އުނދަގޫތަކެއް ވާނެތީ އެވެ. މީގެ އިތުރުން މައްސަލަތައް ލަސްވެ، ބަންދުގައި ތިބެންޖެހޭ މުއްދަތު އިތުރުވުމަކީ ވެސް މައްސަލަތައް އަވަސްކުރާ ސަބަބެއް ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. ގާޒީ އިބްރާހިމް އަލީ ވިދާޅުވި ގޮތުގައި މައްސަލަތައް އަވަސްކޮށް ކުރިއަށް ގެންދިޔުމުގައި އެއްވެސް މުއައްސަސާއެއްގެ ނުފޫޒެއް އެއްވެސް ފަނޑިޔާރަކަށް ނެތެވެ.

މައްސަލަތައް އަވަސްކުރާ ސަބަބު މިއޮތީ އެނގިފަ އެވެ. އެހެން ކަމުން މިދިޔަ ދެ ހަފުތާގެ ތެރޭގައި ކުރިއަށް ދިޔަ ބައެއް މައްސަލަތަކުގެ އަޑުއެހުންތަކަށް ބަލާލަމާ ހެއްޔެވެ؟

ގިނަ އަޑުއެހުންތަކެއް!

ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ" ގައި ބޮމެއް ހަރުކުރަން އެ ލޯންޗްކޮޅު ބޭނުންކުރި ކަމަށް ތުހުމަތުކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށްކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރެއްވި މައްސަލާގެ އަޑުއެހުމެއް ދެހަފުތާ ކުރިން ބޭއްވި އެވެ. އެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ހެކި ހުށަހަޅާފަ އެވެ. މީޑިއާގައި ބޮޑު ސަމާލުކަމެއް މި މައްސަލައަށް ލިބިގެން ދިޔައީ އަދީބުގެ ހެއްކެއްގެ ގޮތުގައި މޯލްޑިވިއަން އައިޑޮލް ހުށަހަޅައިދިން އައިމިނަތު މައުރީނާގެ ނަން އައުމުންނެވެ. އޭނާއަކީ ކުރީގެ ނައިބު ރައީސްގެ އޮފީހުގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ. މީގެއިތުރުންވެސް މި މައްސަލާގައި ގިނަ ހެކިތަކެއް ހުށަހަޅާފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަ ވެސް ކުރީ ހަފުތާގެ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އެވެ. އެއީ ވެސް ހެކި ހުށަހެޅުމުގެ މަޖިލީހެކެވެ. ނަމަވެސް ޒިޔަތުގެ ވަކީލް އެ އަޑުއެހުމަށް ވަޑައި ނުގަންނަވާތީ ޝަރީއަތުގެ މަޖިލިސް ބޭއްވޭ ގޮތެއް ނުވެއެވެ. އެކަމާ ގުޅިގެން ޝަރީއަތުގެ އަޑުއެހުންތައް ލަސްވާ ގޮތަށް ވަކީލުން އަމަލު ކުރާނަމަ ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ގާޒީ އިބްރާހިމް އަލީ ދެއްވި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮތީ ބުދަ ދުވަހު އެވެ. އެ އަޑުއެހުމުގައި ވަނީ ހެކި ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުންނާއި ދައުވާ ރައްދުވާ ތިން ފަރާތުން ވެސް ހެކިން ހުށަހެޅި އެވެ. ހާމިދު ވަނީ ދިފާއީ ހެކިންގެ ގޮތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ އާއި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ނަން ދީފަ އެވެ.

މި ހަފުތާގެ އާދިއްތަ ދުވަހު، މޭޑޭގައި އަދީބު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް ބޭއްވި އެވެ. ނަމަވެސް އެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ސަބަބަކަށްވީ، ދައުލަތަށް ހެކިން ހާޒިރު ނުކުރެވުމެވެ.

