މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ކޯޓްތަކާއި ފަނޑިޔާރުން، ސަރުކާރުން ނުފޫޒުން އެއްކިބާ ކުރެވިފައިވާ ކަމަަށް ސަރުކާރުން ދެކެ އެވެ. ވަރަށް ގިނައިން އެ ވާހަކަ ސަރުކާރުގެ ވެރިން ދައްކަވަ އެވެ.
ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކުރެއްވުމުން އެ އަޑު އިތުރަށް ގަދަކޮށްލި އެވެ. ނަމަވެސް އަނެއްކާވެސް މިއޮތީ ކުރީން އޮތް ތުހުމަތުގެ އަޑު ގަދަވެފަ އެވެ. މިފަހަރުވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައަކާ އެކު އެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން މިހާރު އަމަލުކުރަމުން އަންނަ ގޮތެވެ. ބޮޑު ހިޔާނާތާއި ގުޅުން ހުރި މައްސަލައެއްގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ވެސް އޮތީ ދައުވާ އެއް އުފުލާފަ އެވެ. ނަމަވެސް މަހުލޫފްގެ މައްސަލަ ހިނގައި ގަންނަ ގޮތެއް ނުވެ އެވެ. ޔާމީނާ ދެކޮޅަށް ދަށު ކޯޓުގައި އޮތް މައްސަލައިގެ ސްޕީޑް ވަރަށް ބާރެވެ.
މަހުލޫފް މައްސަލަ ނުހިނގާތީ ސުވާލުތައް އުފެދުމުން ކޯޓުން ބުނީ މަހުލޫފް މައްސަލަ ހިންގެން ނެތީ ކޮވިޑާއި ގުޅިގެން ކަމަށެވެ. ކޮވިޑްގެ ހާލަތު ރަނގަޅުވެ މައްސަލައިގެ ވަށައިގެންވާ އެންމެން ހާޒިރުކުރެވޭ ހިސާބަށް ދިއުމުން ޝަރީއަތްތައް ފަށާނެ ކަމަށެވެ. އެކަމަށް ރަސްމީ ތާރީހެއްވެސް ނެތެވެ. އޮތީ ކޮވިޑް ތައްކަތު ވެއްޖެނަމަ ފަނޑިޔާރަށް ފެނިވަޑައިގަންނަވަންދެން މައްސަލަ ނުފަށާ ބޭއްވުމެވެ.
ނަމަވެސް މަހުލޫފަށް ވުރެ އުމުރުފުޅުން ދޮށީ އަދި ސިއްހީ އެހެން ބައެއް މައްސަލަތައް ވެސް ހުރި ކުރީގެ ރައީސް ޔާމީނާ ހަމައިން އުސޫލު ބަދަލުވެއްޖެ އެވެ. ޔާމީންގެ މައްސަލަ ނިންމަން ކޯޓުން އޮތީ ތައްޔާރުވެގެންނެވެ. އެކަމަށް ތާވަލެއް ހަދާ އިއުލާނު ކުރި އެވެ. ނޮވެންބަރު 25 އަށް ހުކުމް ޖަހާ ގޮތަށެވެ. ނަމަވެސް ކުއްލިއަކަށް އެ ތާވަލު ބަދަލުވެ ކުރީން ކަނޑައެޅި މުއްދަތަށް ވުރެ ފަސް މަސް އަވަހަށް ހުކުމް ކުރަން މިހާރު އޮތީ ނިންމާފަ އެވެ.
ޔާމީންގެ މައްޗަށް އޮތީ ރ. ފުއްގިރި އާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ދައުވާ ކޮށްފައިވާ ދެ މައްސަލަ އެވެ. ދެ މައްސަލަ ވަކިން ކޯޓުގައި ކުރިއަށް ގެންދާއިރު މިއީ އާންމު މަސްލަހަތު ބޮޑު މައްސަލަތަކެކެވެ. އެއީ އެމަނިކުފާނަކީ ކުރީގެ ރައީސަކަށް ވުމުންނާއި އިދިކޮޅު ލީޑަރަށް ވުމުންނެވެ.