މިދިއަ ހޯމަ ދުވަހު އަދީބާއި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ހުސައިން ރިކާޒާއި އަހުމަދު އާމިރުގެ މައްޗަށް ރިޔާސީ ލޯންޗުކޮޅުގެ މައްސަލާގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ވެސް ބޭއްވި އެވެ. އެ އަޑުއެހުމަކީ ބުރާސްފަތި ދުވަހަށް ކުރިން ތާވަލްކުރި އަޑުއެހުމެކެވެ. މައްސަލަ އަވަސް ކުރަން ގާޒީ އެ އަޑުއެހުން އަވަސްކުރެއްވީ އެވެ. ނަމަވެސް އަޑުއެހުން ޖެހުނީ ކެންސަލްކުރާށެވެ. އެއީ ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބި ވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ އަދީބު ޝަކުވާ ކުރެއްވުމުންނެވެ. މި މައްސަލާގައި އަޑުއެހުން ކުރިން ވެސް ތާވަލްކުރި ގޮތަށް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ދައުލަތާއި ދައުވާ ރައްދުވާ ތިން ފަރާތުން ވެސް ވަނީ ހެކިން ހުށަހަޅާފަ އެވެ. މައްސަލާގެ ހެކި ބަސް ނެގުން އަންނަ ހަފުތާ އޮންނާނެ އެވެ.

މިދިއަ ހޯމަ ދުވަހު ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ ޝަރީއަތް ވެސް އޮތެވެ. އޮތީ ހެކި ހުށަހެޅުމެވެ. ހެކީގެ ގޮތު ދައުލަތުން ވަނީ ސިއްރު ހެކިތަކެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ ސިއްރު ހެކިން ވަނީ ހާމަވެފަ އެވެ. މުހުތާޒު ވަނީ ސިއްރު ހެކީގެ މައުލޫމާތު މައްސަލާގައި ދީފައިވާ ލިޔެކިޔުންތަކުގައި ހުރިކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުން ސިއްރު ހެކީގެ ގޮތުގައި ހުށަހެޅި ނަންތައް ހެކީގެ ގޮތުގައި މުހުތާޒު ވަނީ ހުށަހަޅާފަ އެވެ.

މިދިޔަ އަންގާރަ ދުވަހަކީ ކްރިމިނަލް ކޯޓް ބިޒީ ދުވަހެކެވެ. ބޮޑު ތިން މައްސަލައެއް އެ ދުވަހު ކުރިއަށް ގެންދިޔަ އެވެ. އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްސަލާގައި އެ ދުވަހު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅާފަ އެވެ. އެ ދުވަހު ދެން ކުރިއަށް ދިޔައީ ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮވި މައްސަލާގައި ދައުވާކޮށްފައިވާ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ ދެ މީހުން ކަމަށްވާ، މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްސަލަ އެވެ. އެ އަޑުއެހުމުގައި އޮތީ، ހެކި ބަސް ނުނެގި ހުރި ހެކިންގެ ހެކި ބަސް ނެގުމެވެ. ނަމަވެސް ދައުލަތަށް އެ ހެކިން ހާޒިރު ކުރެވިފައި ނުވާތީ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

ދެން އޮތީ، ޕާޕާގެ މައްސަލައެވެ. އެއީ ޕާޕާއަށް ވަކިން ކޮށްފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ އަޑުއެހުމުގައި އޮތީ، ނުނެގި ހުރި ހެކިންގެ ހެކި ބަސް ނެގުމެވެ.