ޔާމީންގެ މައްސަލައާ މަހުލޫފްގެ މައްސަލަ ކޯޓުން ތަފާތު ކުރުމުގެ ކުރީން މިނިސްޓަރު މަހުލޫފްގެ މައްސަލަ އޮތީ ޕީޖީއާ ހަމައިންވެސް ތަފާތުކޮށްފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލައާއި މެދު އަމަލުކުރަމުން އައީ ކުރީން އެ އޮފީހުން މައްސަލަތަކުގައި އަމަލުކުރަމުން އައި ގޮތާ މުޅީން ތަފާތު ކޮށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދައުލަތާ ދެމެދު އެ މައްސަލަ ބޯޅައެއްހެން ދެކޮޅަށް އައީ އުކަމުންނެވެ. އެތައް ދުވަހެއް ފަހުން ދައުވާ އުފުލާ ހިސާބަށް ދިޔައީ އެ ސަކަރާތެއްގައި ފަސް މަސް ހޭދަވީ ފަހުންނެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 19 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް ކެންސަލް ކުރީި އެވެ. މަހުލޫފްގެ މައްސަލައަކީ ވެސް އާންމު މަސްލަހަތު ބޮޑު މައްސަލައެކެެވެ. އެއީ ވަޒީރަކަށް ވުމާއި ދައުވާ ގުޅިފައި އޮތީ ރާއްޖެ ސިއްސުވާލި ބޮޑު ހިޔާނާތާ ގުޅިފައިވުމުންނެވެ.
މިނިސްޓްރު މަހުލޫފުގެ މައްސަލަ ކެންސަލްކުރިތާ ދެތިން ދުވަސް ފަހުން އެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަގަޅުވުމުން ކަމަށް ކޯޓުން ނިންމި އެވެ. އެއީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތައް ކޯޓަށް ހާޒިރުކުރަން ޖެހޭތީ ރައްކާތެރިވުމުގެ ގޮތުންނެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް ނިންމިއިރު ރައީސް ޔާމީންގެ މައްޗަށް އާރަށު މައްސަލައިގައި އުފުލާފައިވާ ޝަރީއަތުގެ އަޑުއެހުންތައް ހުއްޓައިނުލައި ކުރިއަށް ދެއެވެ. އެ މައްސަލާގައި ޝާމިލުވާ އެންމެން ކޯޓަށް ހާޒިރުކޮށްގެންނެވެ.
ކޯޓުން މިނިސްޓަރު މަހުލޫފުގެ މައްސަލަ މަޑުޖައްސައިލުމުން އެކަމުގެ ޝަކުވާ ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރެއްވި އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެއްވެސް މައްސަލައެއް ތަފާތު ނުކުރައްވާ ކަމަށެވެ. މިނިސްޓަރު މަހުލޫފުގެ މައްސަލަ މަޑުޖައްސައިލަން ފަނޑިޔާރުންގެ މަޖިލީހުން ނުނިންމަވާ ކަމަށެވެ. އެ މައްސަލަ މަޑުޖައްސައިލަން ނިންމީ މައްސަލަ ބައްލަވާ ފަނޑިޔާރު ކަމަށެވެ.
ޔާމީންގެ މައްސަލަތައް އަވަހަށް ނިންމުން
އާރަށު މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވައިލި އެވެ. މައްސަލައިގެ ހުކުމް އިއްވަން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ. އެކަމަކު އޭގެ ފަހުން ކޯޓުން ވަނީ އެ ތާވަލަށް ބަދަލު ގެނެސް ދެފަރާތުގެ ވަކީލުންނަށް އަންގައިފަ އެވެ. އެގޮތުން މިހާރު ކޯޓުގައި އޮތް ދެ މައްސަލަ ވެސް ޖޫން 30 ވަނަ ދުވަހު ހުކުމް ކުރާ ގޮތަށް ވަނީ ތާވަލުކޮށްފަ އެވެ. ދެ މައްސަލަ ވެސް އެއްދުވަހެއްގެ ދެ ގަޑިއެއްގައި ނިންމަން ތާވަލުކުރީ އެވެ. ކޯޓުން އެގޮތަށް ނިންމީ ކީއްވެ ކަމެއް ސާފުކޮށެއް ނުދިއެވެ.