ރިޔާސީ ލޯންޗޮކޮޅުގެ ހާދިސާއަށްފަހު ހިނގާދިޔަ ކަންކަމުގެ ތެރޭގައި ހައްޔަރުކުރި އިންތިފް ރައޫފްގެ މައްސަލަ ނިންމާ ހުކުމްކުރި އެވެ. އެ މައްސަލާގައި ހުކުމް ކޮށްފައިވަނީ މީހަކު މަރާލެވޭފަދަ ހަތިޔާރެއް އިންތިފް ގެންގުޅެފައިވާކަން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ބުދަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މި ދެ ހަފުތާގައި މައްސަލަތައް ސްޕީޑްގައި ކުރިއަށް ގެންދިޔައިރު އަންނަ ހަފުތާއަށް ވެސް ވަނީ ގިނަ މައްސަލަތަކެއް ތާވަލުކޮށްފަ އެވެ. އެގޮތުން އަންނަ ހަފުތާގެ އަންގާރަ ދުވަހަކީ ކްރިމިނަލް ބިީޒީ ވެގެންދާނެ ދުވަހެކެވެ. އެ ދުވަހަށް އަދީބުގެ މައްސަލަތަކެއް ތާވަލުކުރެވިފައިވެ އެވެ. ބެލެވޭ ގޮތުގައި އަދީބު މައްސަލަތަކާއި އެހެން ވެސް ބައެއް މައްސަލަތަކުގެ ހުކުމް ރޯދަ މަހުގެ ކުރިން އަންނާނެ އެވެ. ނޫނީ ރޯދަ މަހު ކުރީ ކޮޅު މައްސަލަތަކުގައި ހުކުމް ކުރާނެ އެވެ.

އާ ކަންކަން ފެންމަތިވި!

ލޯންޗުކޮޅުގެ މައްސަލާގައި ކުރިން ނީވޭ ކުރިން ފެންމަތިނުވާ ކަންތައްތަކެއް ޝަރީއަތްތަކުގައި ވަނީ ފެންމަތިވެފަ އެވެ. ފިނިފެންމާ މައްސަލާގައި ދައުވާ ކޮށްފައިވާ އަދީބާއި ދެ ބޮޑީގާޑުންގެ މައްސަލާގައި ހެކި ހުށަހެޅުމަށް ބޭއްވި އަޑުއެހުމަކީ އާ އެތައް ވާހަކައެއް އަޑު އިވުނު އަޑުއެހުމެކެވެ. އެގޮތުން އެ އަޑުއެހުމުގައި އަލަށް ފެންމަތި ބައެއް ކަންކަމަށް ބަލާލާނަމެވެ.

  • ރައީސްގެ ދަރިކަލުން އެއާޕޯޓުން މާލެ ގެނައީ އެހެން ލޯންޗުކޮޅެއްގައި ކަމަށް އަދީބުގެ ވަކީލް ވިދާޅުވުން
  • ހާދިސާގައި އެންމެ ބޮޑު އަނިޔާ ލިބިލެއްވި މެޑަމް ފާތުމަތު އިބްރާހިމް މެޑިކޯ ލީގަލް ރިޕޯޓްގައި އެކަމަނާގެ ނަން ނެތުން
  • ލޯންޗްކޮޅުގެ ހަމަލާ ނާކާމިޔާބުވެ، އަދީބުގެ މައްޗަށް ތުހުމަތުކުރެވޭނަމަ ފިއްލަވައިގެން ރާއްޖެ ދޫކޮށްދިއުމަށް އަދީބު މަސައްކަތް ކުރައްވާފައިވާ ކަމަށް ދައުލަތުން ވިދާޅުވުން
  • ރާއްޖެއިން ފިއްލަވަން ބޭރަށް ދިޔުމަށް ވިސާ ހޯދުމަށް އަދީބު މަސައްކަތްކޮށްފައިވާ ކަމަށް ދައުލަތުން ވިދާޅުވުން
  • ރައީސް އަވަހާރަކޮށްލުމުގައި ނާކާމިޔާބުވެއްޖެނަމަ ބަޔަކަށް ވިހަދީ މަރާލަން ރާވައި ގޮވާ އެއްޗެހި ބޭނުންކުރާނެ ގޮތް އަދީބު ހޯދި ކަމަށް ދައުލަތުން ވިދާޅުވުން
  • ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުގެ ކުރިން އަދި އަދީބު އެ ލޯންޗުކޮޅު ބޭނުންކުރެއްވުމުގެ ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ލޯންޗުކޮޅު ބޭނުންކުރެއްވުން
  • އާރަށަށް ވަޑައިގެން ފިނިފެންމާ ލޯންޗުކޮޅުގައި އެކަހެރި ވަގުތުތަކެއް އަދީބު ހޭދަކޮށްފައިނުވާ ކަމަށް އަދީބުގެ ވަކީލު ވިދާޅުވުން
  • ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާފައިވަނީ ސަރުކާރުން އަދީބު ބޭރުކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށް ކަމަށް އަދީބުގެ ވަކީލް ވިދާޅުވުން

އަދީބަށް މައްސަލަތައް އިންސާފުވެރިއެއް ނޫން!

އެންމެ ގިނަ ދައުވާތަކެއް ކޮށްފައިވާ އެންމެ ގިނަ މައްސަލަތަކެއްގައި ކޯޓަށް ހާޒިރުވާން ޖެހިވަޑައިގެންފައިވާ އަދީބު ވަނީ މައްސަލަތައް އަވަސް ސްޕީޑްގައި ގެންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދީބު ވިދާޅުވީ، މައްސަލަތައް އަވަސްކޮށްގެން މައްސަލަތައް ގެންދަވާ ދިމާ އެނގިވަޑައިގަންނަވާ ކަމަށާއި މައްސަލަތައް ކުރިއަށް ދަނީ އިންސާފުން އެއްކިބާވެ ވަކި ދިމާލަކަށް ކަމަށެވެ.

އަދީބު މިހެން ވިދާޅުވެފައިވާއިރު، އަދީބުގެ ވަކީލުން ވެސް މައްސަލަތައް އަވަސްކޮށް ގެންދާތީ މައްސަލަތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ވަކީލުން މި މައްސަލަ ޖައްސާތީ ގާޒީން ވަނީ މި މައްސަތަކުގައި ދައުވާ ލިބޭ ފަރާތްތަކަށް ވަކީލުންނާ ބައްދަލު ކުރެވޭނެ ވަގުތު ދިގު ކޮށްދިނުމަށް އަންގާފަ އެވެ. ނަމަވެސް އަދީބު ވަކީލުން ވިދާޅުވީ ފުލުހުން ވަގުތު އިތުރު ކޮށްދީފައިނުވާ ކަމަށާއި ބައްދަލުކުރަން ލިބެނީ ހަފުތާއަކު ދެ ދުވަހު ދެ ގަޑިއިރު ކަމަށެވެ. އެހެން ވަކީލުން ވެސް ވަނީ މިފަދަ މޫސުމެއްގައި ލިޔެކިޔުންތައް ހިފައިގެން ދަތުރުކުރަން ޖެހުމުން އުނދަގޫވާ ކަމަށް ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ބަސްފުޅު!

މިފަހުން ބޭއްވި ރަސްމިއްޔާތެއްގައި މިދިޔަ އަހަރު އެންމެ އިސްކަމެއްދެއްވީ އަވަސް ސްޕީޑެއްގައި މައްސަލަތައް ކުރިއަށް ގެންގޮސް ނިންމަން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ. އަދި މި އަހަރު ވެސް އެ އަމާޒަށް އެގޮތަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ބޭއިންސާފުގެ އެއްވެސް އުޒުރެއް ނެތްކަން ކަށަވަރުވާ ވަރަށް ހުކުމްގެ ސަބަބުތައް ކަނޑައަޅަން ޖެހޭނެ އެވެ. އަދި ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން މައްސަލާގައި ހިމެނޭ މީހުންގެ މަސްލަހަތުތައް ހިމާޔަތްކުރުމާއި ދެވޭ މިންވަރަކަށް ލުޔެއްދީ އޯގާތެރިވުމަކީ ވެސް އަދުލު އިންސާފުގެ ހާއްސަ ސިފައެކެވެ.