ކުއްލި މި ބަދަލާއެކު އެންމެންނަށް ލިބުނީ ސިހުމެކެވެ. އަދި ޝަރުއީ ނިޒާމު މިނިވަންކޮށްފައި އޮތް ކަމަށް ސަރުކާރުން ބުނާ ބުނުމާމެދު ސުވާލު އުފެދުނެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ތުހުމަތު ކުރާ ގޮތުން މިއީ ސީދާ ސަރުކާރު އަދި ސިޔާސީ އިސްވެރިންގެ ބާރު އޮތް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުފޫޒު ފޯރުވައިގެން ނިންމާފައިވާ ނިންމުމެކެވެ. ޝަރީއަތް އަވަސްކޮށްގެން އެމަނިކުފާނު ޖަލަށް ލުން އަވަސް ކޮށްލަން ބޭނުންވީ އެވެ.
މި ނިންމުން އައުމުގެ ކުރީން ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ އިސް ބޭފުޅުން ގެންދެވީ ޔާމީން ޖަލަށް ލުން އަވަސް ކުރަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އޭޕްރީލް ދޭއްގައި ރޯދަ ފެށެން ވާއިރަށް އެކަން ނިންމައިލަން ޖެހޭ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ. އެކަން އެ މުއްދަތަށް ނިންމަވާލައްވާނެ ކަމަށްވެސް ބައެއް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މީ ޖޭއެސްސީ އަދި ސަރުކާރުން ފަނޑިޔާރަށް ނުފޫޒު ފޯރުވައިގެން ނިންމާފައިވާ ނިންމެއް ކަމަށް. މިއީ އެއްވެސް އިންސާފުވެރި ޝަރީއަތެއް ނޫން،" ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އާދަމް އާސިފް ވިދާޅުވި އެވެ.
ހަމަހަމަކަން ގާނޫނުން ކަށަވަރުކޮށްދޭ
ވަކި ވަކި މައްސަލަތަކުގައި ތަފާތު ކުރުންތައް ގެންގުޅުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހާއްސަކޮށް އެކަމުގައި ގާނޫނީ ވަކީލުންގެ ކަންބޮޑުވުން ބޮޑެވެ. އަވަސްއާ ވާހަކަ ދެއްކި ގާނޫނީ ވަކީލުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"ވަޒީރަކަށްވީމަ ކޮވިޑާ ގުޅިގެން އަޑުއެހުންތައް މަޑު ޖައްސާލީ. އެކަމަކު އެހެން މައްސަލަތައް ވަރަށް ބާރު ސްޕީޑްގަ ކުރިއަށް ގެންދާތަން މި ފެންނަނީ. ވަކި މީހަކަށް ވީތީ ތަފާތު ކުރުންތަކެއް ނުގެންގުޅެވޭނެ. އެއީ ސީދާ ގާނޫނު އަސާސީ އިން މަނާކޮށްފައި އޮތް ކަމެއް. ގާނޫނާ ހިލާފަށް ކޯޓުން ނިންމާފައި އޮތް ނިންމުމެއް އެއީ. ޖޭއެސްސީ އިސްވެ މިކަން ރަނގަޅުކޮށް ތަރުތީބު ކުރަން ޖެހޭ. އެހެން ނޫނީ ޝަރުއީ ނިޒާމަށް އޮތް އިތުބާރު ކުރީން އޮތް ހާލަތަށް އެ ދިޔައީ،" ކުރީން އިސް ގާޒީކަންވެސް ކުރެއްވެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ވާގޮތުން ގާނޫނުގެ ކުރިމަތީގައި ހުރިހާ މީހުން ވެސް ހަމަހަމަ އެވެ. ކޮންމެ މީހަކަށް ވެސް ގާނޫނުން ލިބިދޭންޖެހޭ ރައްކާތެރިކަމާއި މަންފާތައް ހަމަހަމަކަމާއެކު ލިބެން ޖެހެ އެވެ.
ގާނޫނުގެ ކުރިމަތީގައި އަދި އެމީހެއްްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަ ވެގެންވާ މީހެކެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ.ގާނޫނު އަސާސީގެ 20 ވަނަ މާއްދާ
ހަމައެޔާއެކު ފަނޑިޔާރުންނަކީ އެއްވެސް ބައެއްގެ ނުފޫޒަކަށް ބަލަން ޖެހޭ ބައެއް ނޫން ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި އޮވެ އެވެ. ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގައި ވަނީ އެއްވެސް ފަރާތަކަށް މަންފާއެއް ހާސިލުވާ ގޮތަށް ފަނޑިޔާރުން އަމަލުކޮށްގެން ނުވާނެ ކަމަށެވެ. ފަނޑިޔާރުންނަކީ މިނިވަން އަދި ތައައްސުބެއް ނެތް މުސްތަގިއްލުކަމާއެކު މައްސަލަތައް ބައްލަވަންޖެހޭ ބައެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
"ކޯޓުގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ. ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައިފައި ވަނިކޮށް ކުއްލިއަކަށް ހުކުމް ކުރުން އަވަސްކޮށްލީ. ވަކީލުންނަށްވެސް އެކަން ނޭންގި ބަދަލު ގެނެސް އެ ގެންނެވީ. އެއީ ވަރަށް ސާފުކޮށް ގާނޫނާ ހިލާފު ނިންމުމެއް. އެއީ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމެއް ވިޔަސް މައްސަލަ ބައްލަވާ ފަނޑިޔާރުގެ ނިންމުމެއް ވިޔަސް އެ ނިންމުން ގާނޫނާއި ހިލާފު. އެއީ ބާތިލު ނިންމުމެއް ކަމަށް އަޅުގަނޑު ދެކެނީ. މިކަމުން ވަރަށް ސާފުކޮށް އެބަ އެނގޭ ޝަރީއަތަށް ނުފޫޒު ފޯރުވާކަން. މައްސަލަ ބައްވަލާ ފަނޑިޔާރަށް ނުފޫޒެއް އެބައޮތް ކަމަށް ދެކުމުގެ ވަރަށް ތަނަވަސް ފުރުސަތެއް އެ ހުޅުވީ،" އޭޖީ އޮފީހުގައި ވަރަށް ގިނަ ދުވަހު ވަކީލަކަށް އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.
އިންސާފުވެރިކޮށް ޝަރީއަތްތައް ހިންގުމަކީ ކޯޓުތަކުގެ މައްޗަށް ގާނޫނުން ލާޒިމްކޮށްފައިވާ ކަމެކެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެވެ. ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ އޮތް ސުވާލުތަަކަށް ނިމުމެއް ނައެވެ. ވެރިކަމުގައި ތިބޭ ބަޔަކު ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ފަނޑިޔާރުން އެ ނުފޫޒުގައި ޖެހޭ ކަމުގެ ތުހުމަތަށް ނިމުމެއް ނެތެވެ. އޭގެ ބަދަލުގައި ތުުހުމަތު ބޮޑުވެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ
ރައީސް ޔާމީނާއި މިނިސްޓަރު މަހުލޫފްގެ މައްސަލާގައި ކްރިމިނަލް ކޯޓުން މިހާރު އަމަލު ކުރާ ގޮތުން އެ ތުހުމަތު އެހެން ހަރުފަތަކަށް ދިޔައީ އެވެ.